ވަގުތީ އަމުރެއް ނެރެ ގއ. އަތޮޅު ލީގު ޒަމާނީ ބަށިބޯޅަ މުބާރާތުގެ ފައިނަލް މެޗު ދިގު މުއްދަތަކަށް ލަސްކުރި މައްސަލައިގައި ގއ. ނިލަންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަބްދުއްމުހްސިން އަބްދުލްހަކީމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފިޔަވަޅު އަޅައިފިއެވެ.
އަބްދުއްމުހްސިނަށް ފިޔަވަޅު އަޅާފައިވަނީ ގއ. އަތޮޅު ލީގު ޒަމާނީ ބަށިބޯޅަ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް އިއުލާންކޮށްފައިވަނިކޮށް އެ މުބާރާތް ކުރިއަށްގެންދަނީ މުބާރާތުގެ ގަވައިދުތަކާ ހިލާފަށް ކަމަށް ބުނެ ގއ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ވަގުތީ އަމުރެއް ނެރެ މުބާރާތުގެ ފައިނަލް މެޗުގެ ކުޅުން ހުއްޓުވާފައިވާ މައްސަލައަކީ އަވަހަށް ނިންމަން ޖެހޭ މައްސަލައަކަށް ވީހިނދު، އެ މައްސަލަ ބެލުމުގައި އެކަށީގެންނުވާ މިންވަރަށް ލަސްކޮށް، އެ މައްސަލަ ކުރިއަށް ގެންދިއުމުގައި ގއ. ނިލަންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓްގެ ހައިސިއްޔަތުން އޭނާ އަމަލުކޮށްފައިވަނީ އެކަށީގެންވާ ގޮތަށް ނޫންކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައެވެ.
ޖޭއެސްސީން ބުނީ، ގއ. އަތޮޅު ލީގު ޒަމާނީ ބަށިބޯޅަ މުބާރާތުގެ 11 މެޗުގެ ތެރެއިން ދިހަ މެޗު ކުޅެވި، ފައިނަލް މެޗާ ހަމައިން ވަގުތީ އަމުރެއް ނެރެ މުބާރާތް ދެ މަހާއި 26 ދުވަސްވަންދެން ހުއްޓުވާފައި ބޭއްވުމަކީ އެތައް ބައެއްގެ ވަގުތާއި ހަރަދުތަކެއް އެކަމުގެ ސަބަބުން ބޭކާރުވެގެންދާނެ ކަމެއްކަމަށްވުމާއެކު ފަނޑިޔާރުގެއާ މެދު އާންމުންގެ އިތުބާރު ގެއްލިދާނެ ފަދަ އަމަލެއްކަމަށް ވީހިނދު އިސް މެޖިސްޓްރޭޓް އަމްދުލްމުހްސިންގެ މި އަމަލަކީ ފަނޑިޔާރުންގެ ގާނޫނުގެ ހަތްވަނަ މާއްދާއާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.2 އާއި 3.1 އާއި 3.2 އަދި 6.4 ވަނަ ނަންބަރާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
އެހެންކަމުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 1-32 (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން އިސްމެޖިސްޓްރޭޓް އަބްދުލްމުހްސިނަށް ނަސޭހަތްދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން އެ ނިންމުން ނިންމީ މިމަހުގެ ދިހަވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 11 ވަނަ ޖަލްސާގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު