އިސްލާމިކް ބޭންކިންއަށް ލިބޭ ތަރުހީބު އިތުރުވަމުން އަންނަ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލުން "ބީއެމްއެލް އިސްލާމިކް" ތައާރަފުކޮށްފައިވަނީ 2015 ވަނަ އަހަރެވެ.

ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ތައާރަފުކުރި ހިސާބުން ފެށިގެން މިއަދާ ހަމައަށް ބަލައިލާ އިރު، ދިވެހިންގެ މެދުގައި އިސްލާމިކް ފައިނޭންސިން ހިދުމަތްތަކަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ބީއެމްއެލް އިސްލާމިކްގެ އެސެޓާއި ފައިނޭންސަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި ބޭންކުގެ ފުޅާ ބްރާންޗު ވިއުގަ އާއި އޭޓީއެމްޕީއޯއެސް ޓާމިނަލްތަކުގެ އިތުރުން އިންޓަނެޓް ބޭންކިން އާއި މޯބައިލް ބޭންކިން ޕްލެޓްފޯމް މެދުވެރިކޮށް ކަސްޓަމަރުންނަށް ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަކަން ބޭންކުން ފާހަގަކުރިއެވެ.

ބީއެމްއެލް އިސްލާމިކުން ދޫކުރާ ފައިނޭންސިންގެ ޖުމްލަ އަދަދު ފާއިތުވި ތިން އަހަރު ތެރޭގައި އިތުރުވެގެން ގޮސްފައިވާ އިރު، މި މުއްދަތުގައި ޑިޕޮސިޓްކޮށްފައިވާ އަދަދުވެސް ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 2018 ވަނަ އަހަރުން 2020 އަހަރާ ހަމައަށް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސާކުރެވިފައިވާ އެކައުންޓްތަކަށް ޑިޕޮސިޓްކޮށްފައިވާ އަދަދު އިތުރުވެ މިދިޔަ އަހަރުގެ ނިޔަލަށް މި އަދަދު ވަނީ 1.02 ބިލިއަން ރުފިޔާއަށް އަރައިފައެވެ.

މިދިޔަ އަހަރު ނިމުނުއިރު ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ޖުމްލަ 1.07 ބިލިއަން ރުފިޔާގެ ފައިނޭންސް ވަނީ ދޫކޮށްފައެވެ. ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ނަގާފައިވާ ފައިނޭންސިންގެ 92 އިންސައްތައަކީ ގެދޮރު ގަތުމާއި ގެދޮރު އިމާރާތް ކުރުމަށް ނަގާފައިވާ ފައިނޭންސިންއެވެ. އަދި ހަތަރު އިންސައްތަ ހިއްސާކުރަނީ ގެސްޓްހައުސްތަކަށާއި ވިޔަފާރި ވޯކިން ކެޕިޓަލްއަށް ދޫކޮށްފައިވާ ފައިނޭންސިންއެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަކޮށް ޝަރުއީ ހަމަތަކަށް ފެތޭ ގިނަ ހިދުމަތްތަކެއް ތައާރަފުކުރެވިގެން ދިއުމާއެކު ޖުމްލަ ފައިނޭންސިންއަށް 19 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.

ބީއެމްއެލުން ބުނީ 2018 އަހަރުން ފެށިގެން ބީއެމްއެލް އިސްލާމިކްގެ ލުއި ފަސޭހަ ޝަރުތަކާއެކު އައު ޕްރޮޑަކްޓުތައް ތައާރަފުކުރަން ފެށުމާއެކު ކަސްޓަމަރުންގެ އަދަދު ބޮޑުތަނުން އިތުރުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށާއި ބީއެމްއެލްގެ ކަސްޓަމަރުންގެ ތެރެއިން 45 އިންސައްތަ ކަސްޓަމަރުންނަކީ އަަލަށް ބޭންކާ ގުޅުނު ކަސްޓަމަރުން ކަމަށެވެ.