ބޭނުންވާ އަދަދާ ގާތަށްވެސް ރާއްޖޭގައި ދިވެހި އެކައުންޓެންޓުން ނެތް ކަމަށް އިގުތިސޯދީ ވަޒީރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒް މިފަދައިން ވިދާޅުވީ، ރާއްޖޭގައި ބޭނުންވާ ވަރަށް ދިވެހި އެކައުންޓެންޓުން ނެތް ކަމަށް ވިދާޅުވެ، އިންސްޓިއުޓް އޮފް ޗާޓަޑް އެކައުންޓެންސް އޮފް މޯލްޑިވްސް (ސީއޭ)ގެ ލޯގޯއާއި ވެބްސައިޓު ތައާރަފުކުރުމަަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ދެއްކެވި ވާހަކައަށް ފާޑުވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ދެއްކެވި ވާހަކައަށް ރައްދުދެއްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބޭނުންވާ ކަހަލަ ނުވަތަ ބޭނުން ގޮތަކަށް ވިޔައަކުރުގެ ޖާދޫ ހަދައިދޭނެ ދިވެހި އެކައުންޓެންޓުން ނެތޭ ވިދާޅުވިނަމަ ތަންކޮޅެއް ރަނގަޅުވީސް ކަމަށެވެ.

އަލީ ހުސައިނަށް ރައްދު ދެއްވައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ، އެކައުންޓެންޓުން ބައިވަރު އެބަތިބި ކަމަށާއި ނަމަވެސް ރާއްޖެއަށް ބޭނުންވާ ވަރާ ގާތަށްވެސް އެކައުންޓެންޓުން ނެތް ކަމަށެވެ.

"ދެންނެވީ އިތުރު އެތައް ދިވެހިިންނެއް މި ދާއިރާއަށް އަދިވެސް ނެރެވޭނެ ވާހަކަ، އަދި އެ މަސައްކަތް ކުރާނެ ވާހަކަ. ވިސްނާލައްވާފައި އެއްޗެއް ވިދާޅުވިނަމަ ވަރަށްވެސް ރަނގަޅުވާނެ،" މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

ބޭނުންވާ އަދަދާ ގާތަށްވެސް ރާއްޖޭގައި ދިވެހި އެކައުންޓެންޓުން ނެތް ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވެފައިވާ އިރު، ސީއޭއިން ހެދި ސާވޭއަކުން ދައްކާގޮތުގައި ރާއްޖޭގައި މިވަގުތު 4،500 އެއްހާ ބިދޭސީ އެކައުންޓެންޓުން މަސައްކަތް ކުރެއެވެ.