ކައިވެންޏަކީ ވަރަށް މުގައްދަސް ގުޅުމެކެވެ. އަލަތު ކައިވެނީގެ މަތީގައި މުޅި އުމުރު ހުސްކޮށްލަން ކޮންމެ މީހަކުވެސް ބޭނުންވާނެ އެވެ. އެންމެ ލޯބިވާ މީހާއާ ކައިވެނީގެ ގޮށް ޖަހާލުމަކީ ކޮންމެ މީހަކަށްވެސް ލިބޭނެ ބޮޑު އުފަލެކެވެ. އުމުރުން 16 އަހަރުން ފެށިގެން ލޯބިވެރިޔާއާއެކު އުޅުނު ގޮތް އަދި ކައިވެނީގައި 24 އަހަރު ހޭދަކުރި ގޮތް، އިހުސާސްތަކާއެކު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިވަނީ އޭނާ އަމިއްލައަށް ލިރިކްސް ތައްޔާރުކޮށް އަމިއްލަ އަޑުން ލަވައެއްގެ ގޮތުގައި ވަނީ އިއްވައިދީފައެވެ.

މިއީ ރޮޒެއިނާ އޭނާގެ ލޯބިވާ ފިރިމީހާ، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒަށް ހާއްސަކުރި ލަވައެކެވެ. އަމިއްލައަށް ފުރަތަމަ ފަހަރަށް ތައްޔާރުކުރި މި ލަވަ ފިރިމީހާއަށް އިއްވައިދީފައިވަނީވެސް އަމިއްލަ އަޑުންނެވެ. އެއީ ފިރިމީހާ ދެކެވާ ލޯތްބާއި ކުލުނު ހާމަކޮށްދެވޭނީ އަމިއްލަ ދުލުން ކަމުގައިވާތީ ކަމަށް ވެދާނެއެވެ.

ރޮޒެއިނާ އަމިއްލައަށް ތައްޔާރު ކުރި މި ލަވައިން ލައްކަ ވާހަކަތައް ކިޔައިދެއެވެ. އެގޮތުން ފިރިމީހާ ދެކެވާ ލޯތްބާއެކުގައި 25 އަހަރުވެސް ހޭދަކުރެވުނީ އުފާވެރިކަމާއެކުގައިކަން ވަނީ ހާމަކޮށްފައެވެ. މި ލަވަޔާއެކު ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކައިވެންޏަށް 25 އަހަރު ފުރުމުގެ ތަހުނިޔާ އެންމެ ރަނގަޅު ފިރިމީހާއަށް އަރިސްކުރާ ކަމަށެވެ.

ހަޔާތުގެ ގިނަ ވާހަކަތަކެއް ކިޔައިދެއެވެ. އެކުގައި އަދިވެސް އުޅެން ބޭނުންވާކަން ހާމަކޮށްދިނެވެ. އުމުރުން 16 އަހަރުން ފެށިގެން އެކުގައި އުޅެވުނީ، ނާޝިޒްގެ ފަރާތުން ލިބުނު ވަފާތެރިކަމާއި ލޯތްބާއި އަޅާލުމާއި އޮތް އިތުބާރެއްގެ ބޮޑުކަމުން ކަން ހާމަކޮށްފައިވެއެވެ. ރޮޒައިނާ އާންމުކުރެއްވި އެ ވީޑިއޯ ލަވައިގައި މާޒީގެ ތެރެއިން ބައެއް ފޮޓޯތައް ވެސް ވަނީ ހިއްސާކުރައްވައިފައެވެ.

ވާލޯތްބަކަށް ބަދަލެއް ނުވާ ކަމަށް ބުނެ ރޮޒައިނާ ފެށި މިލަވައިގައި ހާމަކޮށްދެނީ އަދިވެސް އެގޮތުގައި ނާޝިޒާއެކު ހަޔާތުގެ ދުވަސްތައް ހޭދަކުރަން ބޭނުންވާ ކަމެވެ. އެކުގާ ބެލި ހުވަފެންތައް ހާސިލުވީ އެކީ އުޅެގެންކަން ލަވައިން ބުނެދެއެވެ.

އުފަލުގައި ހޭދަވެދަނީ ލޯތްބާއި ވަފާތެރިކަން ލިބޭތީ ކަމަށާއި ކައިވެނީގެ ދުވަސްތައް 25 އަހަރަށް އެޅި ނަމަވެސް ފޫހިކަމެއް ނެތް ކަމަށް ބުނެފައިވެއެވެ. އަދި "ތިއީ ނަސީބޭ ހަމަ މަގޭ، ބުނެލުމުން ކުށަކަށް ނުވޭ،" ކަމަށެވެ.

"ވާލޯތްބަކަށް، ބަދަލެއް ނުވޭ. އެކުގާ އުޅެން، ބޭނުމީ. ވީހާ ދުވަސް ތިލޯބީގާ. އަދިވެސް އެހެން ބޭނުމީ."

ރޮޒެއިނާ އާއި ނާޝިޒްގެ ކައިވެންޏަށް 24 އަހަރު ފުރިފައިވާ އިރު، އެ ކައިވެންޏަށް ވަނީ ދެ ކުދިން ލިބިވަޑައިގެންފައެވެ.

https://www.youtube.com/watch?v=Bbnyzjpg4Sw