ކޮޕާ ޑެލްރޭގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ސެވިއްޔާއިން ބާސެލޯނާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައިފިއެވެ.
ސެވިއްޔާ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބާސާ ކޮޅަށް ގޯލްތައް ޖަހައިދިނީ އިވާން ރަކެޓިޗާއި، ޖޫލްސް ކޯންޑޭއެވެ. ބާސާއާއެކު 11 ތަށި ހޯދައި، ރަކެޓިޗް ބާސާ ދޫކޮށްލީ މިދިޔަ އަހަރު އޯގަސްޓް މަހުގައެވެ. އޭނާ ވަނީ އެ ކްލަބާއެކު ޗެމްޕިއަންސް ލިގާއި ކޮޕަ ޑެލްރޭގެ އިތުރުން ލަލީގާވެސް ކާމިޔާބު ކޮށްފައެވެ.
ކުރިން ރެއާލް މެޑްރިޑަށް ކޯޗުކަން ކޮށްދިން ހުއާން ލޮޕެޓީގުގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ސެވިއްޔާއިން މެޗުގައި ލީޑު ނެގީ 25 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ކޯންޑޭގެ ހިތްގައިމު ގޯލެކެވެ. އަމިއްލަ ހާފު ތެރެއިން ބާރު ދުވެލީގައި ގޮސް، ބާސާގެ ހަތަރު ކުޅުންތެރިން ނައްޓާލުމަށްފަހު ގޯލް ތެރެއަށް ފޮނުވާލި ބޯޅައަށް ބާސާ ގޯލްކީޕަރު މާކް އެންދްރޭ ޓާ ސްޓެގަންއަށް ކުރެވޭނެ އެއްވެސް މަސައްކަތެއް ނެތެވެ.
މެޗު ނިމެން ފަސްވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ރަކެޓިޗްގެ ގޯލް ފެނިގެން ދިޔައިރު، މެޗުގެ ފަހު މިނެޓުގައި ބާސާ ކެޕްޓަން ލިއޮނަލް މެސީގެ ނުރައްކާތެރި ހަމަލާއެއް ފެނުނެވެ. އޭނާގެ ބާރު ބޯޅަ މަތަކޮށް ބޭރުކޮށްލީ ގޯލްކީޕަރު ބޯނޯއެވެ.
ބާސާގެ ދަނޑުގައި އޮންނަ ދެވަނަ ލެގު އޮންނާނީ މާޗު ތިންވަނަ ދުވަހުއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު