ނޫސްވެރިޔާ އަހުމަދު ރިޟްވާން ހުޅުމާލޭގައި ދިރިއުޅެމުންދިޔަ ފްލެޓް ކައިރިން، ފެނުނު ވަޅި، ރާއްޖޭން ބޭރަށް ފޮނުވައިގެން ތަހުލީލު ކުރަމުން އަންނަ ކަމަށް މަރު ކޮމިޝަނުން ބުނެފި އެވެ.

މަރު ކޮމިޝަނުން އިއްޔެ ވަނީ، ރިލްވާން ހުޅުމާލޭގައި ދިރިއުޅެމުންދިޔަ 21 ނަންބަރު ފްލެޓް ކައިރިން ގަދަ ކަމުން މީހަކު ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިފައިވާ ވަޅިއެއްގެ ފޮޓޯ އާންމުކޮށް، އެކަމާ ގުޅޭ މައުލޫމާތު އެނގޭ ފަރާތެއް ވާނަމަ އެކަން އެ ކޮމިޝަނަށް އެންގުމަށް އެދިފަ އެވެ. އަދި އެ ވަޅިއާ ގުޅޭ ގޮތުން ނުވަތަ އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން ސާބިތު ހިފޭ ވަރުގެ ސައްހަ މައުލޫމާތެއް ފޯރުކޮށްދިން ފަރާތަކަށް ފަސް ލައްކަ ރުފިޔާ ދޭނެ ކަމަށް ވެސް އިއުލާންކުރި އެވެ.

ރިލްވާންގެ މައްސަލައާ ގުޅޭ މައުލޫމާތު ދިނުމަށް މަރު ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެންބަރު މިސްބާހު އައްބާސް ވިދާޅުވީ، އެ ވަޅީގެ ފޮރެންސިކް ޓެސްޓުތަކެއް ފުލުހުން ކުރިން ހަދާފައިވާ ކަމަށެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއެކު އަދި ފުލުހުން ކޮށްފައިވާ ތަހުލީލުތަކަށް ރިއާޔަތްކޮށް ވަޅި ރާއްޖޭން ބޭރަށް ފޮނުވައިގެން މިހާރު ހެދެން ހުރި އިތުރު ތަހުލީލުތައް ހަދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ރާއްޖެއިން ބޭރަށް ވަޅި ފޮނުވައިގެން މިހާރު ހެދެން ހުރި ތަހުލީލުތައް މިދަނީ ހަދަމުން. އެ ތަހުލީލުތަކުގެ އަލީގައި އެ ވަޅިއަކީ އަޅުގަނޑުމެން ކުރަމުން ގެންދާ މަސައްކަތުގައި މުހިންމު ހެއްކަކަށް މިވަނީ ވެފައި. މިވަގުތު ވަޅިއާ ގުޅޭގޮތުން އިތުރު ތަފްސީލު ހާމަކުރަން އުޒުރުވެރިވަން،"

މިސްބާހު ވިދާޅުވީ، ރިލްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިއުމަށްފަހު ދެން ހިނގައިދިޔަ ކަންތައްތަކާއި އެކަންތައްތަކުގެ ތަފްސީލު އެނގޭނެ ފަރާތްތައް އަދިވެސް އާންމުންގެ ތެރޭގައި ތިބޭނެ ކަމަށް އަދިވެސް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކުން ފަސް ނުޖެހި އެ މައުލޫމާތު ހިއްސާ ކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ރިލްވާން ގެއްލުނުތާ މިހާރު ހަ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެ މައްސަލަ ތަހުގީގުކުރާ ޓީމަށް ބޭރުގެ އިންވެސްޓިގޭޓަރެއް ވަނީ ގެނެސްފަ އެވެ.