ހަރުކަށި ފިކުރުގެ ގައިދީން ރިހެބިލިޓޭޓް ކުރުމަށް ހާއްސަ ޔުނިޓެއް މާފުށި ޖަލުގައި މިއަދު ހުޅުވައިފިއެވެ.

މިއަދު ހެނދުނު މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޖަލުގައި އަލަށް ގާއިމުކުރި ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. މިނިސްޓަރު ވަނީ މި ޔުނިޓް ހިންގުމަށް ހާއްސަކޮށް އެކުލަވާލެވިފައިވާ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖަސް (އެސްއޯޕީ) ވެސް އިފްތިތާހުކޮށްދެއްވައިފައެވެ. މި އެސްއޯޕީއަކީ ޔޫއެންއޯޑީސީގެ ފަންނީ ލަފަ އާއި އީޔޫގެ މާލީ އެހީތެރިކަމާއެކު އެކުލަވާލާފައިވާ އެސްއޯޕީއެކެވެ.

ކަރެކްޝަންސް އިން ބުނީ ސްޕެޝަލް މެނޭޖްމަންޓް ޔުނިޓަކީ 100 ގައިދީންގެ ޖާގައިގެ ޔުނިޓެއް ކަމަށާއި މި ޔުނިޓަކީ ހަރުކަށި ފިކުރުގެ ގައިދީން ރިހެބިލިޓޭޓް ކުރުމަށް ހާއްސަކުރެވިފައިވާ ޔުނިޓެއް ކަމަށެވެ. އަދި މި ޔުނިޓުގައި ގައިދީން ރިހެބިލިޓޭޓްކޮށް، ރަނގަޅު ފަރުދުންގެ ގޮތުގައި އަނބުރާ މުޖުތަމައުއަށް ގެނައުމަށްޓަކައި ހާއްސަ ޕްރޮގްރާމްތަކެއް ހިންގޭނެ ކަމަށާއި އެގޮތުން ބޭނުންވާ ހުނަރާއި ތަމްރީންގެ ބައެއް ޕްރޮގްރާމްތައް މިހާރުވެސް ޔޫއެންއޯޑީސީ އަދި އީޔޫގެ އެހީތެރިކަމާއެކު އޮފިސަރުންނަށް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.

މި ރަސްމިއްޔާތު މިނިސްޓަރު އިމްރާން ވިދާޅުވީ ހަރުކަށި ފިކުރާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ޖަލުގައި އެކަމަށް ހާއްސަ ޔުނިޓެއް ގާއިމުވެގެން ދިއުމަކީ މި މަސައްކަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި މަސައްކަތުގެ ސަބަބުން ޖަލުތަކުގެ ތެރޭގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"އަދިވެސް ޖަލުގައި ތަފާތު ކުށްތަކުގައި ބަންދުކޮށްފައި ތިބި މީހުން ވަކިން ގެންގުޅެން އިސްކަންދީ މަސައްކަތް ކުރާނަން. އެއީ ކުށްވެރިން ރިހިބިލިޓޭޓްކުރަންވެސް އެޅޭ މުހިންމު ފިޔަވަޅެއް. ތަފާތު ކުށްވެރިންނަށް ތަފާތު ގޮތުގައި ރިހިބިލިޓޭޓް ޕްރޮގްރާމް ހިންގި، ދޭންޖެހޭ ފަރުވާދެވި، ކަންކަން ތަރުތީބުކުރުން އެއީ އެންމެ މުހިއްމު އެއްކަންތައް،" މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ޖަލުގައި އެކި ބާވަތުގެ ކުށް ކުރާ ގައިދީން އެއްތަނެއްގައި ގެންގުޅެން ޖެހުމުން، ހަރުކަށި ފިކުރު ފަތުރާ ފަރާތްތައް އޭގެ ނާޖައިޒް ފައިދާ ނަގަމުންދާ ކަމަށާއި އެކަމުގެ ނޭދެވޭ އަސަރު ފޯރަމުންދާ ކަމަށެވެ. މިފަދަ ޔުނިޓެއް ގާއިމުވެގެން ދިއުމަކީ އެފަދަ ހަރަކާތްތަކާއި ވިސްނުން ފަތުރަމުންދާ މީހުން ވަކިން ބެހެއްޓުމަށާއި ރިހެބިލިޓޭޓްކުރުމަށް ލުއި ފަސޭހަ ވެގެންދާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.