ސްކޫލަށް ކުދިން ގެންގޮސްގެން ކިޔަވައިދިނުމުގެ ބަދަލުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ނިންމި ނިންމުން ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އެ ސްކޫލަށް އަންގައިފިއެވެ.

ކޮވިޑް 19ގެ ހާލަތު ގޯސްވެ ކޭސްތައް އިތުރުވުމާ ގުޅިގެން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެ ސްކޫލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮންލައިން ކްލާސްތަކަށް ބަދަލުކުރުމަށް ވަގުތީގޮތުން ނިންމީ، ސްކޫލުގެ އިސް މެނޭޖްމަންޓާއި އެގްޒެކެޓިވް މެނޭޖްމަންޓް އަދި ބެލެނިވެރިންގެ މަންދޫބުން ހިމެނޭ ސްކޫލުގެ ރީއޯޕެނިން ކޮމިޓީގެ އިއްތިފާގުން ކަމަށެވެ.

ނަމަވެސް މި ނިންމުން ބަދަލުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އެ ސްކޫލަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ. އަދި މާދަމާ އިން ފެށިގެން ކުރިއެކޭވެސް އެއްގޮތަށް ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުމަށް އެޑިއުކޭޝަނުން އަންގާފައިވާ ކަމަށްވެސް އެ ސްކޫލުން ވަނީ ބުނެފައެވެ.

ގިޔާސުއްދީނުން ބުނީ މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ކޮވިޑް ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި އެ ސްކޫލުގެ 13 މުވައްޒަފަކާއި 17 ދަރިވަރަކު ކަރަންޓީންކޮށްފައިވާ ކަމަށާއި އޭގެ އިތުރުން މިހާތަނަށް ދެ މުވައްޒަފަކާއި ދަރިވަރަކު ވެސް ކޮވިޑަށް ޕޮޒިޓިވެފައިވާ ކަމަށެވެ. މީގެ އިތުރުން ދަރިވަރުންގެ ސަލާމަތަށް އެ ސްކޫލުގައި އެންމެ މަތީ ލެވެލެއްގައި މަސައްކަތް ކުރާނެ ކަމަށްވެސް އެ ސްކޫލުން ވަނީ ބުނެފައެވެ.

އެޑިއުކޭޝަނުން މިގޮތަށް އެ ސްކޫލަށް އެންގުމުން އެ ސްކޫލުގެ ބައެއް ބެލެނެވެރިން ވަނީ ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން އެ ސްކޫލަކީ ޕްރައިވެޓް ސްކޫލެއް ކަމަށާއި މިހާރުވެސް އެތައް ބަޔަކު ކޮންޓެކްޓުވެ ކަރަންޓީނުގައި ތިބެން ޖެހުމުގެ ސަބަބުން އެ ސްކޫލުން އެ ނިންމި ނިންމުން ރަނގަޅު ކަމަށްވެސް ބައެއް ބެލެނިވެރިން ވަނީ ބުނެފައެވެ.