ދިރާގުން މަމެން ޑޭޓާ އެޑް-އޮން ތަކުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނީ، މި ޕްރޮމޯޝަންގެ ދަށުން 20 މާރިޗްއާ ހަމައަށް ޑޭޓާ އެޑް އޮން ތަކުން 15 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.

ޑޭޓާ އެޑް-އޮން ނަގަން ބޭނުންވާ ކަސްޓަމަރުން މަމެން އެޕްލިކޭޝަން މެދުވެރިކޮށް "އެޑް-އޮންސް" ޓެބުން ލިބެން ހުންނަ އެޑް-އޮންތައް ބަލާލެވޭނެއެވެ. ޕެކޭޖުތަކުގެ އަދަދު ދައްކާފައި ހުންނާނީ "އާބީ" އިންނެވެ. އަދި ޕެކޭޖު ގަތުމާއެކު "އާބީ"ގެ ބެލެންސުން ކެނޑިގެންދާނެ އެވެ.

ދިރާގުން ބުނީ، ހުރިހާ ކަސްޓަމަރުން ވެސް އެޑްއޮން ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ނުވަތަ ބާކީ ޗެކު ކުރުމަށް އެދޭ ކަމަށެވެ. އެގޮތުން އެކައުންޓުގެ ބާކީ ބެލުމަށް މަމެން މޮބައިލް އެޕް ނުވަތަ 727 އަށް އެސްއެމްއެސް ކޮށްގެން ނުވަތަ *142# އަށް ގުޅާލައިގެން ބަލާލެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ވަނީ ހާއްސަ ޑޭޓާ އެޑްއޮން ޕެކޭޖުތަކެއް މިދިޔަ އަހަރު ޑިސެމްބަރު މަހުގެތެރޭގައި ތައާރަފު ކޮށްފައެވެ. މި އެޑް އޮން ތަކަކީ ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިންގެ ބޭނުންތަކަށް ހާއްސަ ކޮށްގެން ފަރުމާ ކޮށްފައިވާ އެޑްއޮން ތަކެކެވެ. އަދި ކަސްޓަމަރުންނަށް ހަތް ދުވަހާއި 15 ދުވަހާ އަދި 30 ދުވަހުގެ މުއްދަތު ހިމެނޭ އެޑް-އޮން ނެގޭނެ އެވެ.

ދިރާގު މަމެން އަކީ ޒުވާނުންނަށް އަމާޒު ކޮށްގެން ތައާރަފު ކުރި އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭ ގޮތަށް އުފެއްދި އިންގިލާބީ މޯބައިލް ޕްލޭނެކެވެ. މި މޮބައިލް ޕްލޭނަކީ ޒުވާނުންގެ މެދުގައި ނުހަނު މަގުބޫލުކަން ހޯދާފައިވާ އެޕެއްކަން ވެސް ފާހަގަކޮށްލެވެ އެވެ.