ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް އެލިއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި އެވެ.
މިއީ އަތޮޅުތެރޭގައި ފަސް ހޮސްޕިޓަލް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓުގެ ދަށުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ތަރައްގީކުރުމުގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލެވެ. އެލިއާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަތޯ އަލީއެވެ. މި މަސައްކަތް އެލިއާއާ ހަވާލުކުރީ 72.1 މިލިއަން ރުފިޔާއަށެވެ. އެއީ 239 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
މި ޕްރޮޖެކްޓުގެ ދަށުން 10 ބެޑުގެ ފުލްފްލެޖް އީއާރަކާއި ދެ އޮޕަރޭޝަން ތިއޭޓަރު ކޮމްޕްލެކްސް އާއި ލެބޯޓަރީއަކާއި ޕްރައިވެޓް ރޫމާއި ރޭޑިއޮލޮޖީ ޑިޕާޓްމަންޓެއް ހަދާނެއެވެ. އެ ޑިޕާޓްމަންޓުގައި އެކްސްރޭ، ސްކޭން، ސީޓީ ސްކޭން އަދި އެމްއާރުއައި ހެދޭނެ އެވެ. އޭގެ އިތުރުން ސީއެސްއެސްޑީ ހެދިގެންދާ އިރު، އެތަނުގައި 150 ކިލޯ ވޯޓުގެ ސޯލާ ހަރުކުރެވިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
ރާއްޖޭގެ ފަސް ސަރަހައްދުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކެއް ތަރައްގީކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ފަސް ރަށެއްގައި ޓާޝިއަރީ ހޮސްޕިޓަލް ހެދުމަށް 191 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ އިތުރުން ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ޕްރޮޖެކްޓަށް 34 މިލިއަން ރުފިޔާ އާއި ލ. ގަމުގައި ކެންސަރު ހޮސްޕިޓަލް އިމާރާތްކުރުމަށް 98 މިލިއަން ރުފިޔާ ހިމަނަފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު