މާލޭ ސިޓީ ކައުންސިލުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިގެ ތަފްސީލުތައް އާންމުކޮށްފިއެވެ.
މުވައްޒަފުންގެ މުސާރައިގެ ތަފްސީލު މާލޭ ސިޓީ ކައުންސިލުން އާންމުކޮށްފައި މިވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާރްޓީއައި (ރައިޓް ޓު އިންފޮމޭޝަން) ފޯމެއް ހުށަހަޅައިގެން މާލޭ ސިޓީ ކައުންސިލުގެ މެމްބަރުންނާއި މުވައްޒަފުންގެ މުސާރައިގެ މައުލޫމާތު ހޯދަން އާންމު ފަރުދެއް ކަމަށްވާ އަހުމަދު އައިމަން ލަތީފު މައްސަލައެއް ހުށަހެޅުމުން އެ މައުލޫމާތު ނުލިބި ދިގުލައިގެންދާތީ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅައި އެ މައްސަލައިގެ އަޑުއެހުމެއް އެ ކޮމިޝަނުން ބާއްވައިފައި ވަނިކޮށެވެ.
ސިޓީ ކައުންސިލުގެ ވެބްސައިޓުގައި މިއަދު ވަނީ އެ ކައުންސިލުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ދިވެހި މުވައްޒަފުންނާއި ބިދޭސީ މުވައްޒަފުންނަށް މުސާރަ ދިނުމުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އަދަދު ވަކިވަކީން ކައުންސިލުން ހާމަކޮށްފައިވެއެވެ.
މާލޭ ސިޓީ ކައުންސިލުން އާންމުކުރި ތަފާސްހިސާބުން ދައްކާގޮތުގައި ކޮންމެ މަހެއްގެ މައްޗަށް އެތަނުގެ ދިވެހި މުއްޒަފުންނަށް މުސާރަ ދިނުމަށްޓަކައި 2.68 މިލިއަން ރުފިޔާ ހޭދަކުރަން ޖެހެއެވެ. މާލޭ ސިޓީ ކައުންސިލުގައި ޖުމްލަ މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދަކީ 524 އެވެ. އެއީ 332 ދިވެހި މުވައްޒަފުންނާއި 192 ބިދޭސީ މުވައްޒަފުންނެވެ.
ސިޓީ ކައުންސިލުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ މުސާރައަށް މަހެއްގެ މައްޗަށް 1.64 މިލިއަން ރުފިޔާ ހޭދަކުރަން ޖެހޭއިރު، މުސާރައިގެ އެންމެ ބޮޑު ބައެއް ހޭދަވަނީ ކައުންސިލް މެންބަރުންނަށެވެ. އެގޮތުން ކައުންސިލް މެންބަރުންގެ މުސާރައާއި އިނާޔަތުގެ ގޮތުގައި މަހެއްގެ މައްޗަށް 382،500 ރުފިޔާ ހޭދަވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ މޭޔަރަށް 47،500 ރުފިޔާ، ޑެޕިއުޓީ މޭޔަރަށް 35،000 އަދި ބާކީ ދިހަ މެންބަރުންނަށް ކޮންމެ މެންބަރަކަށް މަހަކު 30،000 ރުފިޔާ އެވެ. އޭގެ ތެރެއިން މޭޔަރަށް ކާރު އެލަވަންސްގެ ގޮތުގައި މަހެއްގެ މައްޗަށް 7،500 ރުފިޔާ ލިބެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު