އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ޕީއެޗްޑީ ނިންމެވި ފުރަތަމަ ބޭފުޅަކަށް، ކުރީގެ އުއްތަމަ ފަނޑިޔާރު ޝެއިހު މުހައްމަދު ރަޝީދު އިބްރާހިމް ވެވަޑައިގެންފިއެވެ.
މުހައްމަދު ރަޝީދު އިބްރާހިމް ތީސިސް ހެއްދެވީ ފިގްހު އަދި އުސޫލުލް ފިގުހު ދާއިރާ އިން ރާއްޖޭގައި އާއިލީ މައްސަލަތަކާއި އޭގެ ހައްލު، އިސްލާމީ ޝަރީއަތުގެ އަލީގައި މައުލޫއަށެވެ. ޕީއެޗްޑީ ހާސިލުކުރެއްވުމުގެ އެންމެ ފަހު މަރުހަލާގައި އަނގަ ބަހުން ގެންދާ އިމްތިހާނުން އޭނާ އިއްޔެ ވަނީ ފާސްވެވަޑައިގެންފައެވެ.
މިސްރާއި ސައުދީ އަރަބިއްޔާއިން މަތީ ތައުލީމު ހާސިލުކުރެއްވި ޝެއިހު ރަޝީދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ދީނީ އެކި ކަންކަމުގައި އިސް މަގާމުތައް އަދާކުރެއްވި ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ޝެއިހު ރަޝީދު ކުރެއްވިއެވެ. އަދި ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ގޮތުގައި ހައި ކޯޓް އޮތް އިރު، އެ ކޯޓުގެ އުއްތަމަފަނޑިޔާރުކަންވެސް އޭނާ ކުރެއްވިއެވެ.
ފުވައްމުލަކަށް އުފަން ޝެއިހު ރަޝީދު އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި ސްޕެޝަލް އަންޑަސެކްރެޓަރީ، 1985-1988 އަށް، ޑެޕިއުޓީ ޖަސްޓިސް މިނިސްޓަރުކަން 1988-1989 އަށް އަދި ޖަސްޓިސް މިނިސްޓަރުގެ މަގާމު 1989-1993 އަށް އަދާކުރެއްވިއެވެ.
ޝެއިހް ރަޝީދުގެ އިތުރުން ޝެއިހް މޫސާ އަންވަރު ހަސަންވެސް ވަނީ ޕީއެޗްޑީ ނިންމަވައިފައެވެ. ޝެއިހް އަންވަރު ތީސިސް ހެއްދެވީ އިސްލާމިކް ޖުޑީޝަލް ސައިންސް އަދި ލެޖިސްލޭޓިވް ޕޮލިސީއަށެވެ.
އައިޔޫއެމްގައި ޕީއެޗްޑީއަށް ކިޔަވައިދޭން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016ގައެވެ. އައިޔޫއެމްގައި ޖުމްލަ ތިން ބެޗެއްގައި 28 މީހަކު މިވަގުތު އަންނަނީ ޕީއެޗްޑީއަށް ކިޔަވަމުންނެވެ.
އެ ޔުނިވާސިޓީން މިހާރު އަންނަނީ ފިގްހު އަދި އުސޫލުން ފިގްހު އާއި އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިކް ޕޮލިސީން ޕީއެޗްޑީއަށް ކިޔަވައިދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު