ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދެއްވި ކަމަށް ވިދާޅުވާ ފައިސާގެ ތެރެއިން ބަޔަކަށް، މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ހިޔާނާތްތެރިވި ކަމަށް ވިދާޅުވެ، އެ މައްސަލަ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ފުލުހަށް ހުށަހަޅުއްވައިފިއެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އަނބުރާ ދައްކަވާ ގޮތަށް ޖާބިރުގެ އަތުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނެންގެވި ކަމަށާއި ނަމަވެސް އެ ފައިސާ ފަހުން ނުދައްކަވާ ކަމަށް ޖާބިރު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި އެ މައްސަލަ ފުލުހަށާއި ސިވިލް ކޯޓަށް ވެސް ވަނީ ހުށަހަޅުއްވައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ސިވިލް ކޯޓުގައި މިހާރު ވަނީ ފަށައިފަ އެވެ.
އެކަމާ ގުޅިގެން ކުރީގެ ބަންޑާރަ ނައިބުކަން ވެސް ކުރެއްވި ދިޔާނާ ވިދާޅުވީ، 29 މިލިއަން ރުފިޔާގެ ތެރެއިން 24 މިލިއަން ރުފިޔާ ރައީސް މައުމޫނާ ހަވާލު ކުރެއްވުމަށް ޖާބިރު އޭނާއާ ހަވާލު ކުރެއްވި ކަމަށާއި އަދި ރައީސް މައުމޫން ވިދާޅުވި ގޮތުގެ މަތިން ފާރިޝްއާ އެ ފައިސާ ހަވާލު ކުރެއްވި ކަމަށެވެ.
"ނަމަވެސް އެ ފައިސާ ލިބިވަޑައިނުގަންނަވާ ކަމަށް ރައީސް މައުމޫން އާންމު ފޯރަމްތަކުގައި ވިދާޅުވަމުން ގެންދަވާ ހިނދު، ފާރިޝް މައުމޫނާ އަޅުގަނޑު ހަވާލު ކުރި އެ ފައިސާ، ބައްޕާފުޅު ރައީސް މައުމޫނަށް ލިބިވަޑައިނުގަންވާނަމަ، އެކަން ވެގެންދާނީ އެ ފައިސާ އަށް ފާރިޝް މައުމޫން ވީ ހިޔާނާތަކަށް. އެހެންކަމުން މި ހިޔާނާތުގެ މައްސަލަ އަވަސް ތަހުގީގަކުން ތަހުގީގު ކޮށްދެއްވައި، އެ ފައިސާ އަށް ފާރިޝް މައުމޫނު ހެއްދެވި ގޮތެއް ބައްލަވައި ދެއްވުމަށް އެދި ތިޔަ ސާވިސް އަށް ހުށަހަޅަން. އެހެނީ އިންސާފުވެރި ތަހުގީގަކުން އެފައިސާ ލިބުނު ފަރާތެއް ގާއިމުނުކުރެވޭހާ ހިނދަކު މި ހިޔާނާތް ރައްދުވަނީ ހުދު އަޅުގަނޑަށް،" ފުލުހުންނަށް ދިޔާނާ ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ.
ދިޔާނާ ވިދާޅުވީ، 2017 ވަނަ އަހަރުގެ ކުރީކޮޅު އެ ފައިސާ ހަވާލުކުރުމުގެ ކުރިން، މެލޭޝިއާގައި މައުމޫނާއި ފާރިސް އެ ފައިސާ ހޯއްދެވުމަށް ޖާބިރާއެކު ބޭއްވި ބައްދަލުވުމުގައި އޭނާ ވެސް އިންނެވި ކަމަށާއި އަދި ގެރެންޓީއެއްގެ ގޮތުގައި މައުމޫނުގެ ގެކޮޅު ކިނބިގަސްދޮށުގޭގެ ރެޖިސްޓްރީ ދެއްވަން މައުމޫން ހުށަހެޅުއްވި ކަމަށެވެ.
"އިސްވެ ދެންނެވުނު ބައްދަލުވުމަށް ވާސިލްވުމާ ހަމައަށް ދެކެވުނު ވާހަކަތަކުގެ މަރުހަލާއެއްގައި ރަހުނުގެ ގޮތުގައި މއ. ކިނބިގަސްދޮށުގޭ ރަޖިސްޓްރީ ބާއްވައިގެންވިޔަސް ފައިސާ ދެއްވުމަށް ރައީސް މައުމޫން އެދިވަޑައިގެންފައިވާތީ ކުއާލަލަމްޕޫރުގައި ބޭއްވުނު މިދެންނެވި ބައްދަލުވުމުގައި، އެ ރަޖިސްޓްރީ ކޮންމެހެން ބާއްވަން ބޭނުންފުޅު ނުވާ ކަމަށާއި ރައީސް މައުމޫނުގެ ބަސްފުޅު ގެރެންޓީއެއްގެ ގޮތުގައި ފުދޭ ކަމަށް ޖާބިރު ވިދާޅުވެފައިވޭ،" ސިޓީގައި ދިޔާނާ ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު