ޅ. ފެލިވަރުގެ ބިން ހިއްކައި، ބޮޑެތި ބޯޓު ކައިރި ކުރެވޭ ގޮތަށް އެއްގަމުތޮށި ޑިޒައިންކޮށް ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސީއީއޯ އާދަމް އާޒިމެވެ.

ޖުމްލަ 113 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ އިންޑިއަން އެގްޒިމްގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަޝްރޫއުތަކަށް ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ ހަތަރު އަހަރަށް ބަހާލައިގެން ޑިފާޑް ޕޭމަންޓް އުސޫލުން ސަރުކާރުގެ ބަޖެޓުންނެވެ.

މި މަޝްރޫއުގެ ދަށުން 179،780 އަކަ މީޓަރު ބަނދަރު ފުންކުރުމާއި ބިން ހިއްކާނެ އެވެ. އަދި 218.9 މީޓަރުގެ ބޮޑު ހިލަ ބޭރުތޮއްޓަކާއި 574.6 މީޓަރު ޝީޓްޕައިލް ޖެހުމާއި 264.8 މީޓަރު ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި 2،466 އަކަ މީޓަރުގެ ޕޭމަންޓެއް ހަދައި، އިތުރުން ނުވަ ބޮލާޑާއި 95 ފެންޑާ ހަރުކުރުން ހިމެނެ އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ، ފެލިވަރުގެ ބިން ހިއްކުމުގެ މަސައްކަތް ނިމެންވާއިރަށް އެތަނުގެ އެހެން އުމްރާނީ ތަރައްގީތަކަށް ވެސް ފައިސާ ލިބިފައިވާ ކަމަށެވެ.

ފެލިވަރުގެ ބިން ހިއްކުމުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ލައިން އޮފް ކްރެޑިޓުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެމްޓީސީސީގެ ސީއީއޯ އާޒިމް ވިދާޅުވީ، މި މަޝްރޫއު ނިންމުމަށް 365 ދުވަސް ދީފައި އޮތް ނަމަވެސް އެ މުއްދަތަށްވުރެ އަވަހަށް މަސައްކަތް ނިންމައި، އެ މަޝްރޫއުގެ ފައިދާ އެންމެ އެކަށީގެންވާ ގޮތެއްގައި ލިބޭނެ ގޮތް ހަދައިދޭނެ ކަމަށެވެ. އަދި މި މަޝްރޫއަކީ އަވަހަށް ނިންމަން ބޭނުންވާ ޕްރޮޖެކްޓަކަށްވާއިރު އެމްޓީސީސީން މިހާރު މަސައްކަތް ކުރިއަށްގެންދާ ދުވެއްޔަށް އިތުރު ގިޔަރެއްލާނެ ކަމަށް ވިދާޅުވި އެވެ.