މި ދުވަސްވަރު ވަގު ނޫޓެއް ދައުރު ނުވާ ކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޔަގީންކޮށްދީފި އެވެ.

ފަސްސަތޭކަ ރުފިޔާގެ ވަގު ނޫޓު ދައުރުވާ ކަމަށް އާންމުންގެ ތެރޭގައި އަޑުތައް ފެތުރިފައި ވަނިކޮށް އެމްއެމްއޭގެ ތަރުޖަމާނު މުހައްމަދު ނާސިހު މިއަދު ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯގައިވާ 500 ރުފިޔާގެ ނޫޓު ގެންގޮސް އެ އޮތޯރިޓީން ބެލި ބެލުމުން އެ ނޫޓަކީ ސައްހަ ނޫޓެއްކަން ޔަގީންކުރެވިފައިވާ ކަމަށެވެ.

"ނަމަވެސް ކޮންމެ ވެސް ގޮތަކުން އެ ނޫޓުގައި ކުލައެއް ޖެހިފައި ހުރިކަން ފާހަގަ ކުރެވުނު. އަދި އެ ކުލަ ފިލުވުމަށް ކެމިކަލްއެއްގެ ބޭނުން ކުރުމުން ނޫޓުގެ ކުލަ ފަނޑުވެފައިވާކަން ވެސް ފާހަގަ ކުރެވުނު. އެ ނޫޓުގައި މި ދެންނެވި ކަންކަން ހުރި ނަމަވެސް އެ ނޫޓަކީ ސައްހަ ނޫޓެއް." ނާސިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި ބޭނުން ކުރާ ނަގުދު ފައިސާގެ ނޫޓަކާ މެދު އެއްވެސް ކަހަލަ ޝައްކެއް އުފެދިއްޖެ ނަމަ ވީ އެންމެ އަވަހަކަށް އެ އިދާރާ އަށް އެންގުމަށް އެދޭ ކަމަށެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް "ރަންދިހަ ފަހެއް"ގެ ނަމުގައި އާ ނޫޓު ސީރީޒެއް ތައާރަފުކުރީ 2015 ވަނަ އަހަރު އެވެ.