ދަ ގްރާންޑޭއާ ދެކޮޅަށް މިއަދު ހަވީރު ކުޅޭ މެޗަކީ މިވަގުތު ތާވަލު އޮތް ގޮތުން މޮޅުވާން މަޖުބޫރު މެޗެއް ކަމަށް ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފިއެވެ.

އިއްޔެ ކުޅުނު މެޗުން މޮޅުވެ، މާޒިޔާ ތާވަލުގެ އެއްވަނައިގައި އޮތީ ހަ މެޗުން 14 ޕޮއިންޓާ އެކުގައެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ފަސް މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، ވެލެންސިއާ މިއަދު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން މޮޅުވެގެން މާޒިޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކުރެވޭނެ އެވެ.

ކޯޗު އާތީ ބުނެފައި ވަނީ ތާވަލުގެ ވާދަވެރި ކަމަށް ބަލާއިރު، މިއަދުގެ މެޗު ނަގަން ޖެހޭނެ ކަމަށާއި، އެއީ މަޖުބޫރު ކަމެއް ކަމަށް ދެކޭ ކަމަށެވެ.

"ގްރާންޑޭއަކީ ޓީސީއާ ކުޅުން އެއްގޮތް ޓީމެއް. ޓީމަށް ވަރަށް ރަނގަޅު ތަޖުރިބާއެއް އެ މެޗަކީ. މިހާރު ޓީމު އޮންނާނީ ސައިކޮލޮޖިކަލީ ފިޓްވެފައި ޓީމުގެ ޓެކްޓިކަލް ޑިސިޕްލިންއަށް. ތާވަލުގައި އޮތް ހިސާބުން މި މެޗު އެބަޖެހޭ ނަގަން. މިއީ ދަ ގްރާންޑޭއަށް އިހުތިރާމް ކުޑަކުރަނީކީ ނޫން، އެޓީމުންވެސް ކުރާނީ އެ މަސައްކަތް. އެކަމަކު ވެލެންސިއާ އޮތް ހިސާބުން އެބަޖެހޭ މި މެޗު ނަގަން. އެއީ މަޖުބޫރު ކަމެއް އަސްލު. އެކަމަށް ހުރިހާ މަސައްކަތެއް ކުރާނަން،" އާތީ ބުންޏެވެ.

އެންމެފަހުން ވެލެންސިއާއިން ޓީސީއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެގެން ނިމުނުއިރު، އެ މެޗުގައި ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އަށް ވަނީ އަނިޔާވެފައެވެ. ވެލެންސިއާގެ އެޓޭކުގައި އެންމެ މުހިއްމު ކުޅުމެއް ދައްކައި، ގިނަ ގޯލްތަކެއްވެސް ޖަހަމުން އަންނަ ދަގަނޑޭ އަނިޔާގައި ހުރުމަކީ ކޯޗު އާތީއަށް މާޔޫސް ކަމެކެވެ. އާތީ ބުނެފައި ވަނީ އޭނާގެ ވިސްނުން ހުރީ އަނިޔާގައި ހުރި ނަމަ، ދަގަނޑޭ ލައްވައި ނުކުޅުވުމަށް ކަމަށެވެ.

"ދަގަނޑޭ ކުޅޭނެ ކަމެއް ނުވަތަ ނޫން ކަމެއް، އަދި ޔަގީނެއް ނުވޭ. ކޯޗެއްގެ ހައިސިއްޔަތުން އަބަދުވެސް ވިސްނާނީ އަނިޔާގައި ހުރި ކުޅުންތެރިޔަކު ލައްވައި ނުކުޅުވަން. ޓީމަށް އެންމެ މުހިއްމުވެސް ކުޅުންތެރިޔާ. އެކަމަކު ކުރިއަށް މާ ގިނަ މެޗުތަކެއް އެބަހުރި. އަނިޔާގައި ހުރި ކުޅުންތެރިޔަކު ލައިގެން ކުޅުން އެއީ އެހާ ބުއްދިވެރި ކަމެއް ނޫން. އެކަމަކު ކުޅުންތެރިޔާ، ނޫނީ ޓީމުގެ ޑޮކްޓަރު ނިންމާނީ ހުރި ފައިނަލް ކޮންޑިޝަންއެއް،" އާތީ ބުނެފައިވެއެވެ.

މެޗާ ގުޅިގެން ދަ ގްރާންޑޭގެ ކޯޗު އިސްމާއީލް މަހެފޫޒު (އިންމަ) ބުނެފައި ވަނީ އެންމެފަހުން މެޗުގައި ގްރީންއާ ދެކޮޅަށް ކުޅެ ނުކުތް ނަތީޖާ ރަނގަޅު ނޫން ނަމަވެސް، އެ މެޗުގައި ދެއްކި ހިތްވަރު ދައްކަން ޓީމު އަދިވެސް ތައްޔާރު ކަމަށެވެ.

"ޓީމުގެ ހިތްވަރަކަށް ބަދަލެއް ނާދޭ. ނުކުޅެވިގެނެއް ނޫން އެންމެ ފަހުން މެޗުވެސް ހުސް އަތާ ފައިބަން ޖެހުނީ. އެއީ ކުޅެ، 90 މިނެޓް ވަންދެން ހަމަލާ އުފައްދަން މަސައްކަތް ކޮށް، ގޯލް ޖަހަން މަސައްކަތް ކޮށް، ތިން ޕޮއިންޓް ނުލިބި ދިޔައީ. އެހެންނަމަވެސް މިހާރު އަނެއްކާވެސް ހިތްވަރު ރަނގަޅުކޮށް، މި ފެންނަނީ،" އިންމަ ބުނެފައިވެއެވެ.

ދަ ގްރާންޑޭއާއި ވެލެންސިއާ ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.