ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށް، މާޒިޔާ ސްޕޯޓްސް ކްލަބު އެންޑް ރެކްރިއޭޝަނުން ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ހަމަ ޖެހިލައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާ އަކުންނެވެ. މެޗުގައި މާޒިޔާގެ ދެ ގޯލު ވެސް ޖެހީ ވިންސެންޓްގެ ގައުމީ ޓީމުގެ ފޯވާޑް، ކޯނެލިއަސް ސްޓެވާޓެވެ.
ފުރަތަމަ ބުރުގައި މާޒިޔާއަށް ބާކީ އެއް މެޗު އޮތްއިރު އެ ޓީމު މި ވަގުތު އެއް ވަނައިގައި އޮތީ ހަ މެޗުން 14 ޕޮއިންޓާ އެކުގައެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ފަސް މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، ވެލެންސިއާ މާދަމާ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން މޮޅުވެގެން މާޒިޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކުރެވޭނެ އެވެ. ވެލެންސިއާ އަށް އެއް ވަނަ އަށް އެރޭނީ ބޮޑު ތަފާތަކުން ގްރާންޑޭ ބަލިކޮށްގެންނެވެ. ލީގުގައި ކުޅުނު ހަ މެޗުން ލިބުނު ހަ ޕޮއިންޓާއެކު މެޗުން ބަލިވި ޓީސީ އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ.
މެޗު ވަރުގަދަކޮށް ފެށީ މާޒިޔާއިންނެވެ. މާޒިޔާއިން ތިންވަނަ މިނެޓުގައި ވެސް ޓީސީގެ ގޯލަށް ނުރައްކާ ކުރިއެވެ. އަރިމަތިން ޑިފެންޑަރު މުސާ ޔާމީން (ޔާމްބެ) ނެގި ހުރަސް، މިސްރާބުން ކަސިޔާރުވެ ގޮސް ބޭރުވީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. މެޗުގެ 13 ވަނަ މިނެޓުގައި މާޒިޔާއިން ލީޑު ނެގި އެވެ.
ޓީސީ އޭރިއާ ތެރެއިން ޑިފެންޑަރު ނައްޓާލުމަށްފަހު ކޯނޭ ފޮނުވާލި ބޯޅަ ގޯލަށް އަމާޒުނުވެ ބޭރަށް ދިޔަ ނަމަވެސް، އެ ބޯޅަ ބޭރަށް ދިޔައީ ލަންކާ ޑިފެންޑަރު ޔޮގެންދަރަން ޑަކްސަންގެ އަތުގައި ޖެހިފަ އެވެ. ޑަކްސަން އަތުގައި ޖެހުމުން ރެފްރީ ދިން ޕެނެލްޓީ ކާމިޔާބު ކޮށްދިނީ ކޯނޭ އެވެ. އޭގެ 15 ވަރަކަށް މިނެޓް ފަހުން މާޒިޔާގެ އިތުރު ހަމަލާއެއް ފެނިގެން ދިޔައެވެ. މުހައްމަދު އުމައިރު ޖެހި ހިލޭ ޖެހުން މަތަކޮށް ބޭރުކޮށްލީ ޓީސީގެ ގޯލްކީޕަރެވެ.
މާޒިޔާއިން ފުރަތަމަ ހާފު ޑޮމިނޭޓްކޮށް ނިންމާލި އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ މަތީ ކަނާ ދިމާއިން ބޭރަށެވެ. މެޗުގެ 72 ވަނަ މިނެޓުގައި ލިބުނު ކައުންޓާ އެޓޭކް ފުރުސަތުގައި މާޒިޔާއިން ލީޑު ފުޅާކުރި އެވެ. ޓީސީ އަށް ލިބުނު ކޯނަރަކުން މާޒިޔާ ހާފުގެ ތެރެއިން ފޭދޫ އިއްބެ އަށް ލިބުނު ބޯޅަ ހިފައިގެން ގޮސް އޭނާ ޖައްސާލީ ކޯނޭ އަށެވެ. ކޯނޭ ވަނީ ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައި ލީޑު ފުޅާ ކޮށްދީފައެވެ.
ޓީސީން މެޗުގައި ޖެހި ހަމައެކަނި ގޯލު، އިތުރު ވަގުތުގައި ކާމިޔާބު ކުރީ ޑިފެންޑަރު ޑަކްސަން އެވެ. ކޯނަރެއްގައި އޭރިއާ ތެރެއިން ލިބުނު ބޯޅަ ޑަކްސަން ވަނީ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. އެ މެޗުގައި ގްރީން އިން ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު