ރާއްޖޭގެ ގައުމީ ދަނޑުގެ ވިނަގަނޑުގެ މައްސަލައަކީ އަބަދުވެސް ދިމާވަމުން އަންނަ މައްސަލައެކެވެ. މީގެ ކުރިން ބައެއް ސީޒަންތަކުގައިވެސް ދަނޑުގެ ހާލަތު ދަށް ވެ، މެޗުތައް މެދުކަނޑާލަންވެސް ޖެހިފައި ވެއެވެ. ބައެއް ހަފުލާތަކަށް ދަނޑު ދޫކުރުމުގެ ސަބަބުން ވިނަގަނޑު މަރުވެ، އެތައް ދުވަހަކަށް ލީގު މެޗުތައް މެދުކަނޑާލަން ޖެހޭ ފަހަރުވެސް އަންނަ އިރު، އަނެއްކާވެސް ވިނަގަނޑާ ގުޅޭ ޝަކުވާތައް ދަނީ ގިނަ ވަމުންނެވެ.
މާޒިޔާއާ އަލަށް ހަވާލުވި ކޯޗު ރިސްޓޯ ވިޑަކޮވިޗްގެ ފަރާތުންވެސް އެ ޝަކުވާ ވަނީ އައިސްފައެވެ. މިއަދު މާޒިޔާއިން ޓީސީ ސްޕޯޓްސްއާ ދެކޮޅަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ މެޗުގެ ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ރިސްޓޯ ބުނެފައި ވަނީ ޕޮސެޝަން، ކުދި ޕާސްތައް ޖަހައިގެން ކުޅޭ ފުޓުބޯޅަ ކުޅުވަން ދަނޑުގެ ހާލަތު ތަން ނުދޭ ކަމަށެވެ.
"ދަނޑުގެ ހާލަތު އޮންނަ ގޮތުން ވަރަށް ފަސޭހަވާނެ ޑިފެންސް ކުރަން. ބޭނުންވާ ވަރަށް ބޯޅަ ދަތުރެއް ނުކުރާނެ މިހާރު ދަނޑު އޮތް ހާލަތަކުން. އެހެންވެ ޕެކް ކޮށްގެން ކުޅޭ ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ފުރުސަތު އުފައްދަން އެހާ އުނދަގޫވަނީ. ޓީމުގެ ގިނަ ކަންކަންވެސް ރަނގަޅު ކުރަން އެބަޖެހޭ. މި ދަނޑުގައިވެސް ކުދި ޕާސް ޖަހައިގެން ކުޅެވޭތޯ މަސައްކަތް ކުރާނަން،" ރިސްޓޯ ބުނެފައިވެއެވެ.
މާޒިޔާގެ ކުޅުމާއި ގުޅިގެން ރިސްޓޯ ބުނެފައި ވަނީ ރަނގަޅު ކުރަން ޖެހޭ އެތައް ކަމެއް އެބަހުރި ކަމަށާއި، ޓީމު އެކަތިގަނޑެއްގެ ގޮތުގައި މުޅި މެޗުގައި ހިފަހައްޓަން މާޒިޔާއަށް އަދިވެސް އުނދަގޫ ކަމަށެވެ. އެންމެފަހުން މެޗުގައި މޮޅުވި ނަމަވެސް، އެ މެޗުގައިވެސް ވަކި ހިސާބަކުން އަމިއްލަ ކުޅުން ގެއްލުވާލައި ބޮޑެތި ބޯޅަތައް ކުރިއަށް ލާން މަސައްކަތް ކުރިތަން ފެނުނު ކަމަށްވެސް ރިސްޓޯ ބުނެފައިވެއެވެ.
ރިސްޓޯ ބުނެފައި ވަނީ އޭނާގެ ފިލޯސަފީ ޓީމަށް ގެންނަން ދުވަސް ނަގާނެ ކަމަށާއި، މަޑުމަޑުން ރަނގަޅު ވަމުންދާތަން ފެންނަ ކަމަށެވެ. އަދި މިއަދުގެ މެޗުގައި އިދިކޮޅަށް ނުކުންނަ ޓީސީވެސް ނުކުންނާނީ މާޒިޔާ ބަލިކުރަން 200 ޕަސެންޓް މަސައްކަތް ކުރަން ކަމަށާއި، ކޮންމެ މެޗެއްވެސް ނުރައްކާ ވާނެ ކަމަށް ރިސްޓޯ ބުންޏެވެ.
"އިދިކޮޅު ޓީމަށް އަބަދުވެސް އިހުތިރާމް ކުރާނަން. އެއްވަނައާ ވަރަށް ގާތުގައި ހުރިހާ ކްލަބަކުންވެސް މިވަގުތު މިއޮތީ. އެހެންވީމާ ހަމަ ވަރަށް ބޮޑަށް ކޮންމެ މެޗެއްގައިވެސް ފައިޓް ކުރަން ޖެހޭނެ. ކޮންމެ މެޗަކީވެސް ނުރައްކާ މެޗެއް. ކުޅޭ ކޮންމެ މެޗެއްގައިވެސް 100 ޕަސެންޓް ދޭން ޖެހޭނެ. އިދިކޮޅު ޓީމުން ނުކުންނާނީ މާޒިޔާ ބަލިކުރަން ކަމަށް ވިސްނަން ޖެހޭ،" ރިސްޓޯ ފާހަގަކުރިއެވެ.
ޓީސީ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފައި ވަނީ މާޒިޔާއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ، އަދި އެންމެ ބޮޑު ކްލަބު ކަމަށާއި، މާޒިޔާ މެޗަށް ނުކުންނައިރު، މިދިޔަ ހަފްތާ ވެލެންސިއާ ކައިރިން ޕޮއިންޓެއް ލިބިފައި އޮތުމަކީ ހިތްހަމަ ޖެހުމެއް ކަމަށެވެ.
ޓީސީގެ ސްކޮޑު މި ސީޒަނަށް ޒުވާން ވެގެން ދިޔަ ނަމަވެސް ހިތްވަރާއެކު ނަތީޖާ ނެރޭކަން ފާހަގަ ކޮށްލެވެއެވެ. ހާއްސަކޮށް ޓީސީގެ ސްކޮޑުގައި އެކިއެކި މަގާމުތަކަށް ކުޅޭ ކުޅުންތެރިންވެސް ގިނަކަން ފާހަގަ ވެގެން ދެއެވެ. ކޯޗު ޝާޒް ބުނެފައި ވަނީ އެއީ ޒަމާނީ ފުޓުބޯޅައިގައި ފެންނަން ޖެހޭ އެއްޗެއް ކަމަށާއި، ކާމިޔާބީއަކީ އެ ހުރިހާ ކަމެއް އެކުވެ އަންނަ އެއްޗެއް ކަމަށެވެ.
"ޓީސީއަށް މިދިޔަ ސީޒަންގައި އޮތީ ތަރިންގެ ސްކޮޑެއް. އެކަމަކު މި ސީޒަންގައި އޮތީ ތަފާތު ޒުވާން ސްކޮޑެއް. އެހެންވީމާ ތަފާތު ތަކެއް އަންނާނެ. ފަރިތަކުރުންތަކުގައި ވަރަށް ބޮޑަށް ވިސްނާފައި ހުންނާނީ ގިނަ ކުޅުންތެރިންވެސް ތަފާތު މަގާމުތަކަށް ކުޅުވަން. އެއީ މިހާރު ޒަމާނީ ފުޓުބޯޅައިގައި އެއީ އެކަން އޮންނާނެ ގޮތް. އެކަން އަންނާނެ ރާއްޖޭގެ ފުޓުބޯޅައަށްވެސް ދުނިޔޭގެ ހުރިހާ ތަނަކަށްވެސް. ގިނަ މަގާމުތަކަކަށް ކުޅެން ޖެހޭނެ ކާމިޔާބު ޓީމެއްގައި ހުރުމަށް. ތަޖުރިބާ ނެތްތަން ފޫބައްދަން ޓްރާންސްފާ މާކެޓް ބޭނުން ކުރެވޭނެ. އެއީ މިހާރު ރަނގަޅު މޮޅެއް ހޯދި ނަމަވެސް، އެއީ ވަރަށް ބުރަކޮށް ކުޅުންތެރިން ކުރާ މަސައްކަތް. މުޅި ލީގު އެއްކޮށް ނިމެންދެން އެގޮތަކަށް ނުހިފެހެއްޓޭނެ،" ޝާޒް ފާހަގަކުރިއެވެ.
ޓީސީއާއި މާޒިޔާ ކުޅޭ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު