މިހާރު އޮތް ހާލަތުގައި ކްލަބު އީގަލްސްއަށް ކޮންމެ މެޗަކީވެސް ފައިނަލް މެޗެއް ކަމަށް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް އީގަލްސްއިން ކުޅުނު ފަސް މެޗުން އެޓީމަށް ހޯދުނީ އެންމެ މޮޅެކެވެ. ޖުމްލަ ހަތަރު ޕޮއިންޓާއެކު އީގަލްސް ތާވަލުގެ ހަތްވަނައިގައި އޮތްއިރު، އެޓީމުން މިރޭ ނުކުންނަނީ ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު މޯހަން ބުނެފައި ވަނީ އެންމެ ފަހުން މެޗުގައި މޮޅެއް ހޯދި ނަމަވެސް އީގަލްސްއަށް އަދިވެސް ޕްރެޝަރު ބޮޑު ކަމަށެވެ.
"ޓީމަށާއި، އަޅުގަނޑަށްވެސް ވަރަށް ބޮޑު ޕްރެޝަރެއް އެބައޮތް. ލީގުގެ ބޮޑުބައިވެސް ކުޅެން ޖެހޭނީ މި ޕްރެޝަރުގައި. މި ހިސާބުން އަރައިގަންނަން ފުލުފުލުގައި މެޗުތަކުން މޮޅުވާން ޖެހޭ. މޮޅެއް ވިޔަސް ޕްރެޝަރު އެބައޮތް. އެކަމަކު މި ހާލަތުން އަރައިގަތުން އެއީ ނުވާނެ ކަމެއްވެސް ނޫން. އެކަން ވާނެ. އެއީ އިތުރު މެޗަކުން މޮޅުވެގެން ތާވަލުގެ ރަނގަޅު ހިސާބަކަށްވެސް ދެވެން އެބަ އޮތް. އެހެންވީމަ އެކަން ވާނެ ކަމަށް ވިސްނުން ބަހައްޓައިގެން ކޮންމެ މެޗަކީވެސް ފައިނަލެއް ކަމަށް ދެކިގެން މި ނުކުންނަނީ،" މިދިޔަ އަހަރުގެ ލީގުގައި އީގަލްސްއަށް ދެވަނަ ހޯދައިދިން ކޯޗު މޯހަން ބުންޏެވެ.
މޯހަން ބުނެފައި ވަނީ މިރޭގެ މެޗުގެ ވެގެން ދާނީ އުނދަގޫވާނެ މެޗަކަށް ކަމަށެވެ. ގްރީންއިން މިހާތަނަށް ކުޅުނު ފަސް މެޗުން ފަސް ޕޮއިންޓް ލިބިފައި އޮތް ނަމަވެސް ގްރީންގެ ސްކޮޑު ވަރުގަދަ ވާނެ ކަމަށާއި، ގްރީންގެ އެޓޭކަކީ ވަރަށް ހަލުވި ނުރައްކާ އެޓޭކެއް ކަމަށް މޯހަން ފާހަގަކުރިއެވެ.
އީގަލްސްއިން ޗެރިޓީ ޝީލްޑް ނެގުމަށްފަހު ލީގުގައި ކުޅުނު މެޗުތަކުގައި ފެނުނީ ފޯމް ދަށްކޮށެވެ. އެހެންނަމަވެސް އަލަށް ގުޅުނު ބިދޭސީ ކުޅުންތެރިންނާއެކު ޓީމު ރަނގަޅުވަމުން އަންނައިރު، މޯހަން ބުނެފައި ވަނީ ބިދޭސީ ކުޅުންތެރިން ފަރާތުން އެންމެ ރަނގަޅު ކޮމްބިނޭޝަނެއް ފެންނާނީ ދުވަސް ކޮޅެއް ފަހުން ކަމަށެވެ.
"ޕްރީ ސީޒަނެއް އެކީގައި ނުލިބުމަކީ ވަރަށް ބޮޑު ގެއްލުމެއް. ބިދޭސީ ކުޅުންތެރިން ޓީމާ ގުޅެން މަސް ދުވަސް، ދެ މަސް ދުވަސް ނަގާފާނެ. ހަފްތާއަކުން ވާނެ ކަމެއް ނޫން އެއީ. މެޗުތަކާއެކު އެންމެ ރަނގަޅަށް ފަރިތަކުރުންތަކެއްވެސް ނުދާނެ. ލައިޓް ދުވަސްތައް، ރެސްޓް ދުވަސްތައްވެސް ދޭން ޖެހޭނެ،" މޯހަން ބުނެފައިވެއެވެ.
ގްރީންއިން އެންމެފަހުން ކުޅުނު ތިން މެޗުންވެސް ބަލިވެފައި ނުވާއިރު، އެޓީމަށް އެ ތިން މެޗުން ހޯދުނީ ފަސް ޕޮއިންޓެވެ. ސީޒަން ދަށް ފޯމެއްގައި ފެށި ނަމަވެސް މިވަގުތު ގްރީންއަކީވެސް ފޯމް ރަނގަޅު ވަމުން އަންނަ ޓީމެކެވެ. ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފައި ވަނީ އެންމެ މުހިއްމު ކަމަކަށް ވާނީ ބަލި ނުވުން ކަމަށާއި، ގަދަ ހަތަރަކަށް ދިޔުމަށް މިރޭގެ މެޗު މުހިއްމު ކަމަށެވެ.
" އެންމެ މުހިއްމު ކަމަކަށް އޮތީ މެޗުން ބަލި ނުވުން. އެއީ އެންމެފަހުން ކުޅުނު ތިން މެޗުންވެސް ބަލިނުވެ އޮތީ. ވަރަށް ރަނގަޅު ފުރުސަތެއް މިއީ ގަދަ ހަތަރެއްގެ ތެރެއަށް ޖެހިލުމަށް. އެ ފުރުސަތު ބޭނުން ކުރަން ޖެހޭ. ވަރަށް ކައިރިން ދާ މެޗަކަށް ވާނެ،" ކުރިން ފޯކައިދޫގެ ކޯޗުކަންވެސް ކުރި ނިސްތާރު ބުނެފައިވެއެވެ.
އީގަލްސްއާއި ގްރީން ކުޅޭ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު