ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ބަލި ގަބޫލުކުރެއްވި ގޮތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ބަލި ގަބޫލުކުރައްވަންޖެހޭ ކަމަށް ރައްޔިތުން މަޖިލިސްގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ އެންމެ ފުރަތަމަ ބުރުގައި އެމަނިކުފާނު ކާމިޔާބުކުރެއްވުން، ސުޕްރީމް ކޯޓުން އިންތިހާބު ނަތީޖާ ބާތިލުކުރި ކަމަށެވެ. އަދި އޭގެ ފަހުން އިންތިހާބު ފަސްކުރުމަށްފަހު، ދެވަނަ ފަހަރަށް އިންތިހާބު ބާއްވާފައިވަނީ އެމަނިކުފާނު ބަލިވާނެ ކަމުގެ ޔަގީންކަން ލިބުމުން ކަމަށެވެ.
"އެފަހަރު އިންތިހާބުގެ ބަލި ގަބޫލު ކުރީ ގައުމުގެ ހަމަޖެހުމާއި އަމާންކަމަށް. އެމެރިކާގެ އިންތިހާބު ކުރިއަށްދިޔައީ ވަރަށްވެސް އޮމާންކަމާއެކު. ޓްރަމްޕް ބަލި ގަބޫލުކުރަންޖެހޭ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިގޮތަށް ވިދާޅުވެފައިމިވަނީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ، ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ގާނޫނު ހަދާ މަޖިލިސް ސަރަހައްދަށް ޓްރަމްޕްގެ ސަޕޯޓަރުން އެއްވެ، މަޖިލީހުގެ އެތެރެއަށް ވަދެ ހަމަނުޖެހުން ހިންގާފައިވާތީއެވެ.
ގާނޫން ހަދާ މަޖިލީހުގައި ހަމަނުޖެހުން ހިންގަމުންދިޔަ ޓްރަމްޕްގެ ސްޕޯޓަރުން ހުއްޓުވުމަށް އެގައުމުގެ ސަލާމަތީ ބާރުތަކުން މަސައްކަތްކުރުމުގެ ތެރޭގައި ދިން ބަޑީގެ ހަމަލާއެއްގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.
ޓްރަމްޕް ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކުރައްވައި ސަޕޯޓަރުންނަށް ހަމަނުޖެހުން ސުލްހަވެރިކަމާއެކު ހުއްޓާލުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ރިޔާސީ އިންތިހާބު ވަނީ އޮޅުވާލާފައިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެކަމާ ގުޅިގެންވެސް ނަޝީދު ވަނީ މިއަދު ޓުވީޓެއް ކުރައްވައިފައެވެ. ނަޝީދު ވިދާޅުވީ އެމެރިކާގައި ކުރިއަށްދަނީ ބަޣާވާތެއް ކަމަށާއި އެކަން އެމަނިކުފާނުވެސް ތަޖުރިބާ ކޮށްފައިވާ ކަމަށެވެ. އެމަނިކުފާނުގެ ވެރިކަން 2012 ވަނަ އަހަރު ވެއްޓުނު ހަމަނުޖެހުމަށް އިޝާރާތްކުރައްވައި ވިދާޅުވީ ބަޣާވާތް ކުރާގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އެ ހަމަނުޖެހުމުން އަސަރު ކުރާނީ އެމެރިކާގެ ޑިމޮކްރަސީއަށް އެކަނި ނޫން ކަމަށާއި ޑިމޮކްރެޓިކް މިނިވަންކަމާއި އުސޫލުތަކަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު