ރެފްރީންގެ ވާހަކަ ދެއްކުން މަނާ ކުރި ކުރުމާ މެދު ހިތްހަމަ ނުޖެހޭ ފަދަ ގޮތަކަށް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވާހަކަ ދައްކައިފިއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ކްލަބު އީގަލްސް ވެލެންސިއާ އަތުން ބަލިވެފައިވާއިރު، އެ މެޗުގައި ވެލެންސިއާއިން ޖެހި ދެ ގޯލަކީވެސް ޕެނެލްޓީން ޖެހި ދެ ގޯލެވެ. ފުރަތަމަ ޕެނެލްޓީއަކީ އަރިމަތިން ވެލެންސިއާގެ އަލީ ފާސިރު (ސެންޓޭ) އޭރިއާ ތެރެއަށް ވަނުމުން ފަހަތުން ގޮސް އީގަލްސް ޑިފެންޑަރު ކުރި ފައުލަކަށް ދިން ޕެނެލްޓީއެކެވެ.

ދެވަނަ ޕެނެލްޓީއަކީ އީގަލްސްގެ ގޯލްކީޕަރު މިލާން، ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ލީގުގެ މި ބުރުގައި ފުރަތަމަ ކުޅުނު މެޗަށްފަހު އެފްއޭއެމްއިން އަންގާފައި ވަނީ ރެފްރީންގެ ކަންކަމަށް ކޯޗުންނަށް ބަސް ނުކިޔޭނެ ކަމަށެވެ. ސުޕަ ޔުނައިޓެޑާއި ގްރީން ސްޓްރީޓްސް ކުޅުނު މެޗަށްފަހު ދެ ކޯޗުންނަށް އަމާޒުކޮށް، އެފްއޭއެމްގެ މީޑިއާ ހެޑް އަބްދުﷲ އަޒްމީން ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމުގައި ރެފްރީންގެ ވާހަކަ ނުދެއްކޭނެ ކަމަށެވެ.

އެ ކަމަށް އިޝާރާތް ކޮށް، އިއްޔެ އީގަލްސްގެ ކޯޗު މޯހަން ބުނެފައި ވަނީ ދައްކަން ބޭނުންވާ ވާހަކަ އޮތީ މަނާ ކޮށްފައި ކަމަށާއި އެހެން ވާހަކަތައް އަލިއަޅުވާލައިގެންވެސް ބޭނުންވާ ކަންކަމާ ބެހޭގޮތުން އެއްޗެއް ބުނެވެން ނެތް ކަމަށެވެ.

"ފުރަަތަމަ ވެސް ވެލެންސިއާ އަށް މަރުހަބާ ދަންނަވަން. ވެލެންސިއާގެ ކާމިޔާބީ އަށް. ދެން މިއަދު ދައްކަން ޖެހޭ ވާހަކަ އެ އޮތީ އިއްޔެ މަނާކޮށްފައި މިއަދު ވެލެންސިއާއާ ކުޅެންވާއިރަށް. އެހެންވީމަކާ ދައްކަން އޮތް އެންމެ މުހިއްމު ވާހަކަ ނެތް ދެއްކެން ވަރަށް ބޮޑަށް މާފުކުރައްވާތި،" މޯހަން ބުންޏެވެ.

މެޗުން ބަލިވުމާ އެކު އީގަލްސް އަށް ވަނީ މި ފަހަރު ސީޒަނުގައި މޮޅެއް ނުލިބި ހަތަރު ވަނަ މެޗެއް ނިންމާލަން ޖެހިފަ އެވެ. އީގަލްސް އަށް ހަތަރު މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ. މި ސީޒަނުގައި މިހާތަނަށް ތިން މެޗުން ބަލިވެފައިވާއިރު، އެ ޓީމުން މިދިޔަ ސީޒަނުގައި ލީގުގެ ދެ ވަނަ ހޯދިއިރު 21 މެޗުގެ ތެރެއިން ބަލިވީ ދެ މެޗުންނެވެ.