ގަތަރާއި ސައުދީ އެއްގަލަކަށް އަރައި ބޯޑަރުތައް ހުޅުވާލަން ނިންމައިފިއެވެ.

ސައުދީ އަރަބިއްޔާއިން ވައިގެ މަގާއި ކަނޑުގެމަގު ގަތަރަށް ބަންދުކޮށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމާފައިވާކަމަށް ކުވައިތުގެ ފޮރިން މިނިސްޓަރު ވަނީ މީޑިއާ ތަކަށް ކަށަވަރު ކޮށްދެއްވައިފައެވެ.

މިއީ ސައުދީގެ އިތުރުން އަރަބި އިމާރާތާއި ބަހްރެއިންގެ އިތުރުން އިޖިޕްޓުން ގަތަރު ބޮއިކޮޓްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އުވާލައި ސުލްހަ ގާއިމް ކުރާނެކަމުގެ ފިޔަވަޅަކަށް ވާނެ ކަމެކެވެ.

2017 ވަނަ އަހަރު މެދުއިރުމަތީގެ ހަމަނުޖެހުމުގެ ތެރޭގައި ގަތަރުން ޓެރަރިޒަމް އަށް ތަރުހީބު ދޭކަމަށް ބުނެ އަރަބި ގިނަ ގައުމުތަކަކުން ވަނީ އެގައުމާ މެދު އޮންނަ ގުޅުން ކަނޑާލައި އެހީތައްވެސް ކަނޑާލައިފައެވެ.

ގަތަރުން ވަނީ އަރަބި ގައުމުތަކުން އެގައުމާ މެދު ދެކޭ ގޮތް ނުބައި ކަމަށާއި އެގައުމާ މެދު ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ކުވައިތުން ވަނީ ގަތަރާ މައްސަލަ ޖެހިފައިވާ އަރަބި ގައުމުތަކުގެ މެދުގައި ސުލްހަ ގާއިމްކުރުމުގެ މެދުވެރިޔަކަށްވެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.