މީސް މީޑިއާގެ މަންސައެއް ކަމުގައިވާ ޓުވިޓާގައި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒާއި އެލެކްސް އަހުމަދާ ދެމެދު ބޮޑު ކޯޅުމެއް ފަށައިފިއެވެ.

އެލެކްސް އަހުމަދުގެ ޓުވިޓާ އެކައުންޓަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބޭނުންކުރައްވާ ޓުވިޓާ އެކައުންޓު ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އިޔާޒާއި އެލެކްސް އަހުމަދުގެ ކޯޅުން ފެށުނީ، 7 ފެބްރުއަރީ 2012ގައި ހިނގައިދިޔަ ކަންތައް ބަލައި އެކުލަވައިލި "ކޯނީ ރިޕޯޓު" ގައި، ރައީސް ނަޝީދު އިސްތިއުފާދެއްވީ އަމިއްލަ އިހުތިޔާރުގައި ކަމަށާއި އެހެންކަމުން އެއަށް ބަގާވާތެއް ނުކިޔޭނެ ކަމަށް ޑރ. އިޔާޒް ވިދާޅުވުމާއެކުގައެވެ. ޑރ. އިޔާޒް އެފަދައިން ވިދާޅުވެ، ރޭ ކުރެއްވި ޓުވީޓާ ގުޅިގެން ޓުވިޓާގައި ވާހަކަދެއްކި މީހަކު ވަނީ މަތިވެރި ރައްބު ހަރާމްކުރެއްވި ބަގާވާތެއް ގެނައުމަށް މަސައްކަތްކުރި މީހުން ދެކޭނީ އެއީ ބަގާވާތެއް ނޫން ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ބަގާވަތެއް ކަމަށް އޭނާ ބުންޏެވެ.

އެމީހާގެ ވާހަކައަށް ރައްދު ދެއްވައި ޑރ. އިޔާޒް ވަނީ، ބަގާވާތަކަށް ވަނީ ކިހިނެއްތޯ އޮޅުންފިލުވައިދިނުމަށް އެދިފައެވެ. ޖަވާބުގައި އޭނާ ވަނީ ރައީސް ނަޝީދަށް އިސްތިއުފާދޭން މަޖުބޫރުކުރުވިކަމަށް ބުނެފައެވެ. އޭގެ ޖަވާބުގައި ރައީސް ނަޝީދަށް އަމާޒުކުރައްވައި ޑރ. އިޔާޒް ވިދާޅުވީ، މަޖުބޫރުކުރުވި ގޮތެއް ވެސް އޮންނަންޖެހޭނެ ކަމަށާއި ތެޔޮބިޑިއެއް ނުލިބިގެންވާ މަޖުބޫރެއްގެ ސަބަބުން އިސްތިއުފާ ދިނުމަކުން އެއީ ބަގާވާތަކަށް ނުވާނެ ކަމަށެވެ.

ޑރ. އިޔާޒްގެ އެ ޓުވީޓަށް ފަހު އާއްމުންގެ ގިނަ ބަޔަކު އޭނާއަށް ފާޑުކިޔުންތައް އަމާޒުކުރުމުން ޑރ. އިޔާޒް ވަނީ އިތުރު ޓުވީޓެއް ކުރައްވައިފައެވެ. އެ ޓުވީޓުގައި ޑރ. އިޔާޒް ވިދާޅުވީ، ރޫޙާނީ ލީޑަރުގެ އަނިޔާވެރިކަން ވެއްޓުނު އިރު އޭނާ އާއި، ދެކޮޅުވީ އެންމެން ދެކެ އެމްޑީޕީގެ މެންބަރުން އިންތިހާއަށް ރުޅި އަންނަ ކަމަށެވެ. ޑރ. އިޔާޒް ވަނީ، ވެރިކަން ވައްޓާލަން ދެކޮޅުވީ މީހުންދެކެ ރުޅި އައި ނަމަވެސް ތިމާމެން ހައްދަވާ ގެންގުޅުއްވައި، ރިޒްގު ދެއްވާ އިލާހަށް ދަރިކަލަކާއި ބައިވެރިޔަކު ވެޔޭ ބުނާ މީހުންގެ އީދުތަކުގައި ބައިވެރިވެ ތަހުނިޔާ ކިއުމަކީ ކޮން ފާޑެއްގެ ކަމެއްތޯ ސުވާލު ކުރައްވައިފައެވެ.

ޑރ. އިޔާޒްގެ އެ ޓުވީޓާ ގުޅިގެން އެލެކްސް އަހުމަދުގެ ނަމުގައި ހިންގާ ޓުވިޓާ ހޭންޑަލްއިން ވަނީ، ޑރ. އިޔާޒް އުޅުއްވަނީ އޭނާއާ ހިތާވެގެންތޯ އަހައިފައެވެ. އަދި އެލެކްސް ބުނެފައިވަނީ، އޭނާގެ އުމުރުން މިހާރު އޭނާގެ އުމުރުން 53 އަހަރުވެއްޖެ ކަމަށާއި އެހެން ނަމަވެސް މުޅި އުމުރުގައިވެސް ޑރ. އިޔާޒްހާ ވަރަށް އޭނާއާ އެހެން މީހަކު ހިތާވެފައި ހުއްޓައި ނުދެކޭ ކަމަށް، ގާތް އަންހެން ރަހުމަތްތެރިއަކު ބުނެފައިވާ ކަމަށެވެ.

އެލެކްސްގެ އުމުރުން 53 އަހަރުވެފައިވާ ކަމަށް ބުނެފައިވާ އިރު، ރައީސް ނަޝީދުގެ އުމުރުފުޅަކީ ވެސް 53 އަހަރެވެ.

"ޑރ. އިޔާޒް ތިބޭފުޅާ އަޅުގަނޑާ ހިތާވީތަ؟ ލޯބިވަނީތަ؟ ހާދަ އަޅައިގަނެފައޭ." އެލެކްސްގެ ޓުވީޓުގައި ބުނެފައިވެއެވެ.

އެލެކްސްގެ އެ ޓުވީޓަށް ރައްދުދެމުން ޑރ. އިޔާޒް ވިދާޅުވީ މުސްލިމުން މީހުންނާ ގުޅުން ބަދަހިކުރަނީ ﷲ އަށްޓަކައި ކަމަށާއި ރުޅި އަރަނީވެސް ﷲ އަށްޓަކައި ކަމަށެވެ. އޭގެ ޖަވާބުގައި އެލެކްސް ބުނީ، ޑރ. އިޔާޒަށް ވަނީ އޭނާ ދެކެ ލޯބިވެވިފައި ކަމަށެވެ.

"ޔޫއާ އިން ލަވް،" އެލެކްސް އަހުމަދު ބުންޏެވެ.

އެލެކްސް އަހުމަދުގެ އެ ޓުވީޓުތަކާ ގުޅިގެން ޑރ. އިޔާޒްގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ދީނީ އިލްމުވެރިންވެސް ވަނީ ވަރަށް ބޮޑަށް ނުހުރުން ފާޅުކުރައްވައި ޓުވީޓުތައް ކުރައްވައިފައެވެ.

އެލެކްސްގެ ޓުވީޓުތަކުގެ ތެރެއިން އަހުލާގީ މިންގަނޑަށް ނުފެތޭ ޓުވީޓަކާ ގުޅިގެން ދީނީ އިލްމުވެރިޔާ އަލީ ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސެއްގެ އަހުލާގު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތަން ފެންނަމުންދާތީ ވަރަށް ހައިރާންވާ ކަމަށާއި ޓުވިޓާގައި އަހުލާގީ ގޮތުން ދަށު ދަރަޖައިގެ ވާހަކަތައް ދެއްކުމާއި ރީޓުވީޓު ކުރެއްވުން ވަރަށް އާންމުވެފައިވާ ކަމަށެވެ.