ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް މަލްޓި-ސްޕޯޓްސް އެކުއެޓިކް އިވެންޓް، ބާ2000 ފަރަމަންތާ ޗެލެންޖް އިފްތިތާހުކޮށްފިއެވެ.

ބާ2000 އިން އިސްނަގައިގެން ފަރުމަތި އިވެންޓްސް އިން ރާވާ ހިންގާ ބާ2000 ފަރަމަންތާ ޗެލެންޖުގައި އޯޕަން ވޯޓާ ފެތުމުގެ އިތުރުން ސާފިންނާއި ބޮޑީ ބޯޑިންގެ އިވެންޓުތައް ހިމެނެއެވެ. އެ ހަރަކާތަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް ހުޅުވާލެވިގެން ކުރިއަށްގެންދާ އިވެންޓްތަކެއް ހިމެނޭ ހަރަކާތެކެވެ. އަންހެން، ފިރިހެން އެތުލީޓުން އެކިއެކި އިވެންޓުތަކުގައި ފެނިގެންދާ އިރު، މި އިވެންޓްތައް ކުރިއަށްދާ ދުވަސްތަކުގައި ސޯޝަލް މީޑިއާ އާއި އެނޫން ވެސް ގޮތްގޮތަށް ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމައިފައެވެ.

ބާ2000 ފަރަމަންތާ ޗެލެންޖުގެ ހަރަކާތްތައް ދެ ދުވަސް ވަރަކަށް ބަހާލައިގެން ކުރިއަށްގެންދަން ފަރުމަތި އިވެންޓްސްއިން ނިންމާފައިވާ އިރު، ފުރަތަމަ ބަޔަކީ ރަސްފަންނުގައި އަންނަ އޭޕްރީލް މަހު 1 އިން 3 އަށް ބާއްވާ އޯޕަން ވޯޓާ ސްވިމިން މުބާރާތެވެ. އެއަށްފަހު ދެވަނަ އިވެންޓް ކުރިއަށްގެންދާނީ މެއި 20 އިން ޖޫން 1 އަށް ވަރުނުލާ ރާޅުގަނޑުގައެވެ. އެއީ ސާފިން އާއި ބޮޑީބޯޑިން އިވެންޓެވެ. އެ ދެ އިވެންޓް ބޭއްވުމުގައި ދުވަސްތައް ކަނޑައަޅާނީ ރާޅުތަކަށް ބެލުމަށް ފަހުއެވެ.

އެ އިވެންޓުތަކުގައި ބައިވެރިވުމަށް ހުޅުވާލާ ތާރީހުތައް ވެސް މިހާރު ވަނީ އިއުލާންކޮށްފައެވެ. އެގޮތުން އޯޕަން ވޯޓާ ސްވިމިން މުބާރާތުގައި ބައިވެރިވުމަށް މިމަހުގެ 13 އިން އަންނަ މަހުގެ 20އަށް ހުޅުވާލާ އިރު، ފިރިހެން އަދި އަންހެން ޑިވިޝަންގެ ފުރަތަމަ ފަސް އެންޓްރީއަށް ހިލޭ ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

ސާފިން އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު މާޗް 20 އިން އޭޕްރީލް 20 އަށް ހުޅުވާލާ އިރު، ފިރިހެނުންގެ އޯޕަން އަދި ޖޫނިއާ ކެޓަގަރީގެ ފުރަތަމަ ފަސް އެންޓްރީއަށް ހިލޭ ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އެ އިވެންޓުން ދެ ކެޓަގަރީން ވެސް އަންހެން ބައިވެރިންނަށް ހިލޭ ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ބޮޑީބޯޑިން އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު މާޗް 20 އިން އޭޕްރީލް 20 އަށް ހުޅުވާލާ އިރު، ފިރިހެނުންގެ އޯޕަން އަދި ޖޫނިއާ ކެޓަގަރީގެ ފުރަތަމަ ފަސް އެންޓްރީއަށް ހިލޭ ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އެ އިވެންޓުން ދެ ކެޓަގަރީން ވެސް އަންހެން ބައިވެރިންނަށް ހިލޭ ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ބާ2000 ފަރަމަންތާ ޗެލެންޖްގެ ހަރަކާތްތައް ކުރިއަށްގެންދަނީ މި ކުޅިވަރުތަކާ ގުޅޭ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އެއްބާރުލުމާ އެކީގައެވެ.

ބާ2000 ފަރަމަންތާ ޗެލެންޖަކީ ރާއްޖޭގައި އެކުއެޓިކް ސްޕޯޓްސް ޕްރޮމޯޓްކޮށް، އެފަދަ އިވެންޓުތައް ތަފާތު ގޮތަކަށް ގެނެސްދިނުމަށް ގައުމީ އެސޯސިއޭޝަންތަކާއެކު ބައިނަލްއަގުވާމީ ލެވެލްއެއްގައި މަސައްކަތް ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ އިވެންޓެކެވެ.