ކުޑަކުޑަކޮށް ފެށޭ ކަމަކުންވެސް ދުނިޔޭގެ މޫނުމަތި ބަދަލުވެދެއެވެ. މުޅި ދުނިޔެ އެކޮޅުކޮޅުން ޖެހިދެއެވެ. މީސްތަކުންގެ ދިރިއުޅުން އެފުށްމިފުށަށް ޖެހިދެއެވެ. ކޮވިޑް 19 އަކީ ވެސް މިބީދައިން ދުނިޔެ ސުންނާފަތިކޮށްލި ވަބާއެކެވެ. ވަބާ އެންމެ ފުރަތަމަ ފެނުނީ 2019 ޑިސެމްބަރުމަހުގެ ތެރޭގައި ޗައިނާއިންވެ. ވަބާގައި މީހަކު މަރުވިކަން ޗައިނާއިން އެންމެ ފުރަތަމަ ރިޕޯޓްކުރީ 2020 ވަނަ އަހަރުގެ ޖެނުއަރީ އެގާރަވަނަ ދުވަހުއެވެ.

ކޮވިޑްގެ ނުރައްކާ ދުނިޔެއާ ފޮށުނު ފަހުން އަހަރެއް ފާއިތުވީއެވެ. މި މުއްދަތުގެ ތެރޭގައި ދުނިޔޭގެ އިގްތިސާދު އިނދަޖެހިއްޖެއެވެ. މީސްތަކުންގެ ދިރިއުޅުން ބަރުބާދުވެއްޖެއެވެ. ގިނަބަޔަކު ހަޔާތޭ ކިޔައިގެން އުޅޭ އެއްޗެއްގެ ބައްޓަން ބަދަލުވެގެން ހިގައްޖެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންދާޒާކުރާ ގޮތުގައި މުޅިދުނިޔޭގެ ކޮންމެ ދިހަމީހަކުން އެކަކަށް ކޮވިޑް ބަލި ޖެހިއްޖެއެވެ. އޭގެތެރެއިން ދެމިލިޔަނެއްހައި މީހުން މަރުވެއްޖެއެވެ.

ކޮވިޑްބަލި ފެތުރުން ހުއްޓުވުމަށްޓަކައި ދުނިޔޭގެ ކުދިބޮޑު އެންމެހައި ގައުމުތައް ލޮކްޑައުނަކަށް ދިޔައެވެ. ދޮރުތައް ބަންދުކޮށް އެކަހެރިވިއެވެ. ނަތީޖާއެއްގެ ގޮތުން އިގްތިސާދީ މަސައްކަތްތައް ހުއްޓި ވަޒީފާތައް ފުހެވި ގައުމުތައް ބަނގަރޫޓުވިއެވެ. ނިއުޒިލެންޑާއި ވިއެޓްނާމް ކަހަލަ މަދު ގައުމުތަކަށް ކޮވިޑާ ދެކޮޅު ހަގުރާމައިން ކުރިއެރުންތަކެއް ހޯދުނަސް އެމެރިކާއާއި އިނގިރޭސިވިލާތާއި ބްރެޒިލްއާއި އިންޑިޔާފަދަ ގައުމުތަކަށް މި ހަގުރާމައިގައި ކުރިއެރުމެއް ނުލިބި މުޅިން ބަލިވެއްޖެއެވެ.

ކޮވިޑް ވަބާ ފެތުރިގެންދިޔަލެއް ހަލުވިކަމުން އަދި މިކަމުގެ ނުރައްކާ ބޮޑުކަމުން އިސްލާމީ ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު އެއް މައްސަލަޔަކީ ހައްޖުގެ މާތްވެގެންވާ އަޅުކަންވެސް 2020 ވަނަ އަހަރު ކެންސަލް ކުރަން ޖެހުމެވެ. މިއީ ދުނިޔޭގެ މުޅި ތާރީޚުގައިވެސް ބަލިމަޑުކަމެއްގެ ނުރައްކަލާހެދި ހައްޖުގެ އަޅުކަން ކެންސަލްކުރެވުނު ފުރަތަމަ ފަހަރެވެ. ހަގުރާމަޔާއި ހަމަނުޖެހުންތަކުގެ ސަބަބުން މީގެ ކުރިން ސާޅީސް އަހަރަކު ހައްޖު ކެންސަލް ކުރެވުނެވެ.

ހައްޖަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން އެތައް މިލިޔަން ބަޔަކު އެއްތަންވެގެން ކުރިޔަށް ގެންދާ އަޅުކަމަކަށްވާތީ އިސްލާމީ ގައުމުތަކުގެ ވެރީންނަށް ފެނުނު އެންމެ ބުއްދިވެރި ގޮތަކީ މިއަހަރުގެ ހައްޖު ކެންސަލް ކުރުމެވެ. މިއީ މިޒަމާނުގެ ސައުދީ ރަސްކަން ގާއިމުވީފަހުން ހައްޖު ކެންސަލްވި ފުރަތަމަ ފަހަރެވެ. ހައްޖު މޫސުމް ބޯމަތިވެގެން އައިދުވަސްވަރު ކޮވިޑާ ދެކޮޅު ވެކްސިނެއް އީޖާދު ކުރެވިފައި ނެތުމަކީވެސް ހައްޖު ކެންސަލް ކުރަން ގިނަ އިލްމުވެރީންނަށް ފެނުމުގެ ސިއްރެވެ.

ކޮވިޑްގެ ނުރައްކާ ދުނިޔެއާ ކުރިމަތިވީ ދުވަހުން ފެށިގެން މުޅި ދުނިޔެއިން އެންމެ ބުރަކޮށް މަސައްކަތްކުރީ ކޮވިޑާ ދެކޮޅަށް ވެކްސިނެއް އުފެއްދުމަށެވެ. މިފަދަ ވެކްސިނެއް އުފެއްދުމަށްޓަކައި އެކިކަހަލަ ތަހުލީލުތަކާއި އަޖުމަބެލުންތަކަށް އެތަކެއް ބިލިޔަން ޑޮލަރު ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ހޭދަކޮށްފިއެވެ. ދުނިޔޭގެ ތާރީޚުގައިވެސް ވެކްސިނެއް އުފެއްދުމަށް އެންމެންވެގެން މީގެ ކުރިން ނުކުރާވަރުގެ ބުރަ މަސައްކަތްތަކެއް ކޮށްގެން އޭގެ މޭވާ ލިބޭވަރުވީ ބާރަމަސްފަހުންނެވެ. ދެހާސްވިހިވަނަ އަހަރުގެ ޑިސެމްބަރު މަހު ބައެއް ގައުމުތަކުން ކޮވިޑް ވެކްސިން ވަނީ ބާޒާރަށް ނެރެފައެވެ.

ވެކްސިން އުފެއްދުމުގެ ރޭހުގައި ބައެއް ކުންފުނިތަކަށް ކުރިލިބުނު ނަމަވެސް އަދި ބައެއް މީހުންނަށް މިވެކްސިން ދެވުނު ނަމަވެސް އާއްމުކޮށް މުޅިދުނިޔެއަށް ވެކްސިން ލިބޭނީ ދެހާސްއެކާވީސް ވަނައަހަރުގައެވެ. އެހެންވީމާ ދެހާސްވިހި ހިމެނޭނީ ބޮޑަށް ވެކްސިނުގެ އަޖުމަބެލުމާއި ދިރާސާކުރުމުގެ އަހަރެއްގެ ގޮތުގައެވެ. އަހަރުފެށުނީ ކޮވިޑުގެ ވިލާތަކުން ދުނިޔެ ބަނަކޮށްލުމަކުންނެވެ. އަހަރު ނިމެނީ އެބަނަ ވިލާތައް ނައްތައިލެވޭނެ ހަތިޔާރެއް އީޖާދުކުރެވިއްޖެކަމުގެ ހިތްހަމަޖެހުން ލިބިދީފައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބަކީ ކޮވިޑްގެ ވަބާޔަށްފަހު ދެން ދުނިޔޭގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނު ކަންތަކެވެ. ރައީސް ޑޮނަލްޑް ޓްރަމްޕު ބަލިވާނެތޯ ނުވަތަ ގަދަވާނެތޯ ބެލުމުގެ އިންތިޒާރު ނިމުމަކަށް އައީ ނޮވެމްބަރު ތިނެއްގެ ވޯޓުންނެވެ. މިއީ އެމެރިކާގެ ތާރީޚުގައިވެސް އެންމެ ގިނަބަޔަކު ވޯޓުލާން ނިކުތް އިންތިޚާބެވެ. ގާތްގަޑަކަށް 160 މިލިޔަން މީހުން ވޯޓުދިނެވެ. އެއީ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ގާތްގަޑަކަށް 67 އިންސައްތައެވެ.

ގިނަ ބަޔަކު ހީކޮށްގެންތިބި ގޮތަށް މި އިންތިޚާބުގައި ކުރި ހޯއްދެވީ ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެންއެވެ. ރިކޯޑް އަދަދަކުން އޭނާ ވަނީ ވޯޓު ހޯއްދަވާފައެވެ. އެހެންނަމަވެސް އެމެރިކާގެ ތާރީޚުގައި ކުރިން ފެނިފައިނެތް ކަންތަކެއް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފަރާތުން ވަނީ ފެނިގެން ގޮސްފައެވެ. އެއީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރުމާއި ޓްރަމްޕާ ދެކޮޅު ބަހެއް ބުނެ ނިންމުމެއް ނިންމާ ހަމަ ކޮންމެ މީހަކީ ޚާއިނެއް ކަމަށް ކަޑައެޅުމެވެ. ޓްރަމްޕުގެ މި އަމަލުތަކުގެ ސަބަބުން އެމެރިކާ ވަނީ ބައިބައިވެގެން ގޮސްފައެވެ.

ސްރީލަންކާގައި އޮގަސްޓްމަހު ބޭއްވުނު އާއްމު އިންތިޚާބުގައި އާދަޔާ ޚިލާފު ބޮޑު ކާމިޔާބީއެއް ރައީސް ގޮތަބަޔާ ރާޖަޕަކްސާ އާއި އޭނާގެ ބޭބެ މަހިންދަ ރާޖަޕަކްސާގެ ޕީޕަލްސް ފްރަންޓް ޕާޓީވަނީ ހޯދާފައެވެ. ޕާލަމެންޓްގެ 225 ގޮނޑީގެ ތެރެއިން 145 ގޮނޑި ދެބެއިންގެ ޕާޓީން ވަނީ ހޯދާފައެވެ. މިއީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ލަންކާގަައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ގޮތަބަޔާއަށް އެއްއަހަރުވެސް ނުވަނީސް ލިބިވަޑައިގެންނެވި ދެވަނަ ކާމިޔާބީއެވެ. ރައީސަކީ ގޮތަބަޔާއެވެ. ބޮޑުވަޒީރަކީ މަހިންދައެވެ.

ގޮތަބަޔާ އާއިލާގެ މިކާމިޔާބީއަކީ ލަންކާގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާގެ ތަރި މުޅިން އޮއްސިގެން ދިއުމެކެވެ. ރަނިލްގެ ޕާޓީން ވާދަކުރި ގޮނޑިގޮނޑީގެ ތެރެއިން އެ ޕާޓީއަށް ކާމިޔާބު ކުރެވުނީ އެންމެ ގޮނޑިއެކެވެ. އެތައް ޒަމާނަކަށް ރަނިލް ދެމެހެއްޓެވި ގޮނޑިވެސް އޭނާއަށް ވަނީ ގެއްލިފައެވެ. މި ނާކާމިޔާބީއާއެކު ރަނިލްގެ ޕާޓީއަށް ޕާލަމެންޓުގައި އިދިކޮޅު ޕާޓީގެ ހައިސިއްޔަތުވެސް ވަނީ ގެއްލިފައެވެ. މިހާރު އިދިކޮޅު ޕާޓީއަކީ ކުރީގެ ރައީސް ޕްރެމަދާސާގެ ދަރިކަލުން އިސްވެގެން އުފައްދަވާފައިވާ އިއްތިހާދެކެވެ.

އަހަރު ފެށިގެން އައީ ގަލްފުގައި އަނެއްކާވެސް ބޮޑުވެގެންވާ ވަރުގަދަ ހަގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަމާއެކުގައެވެ. އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި އީރާނުގެ އިންގިލާބީ ލަޝްކަރުގެ ވެރިޔާ ޖެނެރަލް ގާސިމް ސުލައިމާނީ ވަނީ ޖެނުއަރީމަހުގެ ތިން ވަނަ ދުވަހު ޝަހީދުވެފައެވެ. މި ހަމަލާ ދީފައިވަނީ ޖެނެރަލް ސުލައިމާނީ އިރާގުގެ ވެރިރަރަށް ބައުދާދަށް ވަޑައިގެންނެވިތަނާހެން ބައުދާދުގެ އެއަރޕޯޓާ ދާދި ކައިރީގައެވެ.

ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލުމުގެ ބަދަލު ވަރަށް ވޭންދެނިވި ގޮތަކަށް ހިފާނޭ ކަމުގެ އިންޒާރު އީރާނުން ދިނެވެ. ހަގުރާމަޔަކަށް ތައްޔާރުވިއެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެންދިޔައެވެ. އެކަމަކު އިރާގުގެ ސަހަރާގެ ތެރޭގައި އެމެރިކާއިން ގާއިމްކޮށްފައިވާ އަސްކަރީ މަރުކަޒަކަށް ހަތަރުފަސް މިސައިލެއް ފޮނުވާލުން ފިޔަވައި އެހެންކަމެއް އީރާނުން ނުކުރެއެވެ. މި ހަމަލާގައި އެމެރިކާ ސިފައިންގެ މީހަކު މަރެއްވެސް ނުވެއެވެ.

އަހަރުގެ ފަހުކޮޅު އަނެއްކާވެސް އީރާނުގެ މުހިއްމު އެހެން ބޭފުޅަކު އެމެރިކާއާއި އިޒްރޭލު ގުޅިގެން ވަނީ ޝަހީދުކޮށްލައިފައެވެ. ނޮވެމްބަރު މަހުގެ ތެރޭގައި އިރާނުގެ ވެރިރަށް ތެހެރާނުގެ ރަށްބޭރުގައި ބަޑިން ދިން ހަމަލާއެއްގައި ޝަހީދުކުރެވުނީ އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމުގެ އިސް ވެރިއެއްކަމުގައިވާ މުހުސިން ފާޚިރުޒާދާއެވެ. މިއީ ވަރަށް ބޮޑަށް ރާވައިގެން ވަރަށް ގިނަބަޔަކު ބައިވެރިވެގެން ހިންގި އުދުވާނެކެވެ. މިފަހަރުވެސް ބަދަލު ހިފާނޭކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ. އެކަމަކު އަހަރު ނިމިގެން ދިޔައީ އިތުރު ހާދިސާއެއް ނުފެނިއެވެ.

އޭޝިއާގެ އެންމެ ބޮޑު ދެބާރު ކަމަށްވާ ޗައިނާ އާއި އިންޑިޔާގެ މެދުގައި ހަގުރާމައެއް ފެށިދާނޭ ކަމުގެ ބިރުވެސް ވިހިވިހީގައި ވަރަށް ބޮޑަށް އުފެދުނެވެ. އިންޑިޔާގެ އުތުރުން ލަޑާކޭ ކިޔުނު ސަރަހައްދުގައި ދެގައުމުގެ ސިފައިންގެ މެދުގައި ކުރިމަތިލުންތަކެއް ހިގައި ޖޫންމަހުގެ ތެރޭގައި އިންޑިޔާގެ ސިފައިންގެ ތެރެއިން ވިއްސަކަށް މީހުން މަރުވިއެވެ. މިކަމާ ގުޅިގެން އިންޑިޔާއިން ދިން އިންޒާރުތައް އިވިފައި ގިނަބަޔަކު ހީކުރީ ދެން ފެށޭނީ ނިއުކުލިއަރ ހަގުރާމައެއް ކަމުގައެވެ.

އިންޑިޔާގެ އިންޒާރުތަކަކީ އަސްކަރީގޮތުން އިންޑިޔާއަށް ލިބުނު ގެއްލުންތައް ފޮރުވައި ރައްޔިތުންނަށް ހަގީގަތް އޮޅުވާލައި ބޮޑުވަޒީރު މޯދީގެ ސަރުކާރުގެ ފޫނުބެދުންތައް ފޮރުވާންވެގެން ހިންގި ކެމްޕޭނެކެވެ. ލަޑާކުގައި އިންޑިޔާ ސިފައިންތިބީ ޗައިނާއާ ކުރިމަތިލެވޭ ހާލަތަށްވުރެ މީހުންގެ އަދަދާއި ހަތިޔާރާއި ތައްޔާރުވުމުގައިވެސް މާފަހަތުގައެވެ. އެހެންކަމުން އަސްކަރީގޮތުން ޗައިނާއަށް ރައްދެއް ދިނުމަށް އިންޑިޔާއިން ކަންތައްތަކެއް ނުކުރެއެވެ. މަސްރަހުވެސް ދާދިއަވަހަށް ވަނީ ފިނިވެފައެވެ.

އާމީނިޔާއާއި އަޒަބައިޖާނުގެ މެދުގައި 1990 ވަނަ އަހަރު ހިގި ހަގުރާމައިގައި ބޮޑުވެގެންވާ ބަލިވުމަކުން އަޒަބައިޖާން ބަލިވެ އެގައުމުގެ ބިމުގެ ވިއްސަކަށް ޕަސަންޓްވެސް ވަނީ ގެއްލިފައެވެ. ނަގޯނޯ ކަރަބާޚުވެސް ހިމެނޭގޮތުންނެވެ. އޭގެ ވިހި އަހަރުފަހުން ވިހިވިހީގެ ނޮވެމްބަރު މަހުގެ ތެރޭގައި އަޒަބައިޖާން ވަނީ އަލުން ހަގުރާމަކޮށް އެ ސަރަހައްދުތައް ހިފައިފައެވެ. އާމީނިޔާއިން ފޭރިގެންފައިވާ ބިންތަކުގެ ތެރެއިން ނަގޯނޯ ކަރަބާޚުގެ ކުޑަކުޑަ ތަންކޮޅެއް ފިޔަވައި އެހެން ހުރިހާ ތަނެއް އަޒަބައިޖާން ވަނީ އަލުން ހޯދައިފައެވެ.

އާމީނިޔާގެ މައްޗަށް އަޒަރބައިޖާނުން ހޯދި ކާމިޔާބީގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ތުރުކީވިލާތުން އަޒަރބައިޖާނަށް ދީފައިވާ ޑްރޯންތަކެވެ. ރިމޯޓްކޮންޓްރޯލުން އުދުއްސައި ހަމަލަދެވޭ ޒާތުގެ ޑްރޯންތަކެވެ. މިއީ ހުޅުވިފައިވާ ހަގުރާމައެއްގައި އެންމެ ފުޅާކޮށް އެންމެ ގިނައިން ޑްރޯން ބޭނުން ކުރެވުނު ހަގުރާމައެވެ. އެހެންވެގެން މިއީ މިޒަމާނުގެ ހަގުރާމަތަކުގެ ވައްޓަފާޅި ބަދަލުކޮށްލި ހަގުރާމަކަމަށް ވަނީ ވެފައެވެ. އަޒަރބައިޖާނުގެ ކާމިޔާބީ ދެކޭން ތިބެފައި ދުނިޔޭގެ ބޮޑެތި ބާރުތަކުންވެސް މިހާރު ވަނީ ޑްރޯން އުފެއްދުން ގިނަކޮށްފައެވެ.