ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރް ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފި އެވެ. ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ސައިޓުތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުރިޔަށް އޮތް ތަނުގައި އަކްޝޭ ފިލްމެއް ކުޅެދޭން ނިންމާފައިވާ އަގަކީ 135 ބިލިއަން ކްރޯޑެވެ. މިއީ ފިލްމަކަށް ގާތްގަނޑަކަށް 18.4 މިލިއަން ޑޮލަރެވެ. ދިވެހި ރުފިޔާއިން ނަމަ 277 މިލިއަން ރުފިޔާ އެވެ.

މިހާރު އަކްޝޭ ފިލްމެއް ކުޅެދޭ އަގަކީ 117 ކްރޯޑެވެ.

ރިޕޯޓުތައް ބުނާގޮތުގައި އަކްޝޭގެ ފިލްމެއް އުފެއްދުމުގެ ހަރަދަށްވެސް 35 އާއި 45 ކްރޯޑާ ދެމެދުގެ އަދަދެއް ހަރަދު ވެއެވެ. ޕްރިންޓިންއާއި އިޝްތިހާރު ކުރުމުގެ ހަރަދާ އެކު މި އަގު 50 އާއި 60 ކްރޯޑާ ހަމައަށް އަރައެވެ. އަކްޝޭ ފިލްމް ކުޅެދޭ އަގާ އެކު ފިލްމެއްގެ ޖުމުލަ ހަރަދު 185 އާއި 195 ކްރޯޑާ ދެމެދުގެ އަދަދަކަށް އަރާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

އަކްޝޭގެ ފިލްމަކަށް ހުރިހާ ގޮތަކުން ލިބޭ ޖުމުލަ އާމްދަނީ އާންމުގޮތެއްގައި 210 އާއި 220 ކްރޯޑާ ހަމައަށް އަރަ އެވެ. އެހެން ކަމުން އަކްޝޭގެ ބޮޑުކުރި ފީއާ އެކުވެސް އޭނާ ލައްވައި ފިލްމު ކުޅުވަން ގިނަ ޕްރޮޑިއުސަރުން ޖެހިލުން ނުވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަކްޝޭގެ ގިނަ ފިލްމުތަކެއް މިހާރުވެސް ހުރީ ރިލީޒް ވުމުގެ މަގުމަތީގަ އެވެ. އޭގެ ތެރޭގައި ސޫރްޔާވަންޝީ، ޕްރިތިވިރާޖް ޗައުހާން، ބެލް ބޮޓޮމް، އަތުރަންޖީ ރޭ، ބައްޗަން ޕާންޑޭ، މިޝަން ލަޔަން، ރާމް ސޭތޫ އަދި އަދި ރަކްޝާ ބަންދަން ހިމެނެ އެވެ. އެހެން ކަމުން 2021 ވަނަ އަހަރު އަދި ފެންނަނީ ވަރަށް ބޮޑަށް ވެސް އަކްޝޭގެ އަހަރެއްގެ ގޮތުގަ އެވެ.