ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް އިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަކޮށް ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓްތައް ހިންގުމަށް ގްރީން ފައިނޭންސިން ތައާރަފުކޮށްފި އެެވެ.

ބީއެމްއެލް އިން ބުނީ މިއީ އެނާޖީ އެފިޝަންޓް މުދާ ގަތުމަށް އިންވެސްޓްކުރުމަށާއި ސޯލާ ޕަވާ ޖެނެރޭޓް ކުރުން ފަދަ ޕްރޮޖެކްޓްތައް ހިންގުމަށް ތައާރަފުކުރެވުނު އާ ފައިނޭންސިން ފެސިލިޓީއެއް ކަމަށެވެ. އެގޮތުން ގްރީން ފައިނޭންސިން މެދުވެރިކޮށް ޝަރުތު ފުރިހަމަ ވާ ކަސްޓަމަރުންނަށް ރަހުނަކާ ނުލައި 12 ޕަސެންޓުގެ ރޭޓުގައި 50،000 ރުފިޔާ އިން ފެށިގެން 500،000 ރުފިޔާއާ ހަމަޔަށް ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

ފައިސާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ހަމަޖެހިފައިވާއިރު މި ފައިނޭންސަށް އެދި ހުށަހަޅާއިރު އަމިއްލައަށް އެއްވެސް ހަރަދެއްކުރާކަށް ނުޖެހޭނެ އެވެ. މީގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން 20 މިލިއަން ރުފިޔާއާ ހަމަޔަށް ކުރާ ބޮޑެތި އިންވެސްޓްމަންޓްތައް ހިންގުމަށް 10 ޕަސެންޓުގެ ރޭޓުގައި ރަހުނާއެކު ގްރީން ފައިނޭންސިން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

ބީއެމްއެލް އިން ބުނީ މި ފެސިލިޓީ އަށް އެދި ހުށަހަޅާ ކަސްޓަމަރުން ޖުމްލަ ހަރަދުގެ 15 ޕަސެންޓު އަމިއްލައަށް ހަރަދު ކުރަން ޖެހޭނެ ކަމަށާއި އަދި ފައިނޭންސް ކޮށްދޭ އަދަދުގެ 150 ޕަސެންޓަށް ވުރެ ކުޑަ ނޫން ރަހުނެއް ބަހައްޓަން ޖެހޭނެ ކަމަށެވެ. މިފައިނޭންސިންއަށް އަނބުރާ ފައިސާދެއްކުމުގެ އެންމެ ދިގު މުއްދަތެއްގެ ގޮތުގައި 20 އަހަރު ވަނީ ކަނޑައަޅައިފަ އެވެ.

ބީއެމްއެލްގެ ޑިރެކްޓާ އޮފް އިސްލާމިކް ބޭންކިން ސުރީ ހާނިމް މުހައްމަދު ވިދާޅުވީ މި ތައާރަފު ކުރެވުނު ގްރީން ފައިނޭންސިން އަކީ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް އަދި ހާއްސަކޮށް ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ބޭނުންވާ މިންވަރު ރާއްޖޭގައި އިތުރުވަމުން އަންނަ ނިސްބަތަށް ބަލައި، ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ތައާރަފު ކުރެވުނު ފެސިލިޓީއެއް ކަމަށެވެ. މިއަދު މި ތައާރަފުކުރެވުނު ފެސިލިޓީއާއެކު ފަރުދުންނާއި ވިޔަފާރިތަކަށް ރަނގަޅު ޕްރޮޑަކްޓް ޕޯޓްފޯލިއޯއެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.