ލ. ޔޫތު ޑިވެލޮޕްމަންޓް (ލީޑް) އިން ކުރިއަށްގެންދާ ޔަމީ ނޫޑުލްސް ލީޑް 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ފައިނަލަށް މާވަށު އެސްސީ އާއި ސީ2އޭ އެކަޑެމީ ދަތުރުކޮށްފައެވެ.

ލ. ފޮނަދޫ ފުޓްސަލް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލްގެ ދެ މެޗުގެ ފޯރިގަދަވި އިރު، ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ މެޗު ބެލުމަށް ދަނޑަށް ޖަމާވެފަ އެވެ. ފުރަތަމަ މެޗުން މާވަށު އެސްސީން އެފްސީ މަގުމަގުމަތީގެ މައްޗަށް ކުރި ހޯދީ، 2-1ގެ ނަތީޖާއަކުންނެވެ.

މެޗުގައި އެފްސީ މަގުމަތީގެ އަހުސަން ރަޝާދު ފުރަތަމަ ގޯލެއް ޖަހައި އެޓީމަށް ކުރި ހޯދައިދީފައި ވަނިކޮށް، މާވަށުގެ މުހައްމަދު ސިޔާން ޖެހި ދެގޯލާއެކު އެޓީމުން ނަތީޖާ އަނބުރާލި އެވެ. އިއްޔެގެ މެޗުގައި އެފްސީ މަގުމަތީގެ ގިނަ ހަމަލާތަކެއް މާވަށު އެސްސީގެ ގޯލްކީޕަރު މަތަކޮށްފައިވާއިރު، މަގުމަތިން ރަނގަޅު ފޯމެއްގައި ސެމީއަށް ގޮސް ކަޓައިގެން ދިޔައީ ހިތްދަތިކޮށެވެ. އިއްޔެގެ މެޗުގައި ދެ ގޯލް ޖެހި މާވަށު އެސްސީގެ ސިޔާން އަށް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބިފަ އެވެ.

ސީ2އޭއިން ސެމީގައި ނުކުތީ ޑީކޭއެންޒީއާ ދެކޮޅަށެވެ. މެޗު ޑިފެންސިވްކޮށް ފެނިގެން ގޮސްފައިވާއިރު، މެޗު ތެރެއިން ސީ2އޭ އެކަޑެމީން އުފެއްދި ހަމަލާތަކުގެ ހުރަހަކަށްވީ ޑީކޭއެންޒީ ޓީމުގެ ތަރި، ގޯލްކީޕަރު ހުސައިން ސާއިލް އެވެ. މުބާރާތުގައި ޑީކޭއެންޒީ ކުޅުނު ދެ މެޗެއްގައި ސާއިލް މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާއިރު، އިއްޔެގެ މެޗުގައި ވެސް އޭނާގެ ހުނަރުވެރިކަން ފާހަގަކޮށްލެވުނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ނަތީޖާއަކީ 0-0 އެކެވެ. މެޗުގައި ޖެހި ޕެނެލްޓީގައި ސީ2އޭގެ ފުރަތަމަ ދެ ޕެނެލްޓީގެ ޑީކޭއެންޒީ ގޯލްކީޕަރު މަތަކުރި ނަމަވެސް އެޓީމަށް ފައިދާއެއް ނުނެގުނެވެ. މުހައްމަދު ޝަމައިލް އާއި މުހައްމަދު ވިރުދާން ޑީކޭއެންޒީއަށް ޖަހައިދިން ޕެނެލްޓީ ގޯލާ އަމާޒުނުވެ ބޭރަށް ދިޔައިރު، ސީ2އޭގެ އަހުމަދު އަމަން އަލީ ޖެހި ޕެނެލްޓީ އޭނާ ކާމިޔާބު ކުރިއެވެ. ޑީކޭއެންޒީގެ ފަހު ޕެނެލްޓީ އަހުމަދު އަނޫފް ޖެ ހިއިރު، އެ ޕެނެލްޓީ ސީ2އޭގެ ގޯލްކީޕަރު ޝައުން ނާފިއު ވަނީ އަތުލައިފަ އެވެ.

ޕެނެލްޓީގައި ސީ2އޭއިން މެޗު ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް އަމަން ހޮވިފައިވާއިރު، އޭނާ ވަނީ މެޗުގައި ވަރަށް ރަނގަޅަށް ޑިފެންސްކޮށް، ޑީކޭއެންޒީގެ އެޓޭކް ހިފަހައްޓައިފަ އެވެ.

ލ. އަތޮޅުގެ ހަތް ރަށަކަށް ނިސްބަތްވާ 13 ޓީމާއެކު ކުރިއަށްދާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސަމަން ޓްރޭޑާސް އިން ޑިސްޓްރިބިއުޓްކޮށް މާކޭޓް ކުރާ ޔަމީ ނޫޑްލްސް އެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.

ބުލީ ކުރުމާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށް، ފޮނަދޫ ޕޮލިހާއެކު މުބާރާތުގެ ތެރެއިން ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ލީޑުން ނިންމާފައިވާއިރު، އެ ހަރަކާތް ހިންގަމުން އަންނަނީ "ސްޓޮޕް ބުލީން - ޓޭކް އަ ސްޓޭންޑް، ލެންޑް އަ ހޭންޑް"، އެ ޝިޔާރުގެ ދަށުންނެވެ.