އިސްލާމްދީނާ އިދިކޮޅު ދީނެއްގެ، އަގީދާ ގަބޫލުކުރާ ބަޔަކަށް ތަހުނިޔާ ކިޔާ މީހާގެ ކިބައިން އިސްލާމްދީނުގެ އަދުއްވެއްކަން ދޭހަވާ ކަމަށް މަޝްހޫރު ދީދީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އިޔާޒް މިހެން ވިދާޅުވީ، ނަސާރާއިންގެ ދީނީ އީދެއް ކަމުގައި ފާހަގަކުރާ ކްރިސްމަސް ދުވަހުގެ މުނާސަބަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތަހުނިޔާ ފޮނުއްވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދަށް ނިސްބަތްވާގޮތަށް ޑރ. އިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިސްލާމްދީނާއި އިދިކޮޅު ދީނެއްގެ އަގީދާ ގަބޫލުކުރާ ބަޔަކަށް ތަހުނިޔާ ކިޔުމުން ދޭހަވަނީ އެމީހެއްގެ ހިތުގައި މައިންބަފައިން ދަސްކޮށްދިން ދީނަށް ކުޑަވެސް ލޯތްބެއް ނެތްކަން ކަމަށެވެ. އަދި އެއީ އިސްލާމްދީނުގެ އަދުއްވެއްކަން ދޭހަވާ ކަމަށާއި ދިވެހި ރައްޔިތުން އޭނާގެ ނުރައްކާތެރިކަމާ މެދު ސަމާލުވާންޖެހޭ ކަމަށްވެސް ޑރ. އިޔާޒު ވިދާޅުވިއެވެ. އޭނާ ވަނީ ރައީސް ނަޝީދު ޓެގުކުރައްވައި، އެމަނިކުފާނުގެ ފަރާތުން އެފަދަ ކަންތައް ތަކުރާރުވެފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

"ތިމާ ނިސްބަތްވާ ޕާޓީ ނޫން މީހަކު ކަމަކަށް އެދިއްޖެނަމަ ތިމާގެ ހުރި ނުބައިކަން ދައްކަން ބުނި މީހާ، އަދި ތިމާގެ ޕާޓީގެ މީހުންނަށް ނަގަންވީ އެއްޗެއް ނަގައިފަ ނޫނީ އެހެންމީހަކަށް ނުދޭނެކަމަށް ބުނާމީހާ، އޭނާގެ މައިންބަފައިން ދަސްކޮށްދީފައިވާ އިސްލާމްދީނާ އިދިކޮޅު ދީނެއްގެ، އަގީދާ ގަބޫލުކުރާ ބަޔަކަށް ތަހުނިޔާ ކިއުމުން ދޭހަވަނީ އެމީހެއްގެ ހިތުގައި މައިންބަފައިން ދަސްކޮށްދިން ދީނަށް ކުޑަވެސް ލޯތްބެއް ނެތްކަން. އަދި އެއީ އިސްލާމްދީނުގެ އަދުއްވެއްކަން، ދިވެހި ރައްޔިތުން އޭނާގެ ނުރައްކާތެރިކަމާ މެދު ސަމާލުވާންޖެހޭ،" އިޔާޒު ވިދާޅުވެފައިވެ އެވެ.

އިޔާޒުގެ ޓުވީޓުގައި ފާހަގަކުރައްވާފައިވާ ވާހަކަތަކަކީ، ރައީސް ނަޝީދު ވެރިކަމުގައި ހުންނެވި އިރު އެކިއެކި ޕްލެޓްފޯމުތަކުގައި ދެއްކެވި ވާހަކަތަކެކެވެ.

ރައީސް ނަޝީދު ކުރިސްމަސް ތަހުނިޔާ ފޮނުއްވާފައި މިވަނީ، ކީރިތި ގުރުއާނާއި ސުންނަތުން ދަލީލު ދައްކަވައި، ގައިރު ދީންތަކުގެ އީދުތައް ފާހަގަކޮށް ތަހުނިޔާ ކިޔުން މުސްލިމުންނަށް ހުއްދަ ވެގެން ނުވާ ކަމާއި، ކްރިސްމަސް ފާހަގަކުރުމަކީ މުސްލިމުންގެ އެއްކައުވަންތަކަމުގެ އަގީދާއާއި ފުށުއަރާ ކަމެއް ކަމާއި އެއީ މުސްލިމުން ބައިވެރިވުން ހުއްދަވެގެންވާ ދުވަހެއް ނޫން ކަމަށް ވިދާޅުވެ ގިނަ އިލްމުވެރިންތަކެއް ސޯޝަލް މީޑިއާ ހިމެނޭގޮތަށް މީޑިއާތަކުގައި އެ ދުވަސް ފާހަގަކުރުމާއި އެ ދުވަހާ ގުޅިގެން ތަހުނިޔާ ކިއުމުގެ ނުރައްކާތެރިކަން ހާމަކުރައްވާފައި ވަނިކޮށެވެ.