ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކްލަބު އީގަލްސް އިން ކުޅުނު މެޗުގެ ފަހު ވަގުތުގައި އަހުމަދު ރިޒުވާން (ރިޒޭ) ޖެހި ގޯލާއެކު މެޗު އެއްވަރު ވެގެން ނިމިއްޖެ އެވެ.
ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިފައިވާއިރު، މެޗުގައި އީގަލްސްގެ ގޯލް ރިޒޭ ޖެހީ 86 ވަނަ މިނެޓުގަ އެވެ. އަނިޔާގެ ސަބަބުން ރިޒޭ މިއަދުގެ މެޗު ނުކުޅޭނެ ކަމަށް ބެލެވިފައި އޮތް ނަމަވެސް، މެޗުގެ ފުރަތަމަ 11ގައި އޭނާ ވަނީ ފަށައިފަ އެވެ. ރިޒޭގެ އިތުރުން އަނިޔާގެ މައްސަލަތަކެއްގައި ހުރި ހަސަން ރާއިފް (ހަންނަ) ވެސް މިއަދުގެ މެޗުގެ ފުރަތަމަ 11ގައި ކުޅެފަ އެވެ.
މިއަދުގެ މެޗަށް ނުކުތް އިރު އީގަލްސްއިން ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފައި އޮތްއިރު، އެޓީމަށް މިއަދުގެ މެޗު އޮތީ މޮޅުވާން މަޖުބޫރުވެފަ އެވެ. މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވެސް ވަނީ އެކަން ފާހަގަކޮށްފަ އެވެ. މޯހަން ބުނީ، މިއަދުގެ މެޗުން މޮޅެއް ނުހޯދިއްޖެނަމަ، ލީގަށް ވާދަކުރުމަކީ ގާތްގަނޑަކަށް ނުވާނެ ކަމެއް ކަމަށެވެ.
އެންމެފަހުން ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އަނެއް މެޗުން ޕޮއިންޓެއް ހޯދައިގެން މިއަދުގެ މެޗަށް ނުކުތް ދަ ގްރާންޑޭ ވެސް ސީދާ މޮޅަކަށް ނުކުމެފައިވާއިރު، އެޓީމުގެ ފަރާތުން ވެސް އެންމެ ރަނގަޅު ފޯމެއްގައި ކުޅުނުތަން ފެނިފައެއް ނުވެ އެވެ. މެޗުގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ގޯލަށް އަމާޒުކޮށް އުފެއްދި ހަމަލާތަކެއް ފެނިފައެއް ނުވެއެވެ.
ފުރަތަމަ ހާފުގައި އީގަލްސްގެ މުހައްމަދު ނާއިމް އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ގޯލަށް އަމާޒުކޮށްފައިވާއިރު، ދަ ގްރާންޑޭގެ އިޔާން އަބްދުލް އަލީމް ވަނީ އެ ހަމަލާ މަތަކޮށްފަ އެވެ. ފުރަތަމަ ހާފުގައި ދަ ގްރާންޑޭއަށް އެންމެ އެދެވޭ ހަމަލާތަކެއް އުފެއްދިފައި ނުވި ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅުގައި އެޓީމުން ލީޑު ނެގި އެވެ.
މެޗުގެ 58 ވަނަ މިނެޓުގައި ދަ ގްރާންޑޭގެ މުހައްމަދު ސަހާއު ނެގި ކޯނަރު ގޯލަށް ވަނީ ކީޕަރު މިލާން ޔެލޮވަކް އަތުގައި ޖެހިފައި ގޮހެވެ. އީގަލްސް އިން ގެނައި ބިދޭސީ ގޯލްކީޕަރު އެއް ދުވަސް ކުރިން ޓީމާ ގުޅުނުއިރު، އޭނާއަށް މިއަދު ކުރިމަތިވީ ބޮޑު ޓެސްޓެކެވެ. ގޯލްކީޕަރުގެ ގޯހަކުން ފުރަތަމަ ގޯލް ވަން ނަމަވެސް ފަހުން ދަ ގްރާންޑޭގެ އަކްރޯފް ޖެހި ބޯޅަ އޭނާ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ ފަހުކޮޅުގައި އީގަލްސް އިން އެޓޭކްތައް ގިނަ ކޮށްފައިވެ އެވެ. އެޓޭކް ރަނގަޅު ކުރުމުގެ ނަތީޖާއެއްގެ ގޮތުން އެޓީމުން ނަތީޖާ ހަމަހަމަ ކުރިއެވެ. ރިޒޭ ޖެހި އެ ގޯލަކީ އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) ހުސްކޮށްލާފައި ދިން ބޯޅައަކުން ރިޒޭ ޖެހި ފަސޭހަ ގޯލެކެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މެޗު ފަށާނީ 9:00 ޖަހާއިރު އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު