ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑު (ސަސް) އަލަށް ވާދަކުރާ ނަމަވެސް، އެޓީމަކީ ސަޕްރައިޒިން މޮޅު ޓީމެއް ކަމަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު ޝާޒްލީ މުހައްމަދު (ޝާޒް) ބުނެފި އެވެ.
ލީގުގައި މިއަދު ޓީސީން ސަސްއާ ދެކޮޅަށް ނުކުންނައިރު، އިއްޔެ ގައުމީ ދަނޑުގައި ބޭއްވި ޕްރީ މެޗު ޕްރެސްގައި ޝާޒް ބުނެފައިވަނީ ސަސްއަކީ މޮޅު، ސަޕްރައިޒިން ޓީމެއް ކަމަށެވެ.
"ޓީސީގައި އޮތީ ވަރަށް ޒުވާން ސްކޮޑެއް. އެކަމަކު ވަރަށް އިތުބާރު ކުރެވޭ ޓީމުގެ ކުޅުންތެރިންނަށް. ވަގުތުކޮޅެއް ނަގާ ޓީމު ހަމައަކަށް އެޅެން. މިހާތަނަށް ސަސްގެ ކުޅުމަށް، އަދި މުޅި ޓީމުގެ ސެޓަޕަށް ބަލާއިރު، ސަސް މި ފެންނަނީ ވަރަށް ވަރުގަދަކޮށް. ސަސްއަކީ ސަޕްރައިޒިން ޓީމެއް،" ޝާޒް ބުންޏެވެ.
މި ސީޒަނަށް ތައްޔާރު ވަމުންދިޔަ އިރު ޓީސީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ފައިސާގެ މައްސަލަތަކެވެ. މިދިޔަ ސީޒަން ފަހުކޮޅުން ފެށިގެން ޓީސީއަށް މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އެ ޓީމުން މި ސީޒަނަށް ކުރިމަތިލީ ޒުވާން ސްކޮޑަކާއެކުގައެވެ. ނަމަވެސް މިހާތަނަށް ކުޅުނު ދެ މެޗަށް ބަލާއިރު، ޓީސީން ވަނީ އުންމީދު އާކޮށްފަ އެވެ. އެންމެފަހުން ކުލަބް އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޓީސީން ވަނީ މުހިންމު ތިން ޕޮއިންޓް ވެސް ހޯދައިފަ އެވެ.
"ޓީސީގައި ތިބި ޒުވާން ކުޅުންތެރިންނާ ދޭތެރޭ ވަރަށް ބޮޑު ޔަގީންކަން އެބަ އޮތް. ނަމަވެސް ބިދޭސީ ކުޅުންތެރިންނާއި ސީނިއާ ކުޅުންތެރިން ނެތްތައް ދައްކާނެ. އަސްލު ޗެލެންޖަކީ އެއީ. އެ ކުޅުންތެރިން ނުލާ އެކަން ކުރެވޭނެތޯ ނޫނީ އެކަން ކުރާނީ ކިހިނެތްތޯ،" ޝާޒް ބުންޏެވެ.
މި ސީޒަނަށް އަލަށް ލީގަށް އައިސް، ސަސްއިން ފުރަތަމަ ކުޅުނު ދެ މެޗުގައި ވެސް ބަލިވެފައެއް ނުވެ އެވެ. ވަރުގަދަ ކުޅުމެއް އެޓީމުގެ ފަރާތުން ފެނިގެންދާއިރު، ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނެފައިވަނީ ޓީސީ މެޗަކީ ސަސްއަށް އެންމެ މުހިންމު މެޗު ކަމަށެވެ.
"މި ބުރުގައި ސަސްއަށް ޖެހޭނެ އެންމެ މުހިންމު މެޗު މިއީ. ހުރިހާ ކުޅުންތެރިން ވެސް އެކަމަށް ތައްޔާރުވެފައި ތިބީ. މެޗުގެ މުހިމްމުކަން ހުރިހާ ކުޅުންތެރިންނަށް ވެސް އެނގޭ މިއީ އެންމެ މުހިންމު މެޗެއްކަން،" ނާދު ބުންޏެވެ.
ޓީމު އެކުލަވާލިއިރު މިޑްފީލްޑަރަކު ނެތުމަކީ ނާދުގެ އެންމެ ބޮޑު ޗެލެންޖްގެ ގޮތުގައި އޭނާ ފާހަގަކޮށްފައިވާއިރު، އިއްޔެގެ ޕްރެސްގައި ނާދު ބުނެފައި ވަނީ ކުރިއަށް އޮތް ޓްރާންސްފާ ސީޒަންގައި މިޑްފީލްޑަރަކު ހޯދަން މަސައްކަތް ކުރާ ކަމަށެވެ.
"މިޑްފީލްޑަރެއް ނެތުމަކީ ކޯޗެއްގެ ހައިސިއްޔަތުން ވަރަށް އުނދަގޫ ކަމެއް. ރަނގަޅު ފޯވަޑެއް ހުއްޓާ، މެދުތެރެއިން ރަނގަޅު ޕާސްތަކެއް ޖަހާނެ މިޑްފީލްޑަރެއް ނެތް ޓީމުގައި. ޑިފެންޑަރެއް ލައިގެން މި ކުޅެން ޖެހެނީ މެދުތެރެއިން. ހޮކޭ މިހާރު މެދަށް ކުޅުނު ނަމަވެސް ނެޗުރަލް މިޑްފީލްޑަރެއް ހޯދަން މިހާރު މިދަނީ މަސައްކަތް ކުރަމުން. އެވާހަކަ މެނޭޖުމަންޓާއެކުވެސް ދައްކާ ޓްރާންސްފާ ޕޭރިއަޑްގައި މިޑްފީލްޑަރެއް ހޯދަން މި މަސައްކަތް ކުރަނީ،" ނާދު ބުނެފައިވެއެވެ.
އިއްޔެގެ ޕްރެސްގައި ނާދު ވަނީ ޓީމުގެ ބިދޭސީ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. ނާދު ބުނެފައި ވަނީ ބިދޭސީ ކުޅުންތެރިންގެ ކުޅުމުގެ ސަބަބުން ޓީމުގެ ލޯކަލް ކުޅުންތެރިންނަށްވެސް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާ ކަމަށެވެ.
ސަސްއިން ޓީސީއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު