ކުލަބު އީގަލްސް އިން މި ސީޒަން ހުޅުވުމަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކޮށް، ސީޒަން ފެށީ އެންމެން ހައިރާން ކޮށްލައިފަ އެވެ. ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް އީގަލްސް އިން ބަލިކުރީ ފަހަތުން އަރާ ތިން ގޯލު ޖަހައިގެންނެވެ. އެ މެޗުގައި އީގަލްސްގެ ޓީމުގައި ބިދޭސީ ކުޅުންތެރިޔަކު ވެސް ނެތެވެ. އެހާ ވަރުގަދަ ފޯމެއްގައި ޗެރިޓީ ޝީލްޑް މެޗު ކުޅުނު ނަމަވެސް ލީގަށް ނުކުމެ އެޓީމަށް ކުރިމަތިވީ އުނދަގޫ ފެށުމަކާ އެވެ.

މިހާތަނަށް ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް އީގަލްސް ބަލިވެފައި އޮތްއިރު، މިއަދު ދަ ގްރާންޑޭއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފައިވަނީ ދެ މެޗުން ބަލިވެފައި އޮތުމުން ވަކިން ބޮޑަށް މިއަދުގެ މެޗަށް ސަމާލުކަން ދޭންޖެހޭ ކަމަށާއި މެޗު ނެގޭނެ ކަމަށް އުންމީދު ވެސް އެބައޮތް ކަމަށެވެ.

"މެޗު ނެގުން ވަރަށް މުހިންމު. އަނިޔާގެ މައްސަލަތައް އެބަހުރި. އެކަމަކު ވަރަށް ބޮޑަށް އުންމީދު އެބައޮތް. ޔަގީންކަން އެބައޮތް ކުޅުންތެރިންނަށް. ވަރަށް ބޮޑަށް ޔަގީންކަން އެބަ އޮތް. ކުރީ މެޗުތަކުގައި ވެސް ކުޅުން ވަރަށް ރަނގަޅަށް ފެނިގެން ދަނީ. އާންމުކޮށް ކޮޅަށް ވަންނަ ފަސޭހަ ގޯލުތަކުން ބަލިވެގެން ދަނީ. އެކަމަކު އެހެންދެން ކޮންމެ ދުވަހަކު ނުވާނެ ކަމަށް މި ބަލަނީ. މިއަދުގެ މެޗުން ބަލިވެއްޖެއްޔާ ލީގަށް ވާދަކުރަން އުނދަގޫވާނެ ވަރަށް. ވާދަ ނުކުރެވޭނޭ ބުންޏަސް ދޮގަކަށް ނުވާނެ. އެއީ ކުރީ އަހަރު ވެސް ދެ ބަލި ވެގެން ލީގު ގެއްލުނީ. އެހެންވީމަ މި ލީގުގައި އެކަން ވިސްނަން ޖެހޭނެ ކުޅުންތެރިން،" މޯހަން ބުންޏެވެ.

ކޯޗު މޯހަން ބުނީ، ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ، އަހުމަދު ރިޒުވާން (ރިޒޭ)ގެ އަނިޔާ ރަނގަޅުވަމުން ދިޔުމަކީ ހިތްވަރެއް ކަމަށާއި ރިކަވަރީ ހީކުރި ވަރަށްވުރެ އަވަސް ކަމަށެވެ. ރިޒޭގެ އިތުރުން އީގަލްސްގެ ފޯވަޑް ހަސަން ރާއިފް (ހަންނަ) ވެސް އަނިޔާގައި ހުރި އިރު، މޯހަން ބުނެފައިވަނީ މިއަދުގެ މެޗުގައި އޭނާ ފެނުން ގާތް ކަމަށެވެ.

އީގަލްސްއާ ދެކޮޅަށް ނުކުންނަ ދަ ގްރާންޑޭ ރަނގަޅު ފޯމެއްގައި އޮތްއިރު، އެ ޓީމުން ވަނީ ދެމެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އަނެއް މެޗުން ޕޮއިންޓެއް ހޯދައިފަ އެވެ. ރަނގަޅު އެޓޭކިން ކޮމްބިނޭޝަންތައް ވެސް އެ ޓީމުން ފެންނަމުންދާއިރު، ކޯޗު އިސްމާއީލް މަހެފޫޒް (އިންމަ) ޕްރީ މެޗު ޕްރެސްގައި ބުނެފައިވަނީ ޓީމުގެ ފަރާތުން ފެންނަ ކުޅުމަށް ހިތްހަމަޖެހޭ ކަމަށާއި މެޗަކަށްވުރެ މެޗެއް ރަނގަޅުވަމުން ދިޔުމަކީ ހިތްހަމަ ޖެހުމެއް ކަމަށެވެ.

އިންމަ ބުނީ ޓީމުގެ ބިދޭސީ ކުޅުންތެރިންނާއި ލޯކަލް ކުޅުންތެރިންނާ ގުޅެން އަދިވެސް ކުޑަ ދުވަސްކޮޅެއް ނަގާނެ ކަމަށާއި އެ ކުޅުންތެރިންގެ ކޮމްބިނޭޝަން ރަނގަޅުވި ވަރަކަށް ޓީމުގެ ކުޅުން ދާނީ ވަރުގަދަވަމުން ކަމަށެވެ.

މިއަދު ހަވީރު ގައުމީ ދަނޑުގައި ދަ ގްރާންޑޭ އާއި އީގަލްސް ކުޅޭ މެޗު އޮންނާނީ 4:00 ގައެވެ.