ލ. ޔޫތު ޑިވަލޮޕްމަންޓް (ލީޑް) އިން ކުރިއަށްގެންދާ ޔަމީ ނޫޑުލްސް ލީޑް 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ގުރޫޕް ސްޓޭޖު މެޗުތައް ނިމި، ކުއާޓާ ފައިނަލަށް ތައްޔާރުވެއްޖެއެވެ.
ލ. ފޮނަދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރަތުގައި ކުއާޓާ ފައިނަލްގެ މެޗުތައް މިއަދު ފަށާއިރު، މިއަދު އޮންނާނީ ކުއާޓާގެ ފުރަތަމަ ދެމެޗެވެ. އެއީ އެފްސީ މަގުމައްޗާއި މަތިވަރު ޖޫނިއާސް ވާދަކުރާ މެޗުގެ އިތުރުން ލ. މާމެންދޫ ބެންޗާއި ޑީކޭއެންޒީ ވާދަކުރާ މެޗެވެ. ކުއާޓާ ފައިނަލް އަނެއް ދެމެޗު ބުރާސްފަތި ދުވަހު އޮންނައިރު، އެދުވަހު އޮންނަ ފުރަތަމަ މެޗުގައި ޑީބީ ސްޕޯޓްސް ކްލަބުން މާވަށު އެސްސީއާ ދެކޮޅަށް ނުކުންނައިރު، ސީ2އޭ އެކަޑެމީން ނުކުންނާނީ ހިތަދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ފޯރިގަދަ މެޗުތަކެއް ކުރިއަށް ގޮސްފައިވާއިރު، ގިނަ ގޯލްތަކެއްވެސް ވަނީ ފެނިގެން ގޮސްފައެވެ. 13 ޓީމެއްގެ މެދުގައި ހަތަރު ގްރޫޕަށް ބަހާލައިގެން ގްރޫޕް ސްޓޭޖް ކުރިއަށް ގޮސްފައިވާއިރު، ކުއާޓާއަށް ދަތުރުކުރީ ކޮންމެ ގްރޫޕަކުން ދެޓީމެވެ.
މެޗު ޕްރިވިއު: އެފްސީ މަގުމަތި - މަތިވަރު ޖޫނިއާސް
އެފްސީ މަގުމައްޗަކީ މުބާރާތުގެ މަރުގެ ގްރޫޕް ގޮތުގައި ބެލެވިފައި އޮތް ގްރޫޕް އޭގެ އެއްވަނަ ޓީމެވެ. އެޓީމުން މުބާރާތް ފެށުމުގެ ގޮތުން ކުޅުނު މެޗުން ބަލިވެފައި އޮތް ނަމަވެސް، ފަހުން ކުޅުނު ދެމެޗުގައި ވަނީ ގިނަ ގޯލްތަކެއް ޖަހައި ފޯމު ދަމަހައްޓާފައެވެ. މިވަގުތު މުބާރާތުގައި އޮތް އެންމެ ފޯމް ރަނގަޅު އެއް ޓީމަކީވެސް މަގުމަތި ކަމަށްވާއިރު، މަތިވަރު ޖޫނިއާސްއަށް އެންމެ ބޮޑަށް އުނދަގޫ ވެގެންދާނީ މަގުމަތީގެ ހުނަރުވެރި، ދުވެލި ބާރު އެޓޭކް ހުއްޓުވުމެވެ.
ގްރޫޕް ސްޓޭޖުގައި މަގުމަތީގެ ލޫތު އަހުމަދު ފަތުހީގެ އިތުރުން އަހުސަން ރަޝީދުގެ ކުޅުން ވަކިން ފާހަގަކޮށްލެވުނެވެ. ދެކުޅުންތެރިންނަކީވެސް ގޯލާ ރަށްޓެހި މޮޅު ދެކުޅުންތެރިންނެވެ.
މަތިވަރުން ކުއާޓާއަށް ދިޔައީ ހަނި ދޭތެރެއަކުން ސަލާމަތްވެގެންނެވެ. ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި މަތިވަރުން ކުއާޓާއަށް ދިޔައީ ހިތްވަރު ދައްކައިގެންނެވެ. ހާއްސަކޮށް ގްރޫޕް ސްޓޭޖުގައި އެޓީމު އެންމެފަހުން ކުނަހަންދުއާ ދެކޮޅަށް ކުޅުނު މެޗުގައި ހެދި "ކެމްބެކް" ވަރަށް ބޮޑަށް ފާހަގަ ވެގެން ދިޔައެވެ. މަތިވަރުން ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުގެ ހީރޯއަކީ ކެޕްޓަން ހުސައިން ސަމާހެވެ.
ބެންޗް - ޑީކޭއެންޒީ
މުބާރާތުގައި ފެނުނު އެންމެ އޯގަނައިޒް، އެންމެ ކޮންސިސްޓެންޓް ޓީމަކީ ބެންޗު ކަމަށް ބުނެވިދާނެއެވެ. އެޓީމުގެ ޕާސިން ގޭމަށް ގިނަ ބައެއްގެ ތައުރީފު އަމާޒުވެފައިވާއިރު، ކުއާޓާއަށް ދިޔައީ 100 ޕަސެންޓް ރެކޯޑަކާއެކު ގްރޫޕް ބީގެ އެއްވަނަ ހޯދައިގެންނެވެ. ބެންޗުގެ ކެޕްޓަން ހުސައިން އައިޝްއާއި ފަހަތުން "ސޮލިޑް" ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު ޔައިޝް ވަހީދުވެސް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވަނީ ވިދާލައިފައެވެ.
ޑީކޭ އެންޒީއަކީ ތަރިންގެ ޓީމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާ ޓީމެކެވެ. ސަޕްރައިޒް ބައްޔަކާއެކު ގްރޫޕް އޭގެ ދެވަނަ އެޓީމަށް ލިބިފައިވީ ނަމަވެސް، އެންމެފަހުން ކުޅުނު މެޗުގައި ޑީކޭއެންޒީން ވަނީ ހިތްވަރު އާކޮށްފައެވެ. ބެންޗަށް އެންމެ ބޮޑު ޗެލެންޖަކަށްވާނީ ޑީކޭއެންޒީގެ ތަފާތު މޮޅު ގޯލްކީޕަރު ހުސައިން ސާއިލް ބަލަހައްޓަމުން އަންނަ ފޫއަޅުވާލުމެވެ.
ލ. އަތޮޅުގެ ހަތް ރަށަކަށް ނިސްބަތްވާ 13 ޓީމާއެކު ކުރިއަށްދާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފަ އެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސަމަން ޓްރޭޑާސް އިން ޑިސްޓްރިބިއުޓްކޮށް މާކޭޓް ކުރާ ޔަމީ ނޫޑްލްސް އެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.
ބުލީ ކުރުމާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށް، ފޮނަދޫ ޕޮލިހާއެކު މުބާރާތުގެ ތެރެއިން ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ލީޑުން ނިންމާފައިވާއިރު، އެ ހަރަކާތް ހިންގަމުން އަންނަނީ "ސްޓޮޕް ބުލީން - ޓޭކް އަ ސްޓޭންޑް، ލެންޑް އަ ހޭންޑް"، އެ ޝިޔާރުގެ ދަށުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު