ކޮވިޑް 19އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުންނަށް އެލަވެންސްގެ ގޮތުގައި 182 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ކޮވިޑުގެ ސަބަބުން ކުރިމަތިވި އިގުތިސޯދީ ކާރިސާއާ ގުޅިގެން ވަޒީފާ ގެއްލި، ވަޒީފާގެ ހާލަތަށް އަސަރުކޮށްފައިވާ މީހުންނަށް އެހީގެ ގޮތުގައި ދޭ "އިންކަމް ސަޕޯޓް" ރިޕޯޓުގައިވާ ގޮތުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް 14501 މީހަކަށް 182 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެންނެވެ. މި އެހީ ދެނީ ކޮވިޑާ ގުޅިގެން އިގުތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގައި ހިމަނައިގެނެވެ. އެގޮތުން އެ ޕެކޭޖުން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 1.38 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ސަރުކާރުން ވަނީ، އިންކަމް ސަޕޯޓް އެލަވެންސް މިއަހަރުގެ ނިޔަލަށް ދޭން ނިންމައި، އެކަން މިދިޔަ ހަފުތާގައި އިއުލާން ކޮށްފައެވެ. އެއީ އޮކްޓޯބަރުން މިމަހުގެ ނިޔަލަށެވެ. އަދި އެ އެލަވެންސް ހޯދުމަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އެގޮތުން މިމަސް ނިމުމުގެ ކުރިން އޮކްޓޯބަރާއި ނޮވެމްބަރު މަހުގެ އެލަވަންސަށް އެދި ފޯމް ހުށަހަޅަންޖެހޭއިރު ޑިސެމްބަރު މަހުގެ އެލަވެންސަށް ފޯމް ހުށަހަޅަން ޖެހެނީ 10 ޖަނަވަރީން ފެށިގެން އެ މަހުގެ ނިޔަލަށެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުން، މި ތިން މަހުގެ އެލަވަންސަށް އެދި ހުށަހަޅަން ޖެހޭނީ ވެސް ޖޮބް ސެންޓަރު މެދުވެރިކޮށް އޮންލައިން ފޯމަކުންނެވެ. އަދި އީފާސްގައި ރަޖިސްޓްރީ ވުމާއި އެޕްލިކޭޝަން ހުށަހެޅުމާ ބެހެ ތަފްސީލު ވެސް ޖޮބް ސެންޓަރުގެ ވެބްސައިޓުގައި ޝާއިއު ކުރާނެ ކަމަށް ބުންޏެވެ.