ލ. ޔޫތު ޑިވަލޮޕްމަންޓް (ލީޑް) އިން ކުރިއަށްގެންދާ ޔަމީ ނޫޑުލްސް ލީޑް 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ގުރޫޕް ސްޓޭޖުގައި އިއްޔެ ކުޅުނު މެޗުތަކުން މޮޅުވެ، މަތިވަރު ޖޫނިއާސްއާއި ޑީބީ ސްޕޯޓްސް ކްލަބު ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ލ. ފޮނަދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރަތުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗަކީ ގްރޫޕް ބީގެ ފަހު މެޗެވެ. އެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ލ. މާމެންދޫ ބެންޗު ކުއާޓާ ފައިނަލް ޔަގީން ކޮށްފައި އޮތްއިރު، އިއްޔެގެ މެޗަކީ ގްރޫޕްގެ ދެވަނަ ޓީމު ކަނޑައެޅިގެން ދިޔަ މެޗެވެ.

މެޗަށް ނުކުތްއިރު ދެޓީމަށްވެސް ކުއާޓާގެ ފުރުސަތު އޮތްއިރު، މެޗުގައި ބައްދަލުކުރީ މަތިވަރު ޖޫނިއާސްއާއި ސޮކާ އެކަޑެމީ އޮފް ކުނަހަންދުއެވެ. މަތިވަރަށް ޕޮއިންޓަކާއެކު ކުއާޓާއަށް ދެވެން އޮތްއިރު، ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ލިރުގާމް ސައީދު (ލަރޭ)ގެ އިރުޝާދުގެ ދަށުން ކުޅުނު ކުނަހަންދުއަށް ކުއާޓާއަށް ދެވެން އޮތީ މޮޅެއް ހޯދައިގެންނެވެ.

ވާރޭގައި ކުޅެމުންދިޔަ މެޗު 3-3 އިން އެއްވަރުވެގެން ނިމިފައިވާއިރު، މެޗުގައި ކުނަހަންދޫގެ ގޯލްތައް ޖަހައިދިނީ އަބޫބަކުރު ލޫތާއި މުހައްމަދު މާއިޝްއެވެ. ލޫތު ވަނީ މެޗުގައި ދެ ގޯލް ޖަހާފައެވެ. މަތިވަރު ޖޫނިއާސްގެ ތިން ގޯލްވެސް ކެޕްޓަން ހުސައިން ސައްމާހް ޖަހައިދިންއިރު، މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް އޭނައެވެ.

އިއްޔެ ކުޅުނު ދެވަނަ މެޗަކީ ގްރޫޕް ސީގެ ފަހު މެޗެވެ. އެ މެޗުގައި ޑީބީ ސްޕޯޓްސްއިން ޔަންގް ސްޓާއާ ދެކޮޅަށް ނުކުމެފައިވާއިރު، މެޗަށް ނުކުތްއިރުވެސް އުންމީދު ބޮޑުކޮށް އޮތީ ޑީބީ އަށެވެ. ޑީބީން ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން މޮޅުވެފައި އޮތްއިރު، ޔަންގް ސްޓާއިން ފުރަތަމަ މެޗުގައި އެޓީމު އޮތީ ބަލިވެފައެވެ.

ޑީބީން ގްރޫޕްގެ އެއްވަނަ ޔަގީން ކުރީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޔަންގް ސްޓާ ބަލިކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު ޒުލާލް ޒާހިރު ޑީބީއަށް ތިން ގޯލް ޖަހައިދީފައިވާއިރު، ހަސަން ރަޔަން އަހުމަދާއި އިސްމާއީލް އަފާޒް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖަހައިފައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހު މެޗު މިއަދު ހަވީރު 5:00 ގައިި އޮންނާނެއެވެ. ވާދަކުރާނީ ސީ2އޭ އެކަޑެމީ އާއި ސީ2އޭ ޖޫނިއާސްއެވެ.

ލ. އަތޮޅުގެ ހަތް ރަށަކަށް ނިސްބަތްވާ 13 ޓީމާއެކު ކުރިއަށްދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފަ އެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސަމަން ޓްރޭޑާސް އިން ޑިސްޓްރިބިއުޓްކޮށް މާކޭޓް ކުރާ ޔަމީ ނޫޑްލްސް އެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.

ބުލީ ކުރުމާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށް، ފޮނަދޫ ޕޮލިހާއެކު މުބާރާތުގެ ތެރެއިން ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ލީޑުން ނިންމާފައިވާއިރު، އެ ހަރަކާތް ހިންގަމުން އަންނަނީ "ސްޓޮޕް ބުލީން - ޓޭކް އަ ސްޓޭންޑް، ލެންޑް އަ ހޭންޑް"، އެ ޝިޔާރުގެ ދަށުންނެވެ.