އަހަރު ނިމުން ފާހަގަކުރުމަށްޓަކައި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އަމާޒުކޮށްގެން 100 ޕަސެންޓް އިތުރު ޑޭޓާ ލިބޭ ބަންޑަލް އެއް ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނީ އެ ކުންފުނިން ތައާރަފްކޮށްފައިވާ 75 ރުފިޔާގެ މިނީ ޑޭޓާ ބަންޑަލް އެކްޓިވޭޓް ކޮށްގެން ކޮންމެ ކަސްޓަމަރަކަށް ވެސް 1.5 ޖީބީގެ ބަދަލުގައި ތިން ޖީބީގެ ޑޭޓާ ލިބިގެންދާނެ ކަމަށެވެ.

ދިރާގުގެ ޕްރީޕެއިޑު ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފްކުރި މި އޮފާ ދިރާގު އެޕްލިކޭޝަން މެދުވެރިކޮށް ވެސް އެކްޓިވޭޓު ކުރެވޭނެ އެވެ. ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން އަންނަ ޖެނުއަރީ މަހުގެ ދިހަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ވަނީ މޮބައިލް ޕްރީޕެއިޑް ޕެކޭޖްތަކަށް ބޮޑު ބަދަލުތަކެއް ގެނެސް، "ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް" ވެސް ތައާރަފްކޮށްފަ އެވެ. މި ބަދަލުތަކާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވޮއިސް އާއި އެސްއެމްއެސް އަދި ޑޭޓާ، އެއް ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލުމުގެ އިތުރުން ހިލޭ "ޕާކްސް" ވެސް ލިބޭނެ އެވެ. އާ ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކޮށްލުމަށް ދިރާގު އެޕް ނުވަތަ ކީވޯޑް ޖެހުމަށްފަހު 343 އަށް މެސެޖު ކުރުމުން އެކްޓިވޭޓްވާނެ އެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކަމަށެވެ.