އިންސާނީ ވަގުފާރީގެ ސީރިއަސްކަން ދަނެ، އެކަން ހުއްޓުވަން ވަރުގަދަ އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ ވެސް އެއީ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ ހިޖުރަކުރާ މީހުންގެ ދުވަހުގެ މުނާސަބާގައި މިނިސްޓަރު މާރިޔާ ދެއްވި ވީޑިއޯ މެސެޖެއްގައި ވަނީ، ދިވެހި މުޖުތަމައު ބިނާކުރުމުގައި އެތައް އަހަރެއް ވަންދެން ބިދޭސީ މަސައްކަތްތެރިން ކޮށްފައިވާ މަސައްކަތާއި ވެފައިވާ ގުރުބާނީ ފާހަގަކުރައްވައިފަ އެވެ. އެގޮތުން ހިޖުރަކުރާ މީހުންގެ ހައްގުތަކަށް ބުރޫ ނާރާނެހެން، ރައްކާތެރިކަމާއެކު ހިޖުރަކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ.

އިންސާނީ ވަގުފާރި ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ، މި ސަރުކާރުން "ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިން އެކްޝަން ޕްލޭން 2020-2022" އެއް އެކުލަވާލައި، މާލެ ސަރަހައްދުގައި އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ މީހުންނަށް ހާއްސަ ހިޔާއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރާ މަސައްކަތް މަސައްކަތްތައް ވިލަރެސްކުރުމަށް އެންޓި-ޓިޕް އޮފީހުގެ ނަމުގައި އޮފީހެއް ޑިފެންސް މިނިސްޓްރީގައި ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ މަސައްކަތް ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވެސް ވަނީ ހިމަނައިފަ އެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރިއަށް ގެންދަނީ "ނެޝަނަލް އެންޓި-ޓްރެފިކިން ސްޓިއަރިން ކޮމިޓީ" އިންނެވެ. ކޮމިޓީގެ މަސައްކަތް ދެ އަހަރު ދުވަހު މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފެށީ މި ސަރުކާރުންނެވެ. އެގޮތުން ކުރިން 14 މެމްބަރުންގެ މައްޗަށް ހިމެނުނު ކޮމިޓީގެ މެމްބަރުންގެ އަދަދު 10 އަކަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން ރައީސް ސޯލިހު އެކުލަވާލެއްވި ކޮމިޓީގެ ރިޔާސަތު ބަލަހައްޓަމުން ގެންދަވަނީ ޑިފެންސް މިނިސްޓްރީންނެވެ.