ފީފާ "ދަ ބެސްޓް" އެވޯޑު ހޮވުމަށް ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) އާއި ކޯޗު މާޓިނަސް ކޫޕްމަން ވޯޓް ދިން ކުޅުންތެރިން ވަރަށް ވެސް ތަފާތެވެ. ކޯޗާއި ކެޕްޓަންގެ އިތުރުން ރާއްޖޭގެ މީޑިއާއެއްގެ ފަރާތުން ޝިމާޒް އަލީ (ސިމައްޓެ) ވެސް ވޯޓް ދީފައިވާއިރު، އޭނާގެ ހިޔާލު ކޯޗާއި ކެޕްޓަން އަކޫގެ ހިޔާލާ ވެސް ތަފާތެވެ.

ފީފާ "ދަ ބެސްޓް" އެވޯޑުގެ މަގާމަކީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ހެޑް ކޯޗުންގެ އިތުރުން ބައެއް ހާއްސަ ސަޕޯޓަރުންނާއި 200 މީޑިއާ ތަމްސީލުކުރާ ފަރާތްތަކެއްގެ ވޯޓުން ހޮވާ އެވޯޑެކެވެ. ރާއްޖެއިން ވެސް ވޯޓުގައި ބައިވެރިވެފައިވާއިރު، ވޯޓް ދީފައިވަނީ ފީފާއިން ޝޯޓްލިސްޓް ކުރި 50 ކުޅުންތެރިންގެ ލިސްޓަކަށެވެ.

ގައުމީ ޓީމުގެ ކެޕްޓަންގެ އެއްވަނައަކީ އެވޯޑު ހޯދި ޕޮލެންޑްގެ ލެވަންޑޮސްކީއެވެ. އޭނާގެ ދެވަނަ ވޯޓު ދީފައިވަނީ ބަޔާން މިއުނިކާއެކު ޓްރެބަލް ހޯދި ޓީމުގެ މެދުތެރެއިން މުހިންމު ރޯލެއް އަދާކުރި ތިއާގޯ އަލްކަންޓްރާއަށެވެ. އަކޫގެ ތިންވަނަ އަކީ ކެވިން ޑިބްރޭނާއެވެ.

ގައުމީ ޓީމުގެ ނެދަލެންޑްގެ ކޯޗުގެ އެއްވަނައަކަށް އޭނާ ހިޔާރުކުރީ އަމިއްލަ ގައުމުގެ ޑިފެންޑަރު ވާޖިލް ވެންޑައިކެވެ. ދެވަނަ މަގާމަށް ޑިބްރޭނާއަށް ވޯޓް ދީފައިވާއިރު، ތިންވަނަ ދީފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. މީޑިއާގެ ފަރާތުން ކުޅިވަރު ނޫސްވެރިޔާ ޝިމައްޓެގެ އެއްވަނައަކީ ލިވަޕޫލްގެ މިސްރު ތަރި، މުހައްމަދު ސަލާހެވެ. އޭނާގެ ދެވަނައަކީ ވާޖިލް ވެންޑައިކެވެ. ތިންވަނަ އަށް ވޯޓް ދީފައި ވަނީ ރޮނާލްޑޯއަށެވެ.

ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، "ދަ ބެސްޓް" އެވޯޑު މިއަހަރު ކާމިޔާބުކުރީ ލެވަންޑޮސްކީއެވެ.

މޮޅު ކުޅުންތެރިޔާގެ އެވޯޑު ލެވަންޑޮސްކީއަށް ލިބިފައިވާއިރު، އޭނާ ވަނީ ބަޔާން މިއުނިކާއެކު މިދިޔަ އަހަރު އެ ކްލަބުން ވާދަކުރި ތިން މުބާރާތް ވެސް ކާމިޔާބު ކޮށްފައެވެ. ޕޮލެންޑްގެ ފޯވަޑް، އަދި ކެޕްޓަން ލެވަންޑޮސްކީ ވަނީ މިދިޔަ އަހަރު ކުޅުނު 47 މެޗުން 55 ގޯލް ޖަހައިފަ އެވެ. އުމުރުން 32 އަހަރުގެ ލެވަންޑޮސްކީ އަހަރު ނިންމާލީ ޖަރުމަނު ލީގާއި ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ގޮތުގައެވެ.

ދުނިޔޭ ފުޓުބޯޅައިގެ ތާރީހުގައި ވެސް ދުށް އެންމެ މޮޅު ދެ ފުޓުބޯޅަ ކުޅުންތެރިން ކަމަށްވާ މެސީ އާއި ރޮނާލްޑޯގެ ކުރިމަތިލުމެއްގެ ގޮތުގައި އާންމުކޮށް ފީފާ ބެސްޓް އެވޯޑު ފާހަގަކޮށްލެވޭއިރު، 2016 އިން ފެށިގެން އެ ދެކުޅުންތެރިން ވަނީ ތިން ފަހަރު އެވޯޑު ހާސިލުކޮށްފަ އެވެ. ރޮނާލްޑޯ ދެ ފަހަރު، މެސީ އެއް ފަހަރު ފީފާ ބެސްޓް އެވޯޑު ކާމިޔާބު ކޮށްފައިވާއިރު، އޭގެ ކުރިން ދެމުންދިޔަ ބެލޮންޑިއޯގައި ވެސް ރަސްކަން ކުރީ މެސީއާއި ރޮނާލްޑޯއެވެ.