ވެރިކަންކުރާ ކޯލީޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ ސެކްރެޓޭރިއޭޓަށް ސެކްރެޓަރީ ޖެނެރަލެއް ހޯދަން އެ ޕާޓީން އިއުލާންކޮށްފިއެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ޕާޓީގެ ގައުމީ ސެކްރެޓޭރިއެޓަށް އަމީން އާއްމު (ސެކްރެޓަރީ ޖެނެރަލް) އެއް ބޭނުންވާ ކަމަށެވެ.
ޝަރުތުގެ ގޮތުގައި ކަނޑައަޅާފައިވަނީ މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި، ގާބިލުކަން ހުރިކަން ސާބިތުކޮށްދިނުމާއެކު، ޔުނިވާސިޓީ ޑިގްރީއެއް ލިބިފައިވުމުގެ އިތުރުން ހިންގުމުގެ ތަޖުރިބާ ލިބިފައިވާ އެމްޑީޕީގެ މެންބަރެއް ކަމަށްވުމެވެ.
މުސާރަ ދެ ފަރާތް އެއްބަސްވާ އަގެއް ކަމަށް އިއުލާންގައިވާ އިރު، އެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު ހޯދަން އިއުލާން ކޮށްފައި މިވަނީ، މީގެ ކުރިން އެ މަގާމުުގައި ހުންނެވި، އަނަސް އަބުދުއްސައްތާރު ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވުމަށްޓަކައި އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
އެ މަގާމުން އަނަސް ވަކިވުމާ ގުޅިގެން އެކްޓިން ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް އައްޔަންކުރެއްވި، ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު ވަނީ އަލަށް އެކުލަވާލި ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް އައްޔަންކުރައްވައި އެ ބޯޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް ހަމަޖައްސަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު