މާލޭ ޖަލާއި ހުޅުމާލޭ ޖަލު އެއްކޮށްލުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށޭނެ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ބޮޑު ޖަލެއް އަޅަން އަންނަ އަހަރަށް ވަނީ ބަޖެޓުކޮށްފައެވެ. އެތަން ހަދަނީ މާލެއަށާއި ހުޅުމާލޭގައި މިހާރު ރިމާންޑަށް ބަންދު ކުރާ އެންމެން ބަންދުކުރެވޭނެ އިންތިޒާމުތަކާއި ކުޑަކުދިންނާއި އަންހެނުންވެސް ބޭތިއްބޭ ގޮތަށެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، މާލޭ ޖަލު ހުޅުމާލޭ ޖަލާ އެއްކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު މި ކުރަނީ އަންނަ އަހަރުގެ ވަރަށް ކުރީކޮޅުއެ ޖަލުގެ އިންފްރާސްޓްރަކްޗާ ޑިވޮލޮޕް ކުރުމަށް ފެށިގެންދާނެ ކަމަށް،" އަހުމަދު ވިދާޅުވިއެވެ.

ކޮމިޝަނަރު އަހުމަދު ވިދާޅުވީ، މިހާރު އެ ޖަލުގެ ކުރެހުންތައް ނިމިފައިވާ ކަމަށެވެ. އަދި ޖަލުގެ ކޮންސެޕްޓް ފަރުމާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާރު ވަނީ ޖަލުގެ ޑީޓެެއިލް ޑްރޯވިންއާ ހަމައަށް އާދެވިފައި ކަމަށެވެ.

ހޯމް މިނިސްޓްރީގެ ދަށުން ޖަލު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ކަރެކްޝަންސްއިން އެކަމަށް ދޭން ޖޭހޭ އެއްބާރުލުންދޭނެ ކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮމިޝަނަރު އަހުމަދު ވިދާޅުވީ، މާފުށީ ޖަލަށްވެސް އަންނަ އަހަރު ތަރައްގީތަކެއް އަންނާނެ ކަމަށެވެ. އެގޮތުން އެ ޖަލުގައި ހަރުކަށިފިކުރުގެ މީހުން ބޭތިއްބުމަށް ހާއްސަކޮށްގެން ގާއިމުކުރާ ޔުނިޓުގެ މަސައްކަތްވެސް ވަރަށް އަވަހަށް ނިމޭނެ ކަމަށާއި މިހާރު ކުރިއަށްދާ މަސައްކަތަކީ އެ ޔުނިޓުގެ ކުދިކުދި މަރާމާތުތައް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މާފުށީ ޖަލުގައި ރިލެބިލިޓޭޝަން ސެންޓަރެއް ގާއިމުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.