އެމެރިކާގެ ރިޔާސަތުގައި އިތުރު ހަތަރު އަހަރުގެ ދައުރަކަށް ދެމިހުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕު ގެންދަނީ މަސައްކަތް ކުރަމުންނެވެ. ގަޑީގެ ކަށި ޓްރަމްޕާ ދެކޮޅަށް ބާރަކަށް އެހެރަގެން ދައުރުވަނީއެވެ. ޖެނުއަރީ ވިހިވަނަ ދުވަހަކީ ވައިޓްހައުސްއިން ޓްރަމްޕު ބޭރުވާންޖެހޭ ދުވަހެވެ. އައު ރައީސް ޖޯ ބައިޑެން ވެރިކަމުގެ ހުވާކުރާ ދުވަހެވެ. އެދުވަސް މިހިރަގެން ބޯމަތިވަނީއެވެ. ދުވަސް ކައިރިވަމުންދާވަރަކަށް ސުވާލެއް އުފެދި ބޮޑުވަމުން އެބަދެއެވެ. ރައީސް ޓްރަމްޕު އޭނާގެ ކުށްތަކަށް އަމިއްލަ ރިޔާސީ މައާފެއް ދީފާނެބާވައެވެ.

އެމެރިކާގެ ގާނޫނުއަސާސީން ރައީސަށް ލިބިދޭ އެންމެ ބޮޑު އެއްބާރަކީ ކުށްވެރިންނަށް މައާފުކޮށް މިނިވަންކުރުމުގެ ބާރެވެ. މިބާރު ހަމަ ކޮންމެ ރައީސަކުވެސް ވަނީ ބޭނުންކޮށްފައެވެ. ރައީސް ޓްރަމްޕުވެސް މިބާރު ބޭނުންކޮށްފިއެވެ. ގާނޫނުތައް މުގުރައިގެން ފަޑިޔާރުގެއިން އެކިވަރުވަރުގެ ހުކުމްތައް އިއްވާފައިވާ އެތައް ބަޔަކަށް ޓްރަމްޕުވެސް ރިޔާސީ މައާފަކުން މައާފު ދީފިއެވެ. އެކަމަކު އެއީ މުޅިންވެސް އެހެން މީހުންނަށެވެ. މަގާމުގައި ހުރެގެން ރައީސް ޓްރަމްޕު ހިންގާފައިވާކަމަށް ބުނެވޭ އަދި ބެލެވޭ ޖަރީމާތައް މަދެއްނޫނެވެ. އެކަމަށްވެސް މައާފެއް ބޭނުންވާނެއެވެ.

ރައީސް ޓްރަމްޕުގެ މައްޗަށް ކުރެވޭ ކުށުގެ ތުހުމަތު ވަރަށް ގިނައެވެ. އަމިއްލަ ބާލީހަށް ބަންޑާރަކަފަ ލެއްވުމުން ފެށިގެން ދޮގުހުވައިކުރުމާއި މަކަރާއި އޮޅުވާލުމުގެ އެތައްއެތައް ތުހުމަތެއްވެސް ކުރެވެއެވެ. ވައިޓްހައުސްއިން ބޭރުވުމާއެކު މި މައްސަލަތައް އެކި ކޯޓުތަކުގައި ހިނގައިގަންނާނެއެވެ. ހުރިހާ ތުހުމަތެއް ސާބިތުނުވިޔަސް ސާބިތުވާ ކަންކަންވެސް ހުންނާނެއެވެ. އެހެންވީމާ ޖަލަށް ދާންޖެހުމުގެ ބިރަކީ ހަގީގީ ބިރެކެވެ. ވައިޓްހައުސްއަށްފަހު ޓްރަމްޕަށް ދެން އޮތީ ޖަލުގޮޅިއެކޭ ހީވަނީ އެހެންވެގެންނެވެ.

ކުރީގެ ރައީސުން ޖަލަށްލުމަކީ ދުނިޔޭގައި އައުކަމެއް ނޫނެވެ. ދިވެހިރާއްޖެއަކީ މިކަމުގެ މިސާލެކެވެ. އެކަމަކު އެމެރިކާއަށް އައުކަމެކެވެ. ކުރީގެ ރައީސަކު އެމެރިކާގައި އަދި ދުވަހަކުވެސް ޖަލަކަށް ނުލެވެއެވެ. އޭގެ މާނަޔަކީ ޖަލަށް ދާންޖެހޭވަރުގެ ކުށެއް އެއްވެސް ރައީސަކު ކޮށްފައި ނެތުމެއް ނޫނެވެ. ދައުވާ ނުކުރެވޭނޭ ގާނޫނީ ކޮންމެވެސް އައްޑަނައެއް ހޯދަނީއެވެ. މިފަދަ އައްޑަނައެއް އެންމެފަހުން ހޯދީ 1974 ގައި ރައީސް ރިޗަޑް ނިކްސަންއެވެ. އޭނާ އިސްތިއުފާ ދިނީއެވެ. ނާއިބުރައީސް ޖެރާލްޑް ފޯޑް ވެރިކަމާ ހަވާލުވެފައި ނިކްސަނަށް ރިޔާސީ އަވަސް މައާފެއް ދިނީއެވެ.

ރައީސް ނިކްސަންވެސް އަމިއްލަ ނަފްސަށް މައާފެއް ނުދެއެވެ. އެކަމަށް މެދުވެރިކުރީ އެހެން މީހެކެވެ. އިސްތިއުފާ ދިނީމާ ދައުރުގެ ބާކީބައިގައި ވެރިކަން ކުރީ ނާއިބުރައީސެވެ. މައާފުދިނުން މަތިކުރީ ނާއިބުރައީސާއެވެ. ބައެއްމީހުން ގަބޫލުކުރާގޮތުގައި މިއީ ރައީސް ޓްރަމްޕުވެސް އަމަލުކުރުން އެކަށީގެންވާ ގޮތެވެ. އަމިއްލަ ރިޔާސީ މައާފަކުން މައާފު ހޯދުމަކީ ފަހުން ގާނޫނީ ސުވާލުތަކެއް އުފެދި މައްސަލަތަކެއް އުފަންވެދާނެ ކަމެކެވެ. ރިޔާސީ މައާފުގެ މަފްހޫމަކީ އަމިއްލަ ކަންކަމުގައި އަމިއްލަ ނިޔާއަށް ދިއުމެއްވެސް ނޫނެވެ.

މަގާމުގައި ހުރެގެން ތިމަންނާ ކޮށްފައިވާ އެންމެހައި ކަންކަން ރިޔާސީ މައާފަކުން ހިމާޔަތްކޮށްފީމޭ އެއްވެސް ފަޑިޔާރުގެއެއްގައި ތިމަންނާގެ މައްޗަށް އުފުލޭނޭ ދައުވާއެއް ނޯންނާނެޔޭ ލިޔެ ރިޔާސީ ގަރާރެއްގައި ރައީސް ޓްރަމްޕަށް ސޮއިކުރެވިދާނެއެވެ. އެހެން ހަދައިފިނަމަ ދެން ކުރިމަތިވާނޭ ގޮންޖެހުންތައް ވަކިން ގިނަވާނެއެވެ. އެއީ މިހާތަނަށް އެމެރިކާއިން ތަޖުރިބާކޮށްފައިވާ ގޮންޖެހުންތަކެއްވެސް ނޫނެވެ. ވީމާ އެންމެ ކައިރީ މިގޮތެވެ. ދައުރު ހަމަވާން ހަފުތާއަކަށްވީމާ ޓްރަމްޕު އިސްތިއުފާ ދީފާނެއެވެ.

ޓްރަމްޕުގެ ރިޔާސީ ދައުރު ނިމެން އަދި ދޮޅުމަހެއްހައި ދުވަސް އެބައޮތެވެ. މި މުއްދަތުގެ ތެރޭގައި އިތުރު ޗަރުކޭސްތައް ފެންނާނެއެވެ. ވައިޓްހައުސްއިން ބޮޑެތި ބޮޑެތި ކަންތައްތައް އަދި ފެންނާނެޔޭ ބުނެ އެކަން ރައީސް ޓްރަމްޕު ވަނީ އިއުލާނުވެސް ކޮށްފައެވެ. ޓްރަމްޕު އެ އިޝާރާތްކުރާ ކަންކަމުގެ ތެރެއިން ދެކަމެއް އަޅުގަނޑުގެ ދުރުމިޔަށް އެބަފެނެއެވެ. އޭގެތެރެއިން އެއްކަމަކީ ދައުރު ހަމަވުމުގެ ހަފުތާއެއްވަރު ކުރިން ޓްރަމްޕު އިސްތިއުފާ ދިނުމެވެ. ނާއިބުރައީސް މައިކް ޕެންސް ވެރިކަމުގެ އެންމެހައި ބާރުތަކާ ހަވާލުވުމެވެ.

މިހެން ހަދައިފިނަމަ މައިކް ޕެންސްގެ އެންމެ ފުރަތަމަ ނިންމުމަކަށްވާނީ ރައީސް ޓްރަމްޕަށް ރިޔާސީ މައާފެއް ދިނުމެވެ. އޭރުން ނިކްސަނާއި ފޯޑްގެ ތަމްސީލު ސާޅީސް ހަތް އަހަރުގެ ފަހުން އަނެއްކާވެސް ތަކުރާރުވީއެވެ. އިއާދަވީއެވެ. ހުރިހާކަމެއްވެސް ހަމަޖެހުނީއެވެ. ޖޯ ބައިޑެން މަގާމުގެ ހުވާކޮށް ބާރުތަކާ ހަވާލުވުމުގެ ރަސްމިއްޔާތުގައި ބައިވެރިނުވެ ފްލޮރިޑާގައި ގޮލްފު ކުޅޭން ހުރުމުގެ ފުރުސަތުވެސް ޓްރަމްޕަށް ލިބުނީއެވެ. މި ކަންކަން މި މަގުން ކުރުމަށް ގާނޫނީގޮތުން ކުރިމަތިވާނޭ ހުރަހެއްވެސް ނެތެވެ.