އިޓަލީއަށް 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދައިދިނުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި ޕައޮލޯ ރޮސީ މަރުވެއްޖެއެވެ.
އުމުރުން 64 އަހަރުގައި ރޮސީ މަރުވިކަން އާއިލާއިން ވަނީ ޔަގީން ކޮށްދީފައެވެ.
ސްޕެއިންގައި 1982 ވަނަ އަހަރު އޮތް ވޯލްޑް ކަޕާއެކު ރޮސީގެ ނަން މުޅި އިޓަލީގައި ވިދާލިއެވެ. ހާއްސަކޮށް މުބާރާތުގެ ސެމީ ފައިނަލްގައި ބްރެޒިލް ކޮޅަށް ހެދި ހެޓްރިކަކީ ރޮސީގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވުނު ކާމިޔާބީއެވެ. އެ މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންޔާގެ މަގާމާއި، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާވެސް އެކު ރޮސީ މުބާރާތް ނިންމާލިއިރު، އޭނާ ވަނީ އިޓަލީގެ ކްލަބުތައް ކަމަށްވާ ވިސެންޒާއާއި ޔުވެންޓަސްގެ އިތުރުން ގަދަ ބާރު އޭސީ މިލާނަށްވެސް ކްލަބު ފުޓުބޯޅަ ކުޅެފައެވެ.
އާއިލާގެ ފަރާތުން ބުނެފައި ވަނީ ރޮސީ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު ކަމަށެވެ. ރޮސީގެ އަންހެނުން ފެޑެރިކާ ކަޕަލެޓީ، ހާއްސަ ފޮޓޯއެއް އިންސްޓާގްރާމް ކޮށްފައިވާއިރު، ރޮސީ މަރުވި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.
ސެރެއާ އޭގައި 100 އަށްވުރެ ގިނަ ގޯލް ޖަހާފައިވާ ހުނަރުވެރި ކުޅުންތެރިޔާ ރޮސީ، ގައުމީ ޓީމަށް ކުޅުނު 48 މެޗުން 20 ގޯލް ޖަހާފައިވެއެވެ. 1982 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޭނާ ދެއްކި ތަފާތު މޮޅު ކުޅުމާއެކު އެއަހަރު ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލިބިފައި ވަނީ ރޮސީއަށެވެ. އެ އެވޯޑަކީ މިހާރުގެ ނަމުންނަމަ ބެލޮންޑިއޯއެވެ.
1980 ގެ ފަހުކޮޅުގައި ފުޓުބޯޅައިން ރިޓަޔާވެ، ރޮސީ މަސައްކަތް ކުރީ ސްކައިގެ އިތުރުން އިޓަލީގެ މަޝްހޫރު ޓީވީ ޗެނަލެއް ކަމަށްވާ ރައި ގެ ފުޓުބޯޅަ އެނަލިސްޓަކަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު