އެފްއޭއެމް ޗެރިޓީ ޝީލްޑް މެޗުގައި އެންމެފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ނުކުންނަން ޖެހުނަސް ޖެހިލުން ނުވާ ކަމަށާއި، ކުޅުންތެރިންނަށް އިތުބާރު އެބައޮތް ކަމަށް، ކްލަބު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

މިރޭ ގައުމީ ދަނޑުގައި 9:00 ގައި އޮންނަ ޗެރިޓީ މެޗަކީ ސީޒަން ހުޅުވުމަށް ކުޅޭ މެޗެކެވެ. މި ސީޒަނަށް އީގަލްސް ވެފައިވާ ތައްޔާރީތަކާއި ގުޅިގެން ވާހަކަ ދައްކަމުން ކޯޗު މޯހަން ބުނެފައި ވަނީ ޓީމުގެ މުހިއްމު ދެ ކުޅުންތެރިޔަކު ޓީމުން ދިޔުމުގެ އިތުރުން، ޓީމަށް ގެންނަން އޮތް ބިދޭސީ ކުޅުންތެރިން ޓީމާ ނުގުޅި އޮތުމަކީ މާޔޫސް ކަމެއް ކަމަށެވެ.

"އެއްވެސް ބޭރު ކުޅުންތެރިއެއް ނެތި މި ކުޅެން ޖެހެނީ ރާއްޖޭގައި އޮތް އެންމެ މޮޅު އަދި އެންމެ ވަރުގަދަ ޓީމާ. މާޒިޔާއަކީ ވަރަށް ގަދަ ވަރަށް ނުރައްކާ ޓީމެކޭ ދަންނަވަން ޖެހޭނީ. އެހެން ނަމަވެސް އަޅުގަނޑުމެން އެއްގޮތަކަށް ވެސް އެ ކަހަލަ ޖެހިލުންވުމެއް ނޯންނާނެ. އީގަލްސްގެ ކުޅުންތެރިންނަށް ވަރަށް އިތުބާރު އެބައޮތް. އުއްމީދަކީ އިރާދަކުރެއްވިއްޔާ ރަނގަޅު ފައިޓެއްދީ ކާމިޔާބެއް ހޯދުން،" މޯހަން ބުންޏެވެ.

މޯހަން ބުނެފައި ވަނީ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ކެޕްޓަން، ސުޖަން ޕެރޭރާއައި، ގައުމީ ޓީމުގެ ފޯވަޑް އަލީ ފާސިރް (ސެންޓޭ) ދިޔުމަކީ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށާއި، މިހާރު ބަލަމުން އަންނަނީ އެ ކުޅުންތެރިން ނެތްތަން ފޫބެއްދުމަށް ކަމަށެވެ.

އީގަލްސްއިން ލީގުގެ ފުރަތަމަ ކޮޅުގައި ކުޅޭނީ ބޭރުގެ ގޯލްކީޕަރެއް ނުލައެވެ. ބަދަލުގައި ކުޅޭނެ ކަމަށް ބެލެވެނީ 19 އަހަރުން ދަށުގެ ގޯލްކީޕަރު ހަސަން އަލީފެވެ. ރާއްޖޭގެ އެންމެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅުމަކީ ޒުވާން ގޯލްކީޕަރަށް ބޮޑު ޕްރެޝަރެއްގެ ގޮތުގައި މޯހަން ސިފަކޮށްފައިވާއިރު، އޭނާ ބުނީ އޭއެފްސީ ކަޕްގެ ކޮލިފިކޭޝަނަށް ދާއިރު، އެސްޓެބްލިޝްޑް ތަޖުރިބާކާރު ގޯލްކީޕަރެއް ބޭނުންވާ ކަމަށެވެ.

އީގަލްސްއަށް މި ސީޒަންގެ އޭއެފްސީ ކަޕް ކޮލިފިކޭޝަންގެ ފުރުސަތު ލިބިފައިވާއިރު، އެ ޓީމަށް ތައްޔާރީތައް ލަސްވީ މާލީ ކަންކަން ދަތިވުމުން ކަމަށް ކުރިން ކްލަބުގެ މެނޭޖުމަންޓުން ވަނީ ފާހަގަކޮށްފައެވެ.

އީގަލްސްގެ ކެޕްޓަން ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ބުނީ އެހާ ގިނަ ދުވަހު ނުކުޅެ ހުރެފައި އައިސް ތައްޔާރުވާން ބަލާއިރު އެންމެ ބޭނުންވި ވަރަށް ޕްރީ ސީޒަނަށް ވަގުުތު ނުލިބުނު ކަމަށާއި އެހެން ނަމަވެސް ފުރަތަމަ މެޗާ ކުރިމަތިލާއިރު ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މެޗަށް ތައްޔާރުވެގެން ކަމަށެވެ.