ދިވެހި ފުޓުބޯޅަ ސީޒަން މިރޭ ފެށުމަށް ތައްޔާރުވެފައިވާއިރު، ކުރިއަށް އޮތް ސީޒަނަކީ ވާދަވެރި، އުނދަގޫ ސީޒަނަކަށް ވެގެންދާނެ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

މާޒިޔާއިން އީގަލްސްއާ ދެކޮޅަށް ކުޅޭ އެފްއޭއެމް ޗެރިޓީ ޝީލްޑް މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ނިޒާމްބެ ބުނެފައި ވަނީ ކުރިއަށް އޮތް ސީޒަނަކީ ވަރަށް ވާދަވެރި ސީޒަނަކަށް ވާނެ ކަމަށާއި، ކުޅުންތެރިންތެރިން ބެހިގެން ގޮސްފައިވާ ގޮތުން ސީޒަންގެ ނަތީޖާތައް އަންދާޒާކުރަން އުނދަގޫ ވާނެ ކަމަށެވެ.

"ކުޅުންތެރިންނަށް ވިސްނައިދީފައި ވާނެ މެންޓާލިޓީއަކީ ކޮންމެ މެޗެއްވެސް އުނދަގޫވާނެކަން. އެކަމަށް މަސައްކަތް ކުރުމަށް ސައިކޮލޮޖިކަލީ ތައްޔާރުވެފައި ކުޅުންތެރިން ތިބޭނީ. ވިސްނަން ޖެހޭނީ މެޗުގެ ހާލަތު ބަދަލުވާނެ ގޮތަކަށް. އެއްވެސް މެޗެއް ފަސޭހައެއް ނުވާނެ. މިދިޔަ ސީޒަނަށްވުރެ މި ސީޒަން އުނދަގޫވާނެ. ވަރަށް ހަމަހަމަކަން ބޮޑު. ކުޅުންތެރިން ޓީމުތަކަށް ބެހިގެން ދިޔަތަން ފެނިގެން ދިޔަ. މިއީ ވާދަވެރި ސީޒަނެއް،" ނިޒާމްބެ ފާހަގަ ކޮށްފައިވެއެވެ.

އެންމެފަހުގެ ޗެމްޕިއަން މާޒިޔާއަކީ މި ސީޒަނަށް އެންމެކުރިން ތައްޔާރީތައް ފެށި ޓީމެވެ. ނިޒާމްބެ ބުނެފައި ވަނީ އެންމެ ފުރަތަމަ އޭއެފްސީ ކަޕްގެ މެޗުތަކަށް ތަމްރީނު ކުރަން ފެށިއިރު، ކުޅުންތެރިންގެ ފިޓްނަސް ލެވެލް ހުރިވަރުން ކަންބޮޑުވެ، ޕާސަނަލް ރޫޓީންތަކެއްގައި ފިޓްނަސް ރަނގަޅުކުރަން ބުނެފައިވާ ކަމަށެވެ. އެފަހަރު ފަރިތަކުރުންތައް މެދުކަނޑާލައި، ދެން އަލުން މި ސީޒަނަށް ތައްޔާރުވާން ފެށުމަށް އެނބުރި އައިއިރު، ކުޅުންތެރިންގެ ފިޓްނަސް ބޮޑުތަނުން ރަނގަޅުކޮށް، ޕްރީ ސީޒަނަކަށް ތައްޔާރުވެފައިވާކަން ފާހަގަކޮށްފައި ވެއެވެ.

"ޕްރި ސީޒަން ޓްރެއިނިން ނުވަ ހަފްތާ މިހާރު ވަނީ ނިންމާލެވިފައި. އެއީ ސްޓްރެންތަނިންނާއި ޓެކްޓިކަލް، އެހެން ގޮސް ހުރިހާ ކަމެއް ފުރިހަމަ ކުރެވިފައި ވަނީ. ވަރަށް ރަނގަޅަށް ޓީމު ވަނީ އެކުލަވާލެވިފައި. ވަރަށް ފުރިހަމައަށް މިއޮތީ ތައްޔާރުވެފައި. ދެން އިތުރަށް އެނގޭނީ މެޗުތައް ކުޅެން ފެށީމަ. ވަރަށް ފުރިހަމަ ޕްރީ ސީޒަނެއް ނިންމާލެވުނީތީ ވަރަށް އުފާކުރަން،" ޕްރި ސީޒަނާއި ގުޅިގެން ނިޒާމްބެ ފާހަގަކުރިއެވެ.

އިއްޔެގެ ޕްރެސްގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ފާހަގަކޮށްފައި ވަނީ ޕްރީ ސީޒަން އެކުލަވާލާފައިވާ ގޮތާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި، ކުޅުންތެރިން ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ތިބި ކަމަށެވެ. އަދި ހުރިހާ ކުޅުންތެރިންވެސް މިހާރު ތިބީ މެޗެއް ކުޅެލަން ކެތްމަދުވެފައި ކަމަށް އަސައްކޮ ފާހަގަކުރިއެވެ.

މާޒިޔާއާއި ކްލަބު އީގަލްސް ވާދަކުރާ ޗެރިޓީ މެޗު އޮންނާނީ މިރޭ 9:00 ގައެވެ. މެޗުގެ ރެފްރީއަކަށް ގެނެސްފައި ވަނީ 2011 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބާސެލޯނާއާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު އޮފިޝިއޭޓް ކުރި ވިކްޓޯ ކަސާއީއެވެ.