ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުމީ މުބާރާތް 2020 ގެ ފައިނަލް ބުރަށް 343 ބައިވެރިން ހޮވިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ މުބާރާތުގައި ބައިވެރިވުމަށް ޖުމްލަ 2593 ބައިވެރިން ވީޑިއޯ ހުށަހެޅި ކަމަށެވެ. އެއީ ދިގު ރާގަށް ކިޔެވުމަށް ހުށަހެޅި 195 ބައިވެރީންނާއި ކުރު ރާގަށް ކިޔެވުމަށް ހުށަހެޅި 2398 ބައިވެރިންނެވެ.

އޭގެ ތެރެއިން ފައިނަލް ބުރަށް ހޮވިފައި ވަނީ 343 ބައިވެރިންނެވެ. އެއީ ކުރު ރާގަށް ކިޔެވުމަށް ހުށަހެޅި 309 ބައިވެރީންނާއި ދިގު ރާގަށް ކިޔެވުމަށް ހުށަހެޅި 34 ބައިވެރިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މުބާރާތުގައި ބައިވެރިވި ކަމުގެ ހަނދާނީ ލިޔުން ޕޯޓަލް މެދުވެރިކޮށް އަމިއްލައަށް ޖެނެރޭޓް ކުރެވޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މުބާރާތުގެ ފައިނަލް ބުރަށް ހޮވުނު ބައިވެރިންގެ ލިސްޓް އިއުލާންކޮށްފައެވެ.

މިނިސްޓްރީން ބުނީ ފައިނަލް ބުރަށް ހޮވިފައިވާ ބައިވެރިންގެ ކިޔެވުމުގެ ރެކޯޑިން ހުށަހަޅަން ޖެހޭނީ މި މަހު 13 އިން 17 އަށް ޕޯޓަލް އަދި ވައިބާ މެދުވެރިކޮށް ކަމަށެވެ. ކޮންމެ ބައިވެރިޔަކު ފައިނަލް ބުރުގައި ހުށަޅަން ޖެހޭނީ ވީޑިއޯ ރެކޯޑިންއެކެވެ.

  • ބައިވެރިޔާ އަޅާ ހެދުމަކީ އިސްލާމީ އުޞޫލުތަކާއި އެއްގޮތްވާފަދަ ހެދުމެއް ކަމުގައިވުން
  • އެހެނިހެން އަޑުތައް ނާރާގޮތަށް ސާފުކޮށް ވީޑިއޯ ރިކޯޑުކުރުން
  • ވީޑިއޯ ސާފުކޮށް ފެންނަވަރަށް އަލި ހުރުން
  • ލޭންޑް ސްކޭޕްކޮށް ނުވަތަ ވައިޑް ސްކްރީންކޮށް ކެމެރާ ކުރުން
  • ވީޑިއޯ ކުރާއިރު ކިޔަވާ ބައިވެރިޔާގެ މޫނާ އެއް ހަމައަކަށް ކެމެރާ ބެހެއްޓުން
  • ވީޑިއޯ ކޮށްފައިހުންނައިރު ކިޔާވާ ބައިވެރިޔާގެ މޭކަށިގަނޑުން ފެށިގެން މަތި ރީތިކޮށް ވީޑިއޯއިން ފެންނަން ހުރުން
  • ބެކްގުރައުންޑުގައި އެއްވެސް ކަހަލަ މަންޒަރެއް ނެތް ސާފު ބެކްގްރައުންޑަކަށްވުން

ކީރިތި ޤުރާނާބެހޭ ގައުމީ މަރުކަޒާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ފެށީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. މި މުބާރާތަކީ އަށް އުމުރުފުރާއަަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.