ރާއްޖޭގެ ދެކުނުގައި އޮތް ކޮޅިގަނޑު އިތުރަށް ބާރު ގަދަވަމުން އަންނަ ކަމަށް މޯލްޑިވްސް މީޓިރޮއޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފިއެވެ.

މެޓް އޮފީހުގެ ފޯކާސްޓަރު "ވަން" އަށް ވިދާޅުވީ ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން ރާއްޖެއަށް އަސަރު ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ކޮޅިގަނޑު ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް ކަމަށް ވިދާޅުވި އެވެ.

ކޮޅިގަނޑުގެ އަސަރު ކުރާނެ ކަމަށް ބެލެވެނީ ރާއްޖޭގެ ދެކުނާއި މެދުރާއްޖެ ތެރެއަށް ކަމަށާއި އެ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ބެލެވޭ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

ރާއްޖޭގެ އުތުރުގައި އުފެދިފައިވާ ތޫފާން "ބުރެވި" އިންޑިއާ އަށް އަރާފައިވާއިރު ތޫފާނުގެ ބާރު ވަނީ ދަށްވެ ކޮޅިގަނޑަކަށް ވަނީ ބަދަލުވެފަ އެވެ. އަދި އެ ތޫފާން އަރަބި ކަނޑާ ދިމާލަށް ދަތުރު ކުރަމުން އަންނައިރު އަރަބި ކަނޑަށް އެރުމާއެކު ތޫފާނުގެ ބާރު ގަދަވެދާނެ ކަމަށް ބެލެވޭ ކަމަށް މެޓުން ބުނެ އެވެ.