ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޓްރެވެންޑްރަމް އެއާޕޯޓް މާދަމާ ބަންދުކުރަން ނިންމައިފިއެވެ.

ތޫފާން "ބުރެވި" އިންޑިއާއާ ދިމާލަށް މިސްރާބު ޖަހާފައިވާ އިރު، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އެގައުމުން ވަނީ އަޅައިފައެވެ.

އިންޑިއާގެ ކެރެލާއަށް މިރޭ ތޫފާން އަރާނެ ކަމަށް ބެލެވޭއިރު ކެރެލާގެ ގިނަ ހިސާބުތަކެއް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. ކެރެލާގެ ބައެއް ސަރަހައްދުތައް ބަންދުކޮށްފައިވާ އިރު، އެ ސްޓޭޓުގައި ހުންނަ ޓްރެވެންޑްރަމް އެއާޕޯޓުވެސް ބަންދުކުރުމަށް ވަނީ ނިންމައިފައެވެ.

ޓްރެވެންޑްރަމް އެއާޕޯޓް މާދަމާ ހެނދުނު 10:00 އިން ފެށިގެން ހަވީރު 6:00 އަށް ބަންދުކުރުމަށް އެގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ ނިންމައިފައެވެ.

މީގެ ކުރިން ޓެރެވެންޑްރަމަށް ރެޑް އެލާޓް ނެރެފައިވީ ނަމަވެސް، ތޫފާނުގެ ބާރު ދަށްވުމާއެކު އެލާޓް ލެވެލް ވަނީ އޮރެންޖަށް ބަދަލުކޮށްފައެވެ.