ތޫފާން "ބުރެވި"ގެ ބާރުގަދަ ވުމާއެކު އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ރެޑް އެލާޓް ނެރެފިއެވެ.

އިންޑިއާގެ ނެޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް ތައްޔާރީ ހާލަތަކަށް ގެނެސްފައިވާ އިރު، ތޫފާން "ބުރެވި" މިއަދުގެ ވަގުތެއްގައި އިންޑިއާއަށް އަރާނެ ކަމަށް ބެލެވެއެވެ.

އިންޑިއާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކެރެލާ ސްޓޭޓްގެ ހަތަރު ސަރަހައްދެއްގައި ވަނީ ރެޑް އެލާޓް ނެރެފައެވެ.

އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނީ މިއަދާއި މާދަމާ އެގައުމުގެ އެކި ހިސާބުތަކަށް ތޫފާން "ބުރެވި"ގެ އަސަރުކުރާނެ ކަމަށް ބެލެވޭ ކަމަށާއި ވައިގެ ބާރުމިން ގަޑިއަކު 70 އާއި 80 ކިލޯމީޓަރު ބާރުމިން ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކެރެލާގެ ބައެއް ސަރަހައްދުތަކަށް ރެޑް އެލާޓް ނެރެފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ޓްރެވެންޑްރަމް ވެސް ހިމެނެއެވެ.

ރެޑް އެލާޓްގެ އިތުރުން އިންޑިއާގެ ބައެއް ސަރަހައްދުތަކަށް އޮރެންޖް އަދި ޔެލޯ އެލާޓް ވެސް އިއުލާންކޮށްފައިވެއެވެ.