ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ދަށުން ހދ. ކުރިނބީގައި އައުޓްޑޯ ޖިމެއް ގާއިމުކޮށްފިއެވެ.
ބީއެމްއެލުން ބުނީ މި ޖިމަކީ ކުރިނބީގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމުގެ ގޮތުން އާދަމް ޝަޒީމް އިސްނަގައިގެން އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ ކުރިނބީ ޔޫތު މޫވްމަންޓުން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެއް ކަމަށެވެ.
ކުރިނބީގައި ކުޅިވަރު ކުޅުމަށް ހާއްސަކޮށްފައި އޮންނަ ސަރަހައްދުގައި ހުޅުވުނު މި ޖިމްގައި ކަސްރަތު ކުރުމަށް ތަފާތު ހަތް އައުޓްޑޯ އިކުއިޕްމަންޓް އެކުލެވެއެވެ. މީގެ ތެރެއިން ތިން މެޝިނަކީ ކޮމިއުނިޓީ ފަންޑުގެ އެހީގައި ފޯރުކޮށްދީފައިވާ ތަކެތި ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސްގެ މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޖެކްޓްތަކަކީ ރަށުގެ ރައްޔިތުންނަށް ދުރު މުސްތަގުބަލުގައި ވެސް ފައިދާކުރާނެ ޕްރޮޖެކްޓްތަކަކަށް ވުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި ކޮމިއުނިޓީ ފަންޑުގެ ދަށުން ގާއިމުކުރެވުނު މި ޖިމަކީ ކުރިނބީގެ ކުދި ބޮޑު އެންމެންނަށް ވެސް ދުޅަހެޅޮ ސިއްހަތެއްގައި ހުރުމަށްޓަކައި ބޭނުންކުރެވޭނެ އިކުއިޕްމަންޓާއެކު ގާއިމުކުރެވިފައިވާ ތަނެއް ކަމަށެވެ.
"ހަށިހެޔޮ އަދި ދުޅަހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމަށް އެކި ހަރަކާތްތައް ހިންގުމަކީ އަޅުގަނޑުމެން ސީއެސްއާރު ސްޓްރެޓެޖީގެ މުހިންމު އެއް ބައި. މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން." ސައީދު ވިދާޅުވިއެވެ.
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިދިޔަ އަހަރު ބީއެމްއެލުން ތައާރަފުކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު