ކުރިން ސެނެގާލްގެ ގައުމީ ޓީމުގެ އިތުރުން، ޕްރިމިއާ ލީގުގެ ފުލްހަމްއާއި ޕޯޓްސްމައުތަށް ކުޅުނު މިޑްފީލްޑަރު ޕާޕާ ބޯބާ ޑިއޮޕް، އުމުރުން 42 އަހަރުގައި މަރުވެއްޖެއެވެ.
ކުއްލިއަކަށް ޑިއޮޕް މަރުވެފައިވާއިރު، އޭނާގެ މަރާ ގުޅޭ އިތުރު ތަފްސީލު އާއިލާއިން ހާމަކޮށްފައެއް ނުވެއެވެ. ޕްރިމިއާ ލީގަށް 129 މެޗު ކުޅެދީފައިވާ ޑިއޮޕް ވަނީ ފުލްހަމްއާއި ޕޯޓްސްމައުތުގެ އިތުރުން އިނގިރޭސި ކްލަބުތައް ކަމަށްވާ ވެސްޓްހަމްއާއި ބާމިންހަމް ސިޓީއަށްވެސް ކުޅެފައެވެ.
ޑިއޮޕަކީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސެނެގާލްގެ ހީރޯއެކެވެ. މުބާރާތް ފެށި މެޗުގައި ފްރާންސް ކޮޅަށް ގޯލް ޖަހައި، އެ މެޗު ސެނެގާލްއަށް 1-0 އިން ކާމިޔާބު ކޮށްދީ، ޑިއޮޕް މަޝްހޫރުކަން ހޯދާފައިވާއިރު، އެ މުބާރާތުގެ ކުއާޓާއަށް ސެނެގާލް ދިޔުމުގައި ޑިއޮޕްގެ ދައުރު ބޮޑެވެ. އެގޮތުން ގްރޫޕް ސްޓޭޖު ފަހު މެޗުގައި އުރުގުއޭ ކޮޅަށްވެސް ޑިއޮޕް ވަނީ ދެ ގޯލް ޖަހައިފައެވެ. އެ މެޗު ނިމުނީ ސެނެގާލްއާއި އުރުގުއޭ 3-3 އިން އެއްވަރު ވެގެންނެވެ.
"ކުރިން ވޯލްޑް ކަޕްގެ ހީރޯއަކީ އަބަދުވެސް ވޯލްޑް ކަޕްގެ ހީރޯއެއް،" ފީފާއިން ޑިއޮޕަށް ދިން މެސެޖުގައި ބުނެފައި ވެއެވެ.
ޑިއޮޕް ވަނީ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ރަނަރަޕްކަން 2002 ވަނަ އަހަރު ގައުމީ ޓީމާއެކު ހޯދައިފައެވެ. އޭނާ ފުޓުބޯޅައިން ރިޓަޔާ ކޮށްފައި ވަނީ 2013 ވަނަ އަހަރުއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު